މާލޭ ސަރަޙައްދުގެ ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގައި އަލަކުން ކިޔައިދޭކަށް ވާހަކެއް ނެތެވެ. ދުރު ވިސްނުންނެތި މަރުކަޒީ ނިޒާމު ހިންގުމުގެ ހިތި މިސާލަކަށް ވެރިރަށް މާލެ ފުދެއެވެ. ބޭސްފަރުވާއާއި، ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތައް ލިބެން އޮތް ހަމައެކަނި ތަނަކީ މާލެއަށް ވުމަކީ، ރަށުގެ ހިތްފަސޭހަ ދިރިއުޅުން ދޫކޮށް އެތަށް އާއިލާތަކުން މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވި ސަބަބެވެ.
ހަތަރުކަށިމަތި މާލޭގެ އާބާދީ 60000 އިން މައްޗަށް އަރައެވެ. މާލޭ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މި ސަރަޙައްދުގެ އާބާދީ 200000 އަށްވުރެ އިތުރެވެ. ބިދޭސީންގެ އާބާދީ އެހާމެ ބޮޑެވެ. ނަތީޖާއަކަށްވީ އިރުގެ އަލިކަމެއް، ގުދުރަތީ ވައިކޮޅެއް ލިބެންް ނެތް ކުދިކުދި ގޮޅިތަކުގައި، މުޅި އާއިލާ ގޮވައިގެން ދިރިއުޅުން ނިންމާލަންޖެހުމެވެ.
ހުދު މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ގިނައީ، އަމިއްލަ ވަޒަނުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން އުޅޭ އާއިލާތަކެވެ. މާލެ ސަރަޙައްދުން އެންމެ ފަހުން ގޯތި ދޫކުރިކަމަށް ފެންނަން އޮތީ މީގެ 30، 40 އަހަރު ކުރިންނެވެ. އޭގެ ފަހުން އާއްމު އުޞޫލުން މާލޭގެ ރައްޔިތަކަށް ލިބުނު ބިމެއް ނެތެވެ. ދޫކުރާނެ ބިމެއް ނުވެސް ނެތެވެ.
މިއަށްފަހު ބޯހިޔާވަހިކަމުގެ ނިޒާމު ބަދަލުވީ، ފްލެޓް ތަރައްޤީކޮށް އެތަންތަން ބޯހިޔާވަހިކަމަށް ދޫކުރާގޮތަށެވެ. މާލޭގައި ހަދާފައިވާ ސިނަމާލެ ފްލެޓްތަކާއި، އޭރުގެ ސަރުކާރުން ހުޅުމާލެ ތަރައްޤީކޮށް އެތަނުގައި ފްލެޓް އަޅާ ދޫކުރަން ފެށިއެވެ. އަދި ވިޔަފާރު އުޞޫލުން ބިން ވިއްކިއެވެ. ނަމަވެސް މިއީ މައްސަލަ ޙައްލުކުރުމުގެ ދިގުރާސްތާ ޕްލޭނެއް ނޫނެވެ.
ޚާއްސަކޮށް މާލޭގެ ރެޖިސްޓްރީއާއި ދަފްތަރުގައި ތިބި މީހުންނަކީ، އެހެން ތަނަކުން ބިން ލިބޭނެ ބައެއްވެސް ނޫނެވެ. މިހާތަނަށްވެސް މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ބޯހިޔާވަހިކަމެއް ހިންގާފައެއް ނުވެއެވެ. މިއޮތް ހުރިހާ ދުވަހު މާލޭގެ ރައްޔިތުންތިބީ އެމީހުންގެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމުގެ އިންތިޒާރުގައެވެ.
މި އުއްމީދު އެ ރައްޔިތުންނަށް އާ ކޮށްދިނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެން މާލޭގެ ރައްޔިތުންނަށް ދެއްވި އުފާވެރި ޚަބަރާއެކުއެވެ.
