ޚަބަރު

މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތި މެއިމަހު އިޢުލާންކުރެވޭނެ: އަސްލަމް


މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރުގެ މޭއި މަހު، ގޯތި ދޫކުރެވޭނެ ފަރާތްތައް ކަނޑައަޅާ ނިމޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއްގެނެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅާއެއްގޮތަށް ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދިކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މިދިޔަ އޮކްޓޫބަރު 15 އަށް މުއްދަތު ހަމަވިއިރު، ފްލެޓާއި ގޯއްޗަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ގެދޮރުވެރިން ޕޯޓަލަށް ހުށަހަޅާފައިވެއެވެ. އެގޮތުން ބިންވެރިޔާ ސްކީމަށް 15،164 ފޯމު އަދި ގެދޮރުވެރިޔާ ސްކީމަށް ޖުމްލަ 20،697 ފޯމު ހުށަހަޅާފައިވެއެވެ.

މި މަސައްކަތް މިހާރު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މިވަގުތުވެސް ފޯމްތައް ދިރާސާކޮށް ބެލުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއިން ކުރަމުންދާކަމަށެވެ.

މިހާރު ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވެފައިވާއިރު ފޯމުތައް ހުށައަޅަމުންދިޔައިރުވެސް މިނިސްޓްރީއިން ފޯމުތައް ބެލުމަށްފަހު، ފޯމުގައި ހުރި ރަނގަޅުކުރަންޖެހޭ މަޢުލޫމާތުތައް އެފަރާތްތަކަށް ގުޅާ ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރިއަށްދިޔަކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ގޯތި ދޫކުރުމުގެ ކަންކަން ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޓީއެއް އެކުލަވާލެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކޮމިޓީ އެކުލަވާލެއްވުމުން، ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ފޯމުތައް އިވެލުއޭޓްކޮށް ޝޯޓްލިސްޓްކޮށް ނިންމާ ގޯތި ދޫކުރެވޭ ފަރާތްތައް ޢިއުލާންކުރެވޭނެކަމަށް ބަލަނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި ހުޅުމާލެއިން ބިން ދޫކުރާނެ ސަރަޙައްދުތައް މިހާރު ކަނޑައަޅައި ނިމިފައިވާކަމަށް މިނިސްޓަރ އަސްލަމް ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ. ގުޅީފަޅުގެ ބިން ދޫކުރާނެ ސަރަޙައްދުތައް ގުޅީފަޅުގެ ޕްލޭންގައި ކަނޑައަޅާފައި އޮތްނަމަވެސް އެތަން ހިއްކަން ނުފެށޭކަމުގެ ކަންބޮޑުވުން މިނިސްޓަރ ވަނީ ފާޅުކުރައްވާފައެވެ.

ލޯނު ހަމަޖެހި ކޮންޓްރެކްޓް ހަމަޖެހިފައިވީނަމަވެސް ނިންމަންޖެހޭ ބައެއް އިދާރީ މަސައްކަތްތައް ހުރުމުގެ ސަބަބުން އަދި ޔޫރަޕްގެ ބޭންކަކުން ހަމަޖެހުނު ލޯނެއްކަމަށްވުމުން ނިންމަންޖެހޭ ބައިވަރު ލިޔެކިޔުންތަކުގެ މަސައްކަތް ހުރުމާއެކު މަސައްކަތް ދިގުލައިގެންދާކަން މިނިސްޓަރ އަސްލަމްވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގގޯއްޗާއި ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. މިގޮތުން 3000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު މީގެތެރެއިން 1000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުންނެވެ. އަދި ހުޅުމާލެއިން 4000 ފްލެޓް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.