ޚަބަރު

އެއަރޕޯޓާއެކު މ.އަތޮޅުން ފަތުރުވެރިކަމަށް 10000 އެނދު ނެރުމަކީ އަމާޒެއް: އިކްރާމް


ސަރުކާރުން މ. އަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓާއެކު، މ. އަތޮޅުން ފަތުރުވެރިކަމަށް 10000 އެނދު ނެރުމަކީ އަމާޒެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ މެދުތެރޭގައި މުލަކަތޮޅު މުލީ އެއަރޕޯޓް ހުޅުވޭވަރަށް ތަރައްޤީކޮށް ނިންމުމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން އަންނަނީ މަސައްކަތްކުރަމުންނެވެ.

މުލަކަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީވެގެންދިއުމަކީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިއްސުރެ އަތޮޅުގެ ރައްޔިތުން ކުރަމުންދިޔަ އުންމީދެކެވެ. މިހާރު މިވަނީ މިކަމުގައި ހަޤީޤީ ކުލަ ޖެހެން ފަށާފައެވެ.

މ. މުލީގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް ސަރުކާރުން ފެށީ މިއަހަރު ކުރީކޮޅުގައެވެ. މުލީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގައެވެ. މިއީ 2018 ވަނަ އަހަރު ހިއްކި ސަރަޙައްދެކެވެ. އެހެންނަމަވެސް އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރަށް ބިން ބޭނުންވާތީ، އެއަރޕޯޓުގެ މަސައްކަތަށް އިތުރު 14 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 7000 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މ. އަތޮޅަށް، މި އެއަރޕޯޓާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އެ ސަރަހައްދުގެ ރައްޔިތުންވެސް ޤަބޫލުކުރެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ، މިއީ އަތޮޅުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާގުޅިފައިވާ ވަރަށް އުންމީދީ މަޝްރޫޢެއްކަމަށެވެ. އަދި މ. އަތޮޅަކީވެސް ހިތްގައިމު ރީތި ރަށްތަކެއް ހުރި އަތޮޅަކަށްވެފައި، އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެފައިނެތުންކަން މެންބަރު ފާހަގަކުރެއްވިއެވެ.

އިކްރާމް ވިދާޅުވީ، މީމު އެއަރޕޯޓާއެކު އިންވެސްޓަރުންގެ ޝަޢުގު މ. އަތޮޅުގެ ރަށްތަކަށް އިތުރުވެ، ފަތުރުވެރިކަން ފުޅާވެގެންދާ މަންޒަރު ދެކެން ބޭނުންވާކަމަށެވެ. އަދި މީމު އެއަރޕޯޓާއެކު، ފަތުރުވެރިކަމަށް އެ އަތޮޅުން އިތުރު 10000 އެނދު ނެރުމަކީ އަމާޒެއްކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ކުރިއަށްމިއޮތް އަހަރުތަކުގައި ވީހާވެސް އަވަހަކަށް ގާތްގަނޑަކަށް 10،000 އެނދު ތަރައްޤީވެގެން އައުން. މިހާރު މިއޮތީ އަލަށް ހުޅުވާ ރިސޯޓާއެކު ގާތްގަނޑަކަށް އެންމެ ގިނަވެގެންވެސް 700 އެއްހާ އެނދު. އެކި ރަށްރަށުގައި އެބަހުރި ގެސްޓްހައުސްތައް، އެހެންނަމަވެސް އެންމެ އެދެވޭގޮތަކަށް ނެތް. އެއަރޕޯޓު އެންމެ ރަނގަޅަށް ބޭނުންކުރެވޭނީވެސް މިމަގުން މިތަން ތަރައްޤީވެގެން. ކޮންމެ ރަށެއްގެވެސް ލޭންޑްޔޫސް ޕްލޭންގައި ޓޫރިޒަމް ޒޯނެއް އޮންނާނެ. ވަރަށް ރަނގަޅު ވިސްނުންތަކެއްގައި މި ޕްލޭންތައް ހެދިގެން މިދަނީ. އެހެންވީމަ އިންވެސްޓަރުން މި ރަށްރަށުގެ ކައުންސިލްތަކާ ގުޅައިގެން ފުރުޞަތުތައް ހޯއްދަވައިގެން މިތަންތަނަށް އިންވެސްޓްކުރުމަކީ ވަރަށް ބޮޑަށް އެދެވޭކަމެއް" އިކްރާމް ވިދާޅުވިއެވެ.

މ. އަތޮޅުން ފަތުރުވެރިކަމަށް ރިސޯޓްތައް ތަރައްޤީކުރުމަށް 12 ރަށެއް ދޫކޮށްފައިވާއިރު، މިވަގުތު އެއަތޮޅުގައި ހިންގަމުންދަނީ އެންމެ 2 ރިސޯޓެވެ. އެއީ މ. ހަކުރާހުރާ ހިންގާ ސިނަމަން ހަކުރާހުރާ މޯލްޑިވްސްއާއި، މ. މެދުފުށި ގައި ހިންގާ މެދުފުށި އައިލެންޑް ރިސޯޓެވެ. މ. އަތޮޅުގައި މިވަގުތު ގެސްޓްހައުސްތަކުގެ ގޮތުގައި އޮޕަރޭޓްކުރަމުންދަނީ އެންމެ 6 ތަނެކެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާޢަތް އަތޮޅުގައި ކުރިއަރުވާ، ފުޅާކުރުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންޖެހޭކަން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ވަނީ ފާހަގަކުރައްވާފައެވެ.

މީމު އެއަރޕޯޓް މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކާ 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން މިވަގުތު އެންމެ ބާރަށް ކުރަމުން އަންނަނީ އެއަރޕޯޓުގެ ފަޔަރ ބިލްޑިންގގެ މަސައްކަތާއި، ރަންވޭއަށް ބޭނުންވާ ބިން ހިއްކާ ތައްޔާރުކުރުމުގެ މަސައްކަތެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މީމު އެއަރޕޯޓުގެ މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.