މާލެ ސަރަޙައްދުގެ ރައްޔިތުންނަށް މި ދަޢުރު ނިމުމުގެ ކުރިން "ބިންވެރިޔާ"ސްކީމްގެ ދަށުން 3000 ގޯތި ދޭނެކަމުގެ ޔަޤީންކަން ދެއްވާ އެ މަސައްކަތް ވަނީ ފައްޓަވާފައެވެ. މީގެތެރޭގައި ހިމެނެނީ ހުޅުމާލެ ދެވަނަ ދިޔަވަހިން 1000 ގޯތި އަދި ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. މާލެ ރައްޔިތުންނަށް ޚާއްސަކޮށް 3000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި މި ފުރުޞަތުގެ މުއްދަތުގައި ޖުމްލި 15000 އަށްވުރެ ގިނަ ފޯމު ހުށައެޅިއެވެ.
މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ގުޅީފަޅު އިތުރަށް ހިއްކުމާއި އަދި ގިރާވަރު ފަޅު ހިއްކާ އެތަނުން އިތުރު 2000 ގޯތި ދޫކުރާނެކަން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުވަނީ އިޢުލާނުކުރައްވާފައެވެ.
މިވަގުތަށް ބަލާއިރު، ސަރުކާރުން އެކި ކުންފުނިތަކާ ޙަވާލުކޮށްގެން މާލެ ސަރަޙައްދުގައި 6000 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުން ކުރިއަށްދެއެވެ. އެއީ 54 ޓަވަރުގެ މަސައްކަތެވެ.
މީގެތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓަކީ "ގެދޮރުވެރިޔާ" ސްކީމްގެދަށުން ތަރައްޤީކުރާ 4000 ހައުސިން ޔުނިޓްގެ މަސައްކަތްކެވެ. މި ފުރުޞަތަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް ބައިވެރިވެވޭ ސްކީމެކެވެ. މި ސްކީމްގެ ދަށުން ފްލެޓް ބޭނުންވެގެން 20000 އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ނިމެމުންދާވަރަކަށް، އަންނަ އަހަރުގެ މޭމަހުން ފެށިގެން ދޫކުރަން ފަށާނެކަމަށް ސަރުކާރުން ހާމަކުރެއެވެ. މިއީ 2 ކޮޓަރިއާ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ.
ދެން ހިމެނެނީ އަމިއްލަ ބައެއް ކުންފުނިތަކާ ޙަވާލުކޮށް ކުރިއަށްގެންދާ 2175 ހައުސް ޔުނިޓްގެ މަސައްކަތެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގައި ކުރިއަށްދާ މި މަސައްކަތުގައި، އެކި ފަންތިއަށް ޚާއްސަ މަޝްރޫޢުތައް ހިމެނެއެވެ. މީގެ ދަށުން ޙަވާލުކޮށްފައިވާ ހުރިހާ މަޝްރޫޢުއެއްވެސް މިހާރު ވަނީ ފަށާފައެވެ.
ސަރުކާރުން ތަރައްޤީކުރާ ސޯޝަލް ހައުސިންގގެ ފްލެޓްތަކުގެ އަގު އުޅޭނީ 5500 އާއި 8600 ރުފިޔާއާއި ދެމެދުއެވެ. މީގެތެރޭގައި 2 ކޮޓަރިއާ 3 ކޮޓަރީގެ އެޕަރޓްމަންޓްތައް ހިމެނެއެވެ.
މީގެއިތުރުން ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިިނަރެސް މަޝްރޫޢުގެ މަސައްކަތް ނިމި، އެތަންތަން ލިބޭ ފަރާތްތަކުގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މިއީ 1344 ހައުސިންގ ޔުނިޓެވެ.
މުޅި މާލެ ސަރަޙައްދަށް ބަލާއިރު މިހާރު ކުރިއަށްދާ މަސައްކަތާއެކު 11000 އަށްވުރެ ގިނަ އާއިލާއަށް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުގެ ވިސްނުމަކީ، ތޮއްޖެހުން ކުޑަ، ޖީބަށް ލުއި، ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެގޮތް ގޮތް މާލެއާއި މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދިނުމެވެ.