ޚަބަރު

ބ.އަތޮޅުގައި އެމްޑަބްލިއުއެސްސީން ހިންގާ މަޝްރޫޢުތައް ނިމުމަކާއި ގާތަށް


ބ.އަތޮޅުގެ ހަތަރު ރަށެއްގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީ އިން ހިންގާ މަޝްރޫޢުތައް ބޭނުންވާ ހަލުވިމިނުގައި ކުރިއަށްދާކަމަށާއި، ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫޢުތައް ނިންމާލެވޭނެކަމަށް އެކުންފުންފުނީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާޙް ވިދާޅުވެއްޖެއެވެ. ޝާޙް ވިދާޅުވީ މަސައްކަތުގެ ސްޕީޑާ މެދު ރައްޔިތުން ކަންބޮޑުވުމެއް ނެތްކަމަށެވެ.

ބ.އަތޮޅުގައި އެކުންފުނީގެ ފަރާތުން ހިންގަމުންއަންނަ މަސްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެވުމަށް ކުރެއްވި ދަތުރުފުޅަށްފަހު ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްއަށް ދިން އިންޓަރވިއުއެއްގައި ހަސަން ޝާޙް ވިދާޅުވީ ހަތަރު ރަށުގެ މަސައްކަތް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށްދާކަމަށެވެ. މިހާރު އެއަތޮޅުގައި އެމްޑަބްލިއުއެސްސީ އިން މަސައްކަތް ކުރަމުންދަނީ ކެންދޫއާ ކަމަދޫ އާ ދަރަވަަންދޫގެ އިތުރުން މާޅޮހުގައެވެ.

މި 4 ރަށުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަސަން ޝާޙު ވިދާޅުވީ، ކެންދޫގައި ފެނުގެ ނިޒާމްގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާ، ނަރުދަމާއެޅުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

ދަރަވަންދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިހާރު އެރަށުގައި ކުރިއަށްދަނީ އެސްޓީޕީގެ މަސައްކަތާއި، ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތެވެ. ކެންދޫއާއި ދަރަވަންދޫއަކީ އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވަލަޕްމަންޓް (އޯފިޓް) ފަންޑުގެ ދަށުން މަސައްކަތް ކުރާ ދެރަށެވެ. މާޅޮހާއި ކަމަދޫގައި ފެނާ ނާރުދަމާގެ ނެޓްވޯކް އެއްކޮށްވަނީ އަޅާ ނިމިފައެވެ.

މިހާރު ކުރަމުންދަނީ ގެތަކަށް ކަނެކްޝަން ގުޅުމާ ޓޭންކްތައް ރޭވުމުގެ މަސައްކަތްކަމަށް ހަސަން ޝާޙު ވިދާޅުވިއެވެ.

"މިހަތަރު ރަށުގެ މަސައްކަތް ފެންނަނީ ވަރަށް އުޖާލާކޮށް، ބޭނުންވާ ހަލުވި މިނުގައި ކުރިއަށްދޭ އެބަ، ބ.އަތޮޅުގެ މި ހަތަރު ރަށަށް ބަލައިފިނަމަ ރައްކާތެރި ފެނުގެ ނިޒާމެއް ނެތުމުން އެތައް ގޮންޖެހުންތަކެއް އެބަހުރި، ކުރިއަށް މިއޮތް ދުވަސްތަކުގައި މީގެ ފޮނިމީރުކަން މި ހަތަރު ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ" ހަސަން ޝާޙު ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރައްކާތެރި ފެނާ ނަރުދަމާގެ ޚިދުމަތް ނެތް ހުރިހާ ރަށެއްގައި ރައްކާތެރި ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމަކީ ރައީސުލްޖުމްޙޫރިއްޔާގެ އިބްރާޙިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން އެމަސައްކަތް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް ކުންފުންޏަކީ އެމްޑަބްލިއުއެސްސީއެވެ. މި ވަޢުދު ފުއްދުމަށް އެކުންފުންޏަށް ރަށްރަށުގެ ކައުންސިލްތަކާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށާ، އެއީ މި ޙިދުމަތައް އެދިއެދި ތިބި މިންވަރު ހާމަކޮށްދޭކަމެއްކަމަށް ޝާޙު ވިދާޅުވިއެވެ.

"މިހާރު އެއްގޮތަކަށްވެސް ރައްޔިތުންގެ ފަރާތުން މަސައްކަތުގެ ސްޕީޑ މެދު ހިތްހަމަ ނުޖެހިގެން ޝަކުވާއެއްނާދޭ. ސީދާ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު މަސައްކަތަކުގެ އަޕްޑޭޑް މަހުންމަހަށް ނަންގަވާ، އަދި އެކަން ކުރުމަށް ގޮންޖެހުމެއް އޮތްނަމައީ އެކަން ހައްލުކޮށްދެއްވުމަށް މަސައްކަތްވެސް ކުރައްވާ"

ސަރުކާރުގެ އެންމެ މުހިންމު އެއްވައުދު ފުއްދުމަށް އެންމެ މުހިންމު ހިއްސާއެއް ކުރަމުންދާ އެމްޑަބްލިއުއެސްސީ އިން މިހާތަނަށް ގިނަ ރަށްތަކެއްގައި ވަނީ މި މަސައްކަތް ނިންމާ ޙިދުމަތް ދޭން ފަށާފައެވެ. އަދި 27 އަށްވުރެ ގިނަ ރަށްރަށުގައި ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. މި 4 ރަށުގެ އިތުރަށް އެކުންފުނިން ބ. އަތޮޅުގައި މަސައްކަތް ކުރި ގޮއިދޫގައި މި މަސައްކަތް މިހާރުވަނީ ނިންމާފައެވެ.