ޚަބަރު

ޒަމާނީ ބަނދަރުތައް، އިޤްތިޞާދީ ކުރިއެރުމާއެކު ތަރައްޤީއަށް ހުޅުވުނު ދޮރެއް


އާބާދީ ކުޑަ ރަށްތަކަށް ދަޢުލަތުން ކުރާ ޚާރަދަކީ ބޭކަރު ޚަރަދުކަމަށް ދެކުނު އިރެއް ދިޔައެވެ. އާބާދީ ކުޑަ ރަށެއްގައި މީހުން ދިރިއުޅެނިކޮށް އެ ރަށަކީ ފަޅުރަށެއްގެ ގޮތުގައި އޭރުގެ ސަރުކާރުން ރަސްމީކޮށް އިޢުލާނުކުރި ދުވަހެއްވެސް ދެކެފީމެވެ. މިއިން ކޮންމެ ކަމަކުން ފެނުނީ ކުދި ރަށްތަކަށް ސަރުކާރުތަކުން ވީ އިޙުމާލެވެ.

އާބާދީ ކުދި، ޚިދުމަތްތައް މަދު ރަށްތައް ބާކީ ކޮށްލުމުގެ ވާހަކައަކީ ފަހަކާ ޖެހެންދެންވެސް އިވުނު ވާހަކަތަކެވެ. ސްކޫލެއް ނެތް، ފެނާ ނަރުދަމާ ނެތް އަދި ރަށުން ލަފާ ފުރޭނެ އެއްވެސް ގޮތެއް ނެތް ރަށްތަށް ހުއްޓެވެ. އޮޑިދޯނިފަހަރު ކައިރި ނުކުރެވި، ކުދި ޑިންގިއާ ބޮއްކުރާގައިވެސް ރަށަށް އަރާ ފައިބަން ޖެހުނެވެ.

ކެއިން ބުއިމަށް ގެންނަ މުދާކޮޅު ބޯޓުން ފަހަރުން ބާލަނީ، ބޯޓު ފަޅުން ބޭރުގައި ބާއްވައިގެންނެވެ. އިމާރާތްކުރުމަށް ގެންނަ ބަރު މުދާ، ބޭލޭނެ އެއްވެސް ގޮތެއްނެތި، މަސައްކަތްތަކުގައި ކުރިއަށްދެވޭނެ ގޮތެއް ނެތި ތިބެން ޖެހުނެވެ.

ރާއްޖޭގެ ރަށްރަށުގައި ބަނދަރު ތަރައްޤީކުރަން ފެށީ 1990ގެ ފަހުކޮޅުން ފެށިގެންނެވެ. އޭރު ބަނދަރު ހެދީ ސިމެންތި ބަސްތާޖައްސައިގެނެވެ. ބަނދަރެއް އޮތް ނަމަވެސް 25 އަހަރު، 30 އަހަރުވަންދެން މަރާމާތު ނުކުރެވި އެތަށް އަހަރެއްވެފައި ހުރި ބަނދަރުތައް ވަރަށް ފަހަކާޖެހެންދެންވެސް ހުއްޓެވެ. އެއްގަމު ތޮށި ވެއްޓި، ބޭރު ތޮށީގެ ސިމެންތި ބަސްތާތައް ކެހި، އުޅަނދުތަކަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ.

އެންމެ ބޮޑު އެއް ކަމަކީ ފުރާނައާއި މުދަލަށް އޮތް ނުރައްކަލެވެ. ބައެއް ރަށްތަކަކީ މަސްވެރި ރަށްތަކެވެ. ގެންގުޅޭ އުޅަނދަކަށްވެސް ރައްކާތެރިކަމެއް ނެތެވެ. މޫސުން ގޯސް ދުވަސްވަރު، ރަށަށް އަރާ ފޭބުން ވެފައި އޮތީ ބޮޑު ވޭނަކަށެވެ. އަދި އިރުވައި ވީމައި ރަށުގެ ބަނދަރުތަކުން ދޯނިތައް ނެރެ، ރަށުގެ ހުޅަނގު ފަރާތުގައި ނަގިލިޖަހާ ދޯނިތައް އަޅަން ޖެހުނެވެ.

