ޚަބަރު

ޅ. އަތޮޅުގެ އާރްޓީއެލްގެ ޓެސްޓު ދަތުރުތައް އަންނަ ހަފްތާއަށް


އެމް.ޓީ.ސީ.ސީއިން ޅ. އަތޮޅުގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ އާރްޓީއެލް ސްޕީޑް ފެރީ ޚިދުމަތުގެ ޓެސްޓު ދަތުރުތައް ފެށުން އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ. ކުރިން ޕްލޭންކޮށްފައި އޮތް ގޮތުން މިއަދުން ފެށިގެން ޅ. އަތޮޅުގައި އެމްޓީސީސީއިން ކުރިއަށްގެންދަން ރާވާފައިވަނީ ޓެސްޓު ދަތުރުތަކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ފެރީގެ ޚިދުމަތް ދެވަނަ ފިޔަވަހީގެ ދަށުން ޅ. އަތޮޅުގައި ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވަނީ ޚިދުމަތުގައި ބޭނުންކުރާނެ ފެރީ ލޯންޗްތައް، ޅ. އަތޮޅަށް ފޮނުވާލާފައެވެ. މީގެކުރިން މިމަހުގެ 17 އިން 20 އަށް ކަސްޓަމަރުންނާއެކު ޓެސްޓު ދަތުރުކުރަން ރާވާފައިވީނަމަވެސް އެމް.ޓީ.ސީ.ސީއިން މިހާރުވަނީ އެ މުއްދަތު ފަސްކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމާއެކު މިމަހުގެ 17 އިން 20 އަށް ކަސްޓަމަރުންނާއި ނުލައި، ޓެކްނިކަލް ޓެސްޓު ދަތުރުތަކެއް ޅ. އަތޮޅުގައި ކުރުމަށް ހަމަޖެހިފައިކަމަށެވެ. އަދި ކަސްޓަމަރުންނާއެކު ޓެސްޓު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން 27 ގެ ނިޔަލަށް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އަޖުމަބެލުމަށް ފަށާ ދަތުރުތަކުގައި އަންނަ ހަފްތާގައި ދަތުރުކުރާނީ ހިލޭކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. 13000 މީހުންގެ އާބާދީއަކާއެކު ޅ. އަތޮޅުގައި އޮންނަނީ މީހުން ދިރިއުޅޭ 5 ރަށެވެ. ޅ. އަތޮޅުގައިވެސް ފެރީ ޓިކެޓުތައް އުޅޭނީ 35 ރުފިޔާއާއި 125 ރުފިޔާއާއި ދެމެދުގައިކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

ޅ. އަތޮޅަށް ފަހު ދެން އެންމެ އަވަހަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދަނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އާރްޓީއެލްގެ ޚިދުމަތުން މުޅި ރާއްޖެ އަންނަ އަހަރު އެއްކޮށް ގުޅާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.