އުޅަނދުތަކުގެ ރައްކާތެރިކަމަށް ހެދި ބަނދަރުތަކުގައި ބޭނުން ކެނޑި، އުޅާނދުތައް ބެލެހެއްޓުމަށް ދަންވަރު ހޭލަ ތިބެންވެސް ޖެހުނެވެ.

ރަށެއްގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިފައި އޮންނަ އެންމެ މުހިންމު އެއް މަސައްކަތަކީ ލަފާފުރޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި އޮތުމެވެ. ރާއްޖޭގައި ދާދިފަހަކާ ޖެހެންދެންވެސް ބަނދަރެއް ނެތް ރަށްތަށްވެސް އެބަހުއްޓެވެ. ބ. ފެހެންދޫ، ވ.ރަކީދޫ އަދި އދ.މަންދޫ ފަދަ ރަށްތަކަކީ މީގެކުރިން ބަނދަރެއްގެ ތަނަވަސްކަން ނެތް ރަށްތަކެވެ.
ނަމަވެސް މިއަދު އެމީހުންނަށް ރަށާ އަރާ ފޭބޭނެ ރައްކާތެރި ބަނދަރެއް ލިބިއްޖެއެވެ. އޮޑިދޯނިފަހަރަށް ރައްކާތެރިކަން ލިބިއްޖެއެވެ.

ވޭތިވެދިޔަ 4 އަހަރަށް ބަލާއިރުވެސް ޕީއެސްއައިޕީގެ ބޮޑު ބައެއް ޚާއްސަކޮށްފައިވަނީ، ރަށްރަށުގެ ލަފާ ފުރުމުގެ ނިޒާމު ރަނގަޅުކުރުމަށެވެ. މީގެތެރޭގައި މުޅިން އަލަށް ބަނދަރު ތަރައްޤީކުރާ ރަށްތަކާއި، ބަނދަރު ބޮޑުކޮށް މަރާމާތުކޮށް ޒަމާނީ ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ.

އެގޮތުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގެ %27 އަކީ ލަފާފުރުމުގެ މައްސަލަ ޙައްލަޙައްލުކުރުމަށް ކަނޑައެޅި ބަޖެޓެވެ. އެއީ 1.7 ބިލިއަން ރުފިޔާއެވެ. މިދާއިރާއިން ވޭތުވެދިޔަ 4 އަހަރަށް ބަލާއިރު، 46 ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

އަދި މިވަގުތުވެސް 35 ރަށެއްގެ ޢަމަލީ މަސައްކަތްތައް ސައިޓުގައި ކުރިއަށްދެއެވެ. އަންނަ އަހަރަށްވެސް ގިނަ ރަށްތަކެއްގައި ބަނދަރު މަރާމާތުކުރުމާއި، ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ހިމެނެއެވެ.

އަންނަ އަހަރުވެސް ދަޢުލަތުން ލަފާކުރާ ބަޖެޓުގައިވެސް އުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. އެއީ 2.4 ބިލިއަން ރުފިޔާއެވެ.

ސަރުކާރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވާ ޔަޤީންކަމަކީވެސް، މި ސަރުކާރު ނިމޭއިރު ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން ޙައްލު ނުވާ އެއްވެސް ރަށެއް ނޯންނާނެކަމުގެ ޔަޤީންކަމެވެ. އާބާދީ ބޮޑު، ކުޑަ ރަށެއް ތަފާތުކުރުމެއް ނެތިއެވެ. މި ވަޢުދުގެ ބޮޑު އިންސައްތައެއް ވަނީ ފުއްދާފައެވެ.

ބަނދަރަކީ ރަށްރަށަށް އިޤްތިޞާދީގޮތުންވެސް އެތަށް ކުރިއެރުމެއް ލިބޭ ކަމެކެވެ. ރަށަށް އަރާ ފޭބޭނެ ފަސޭހަ ނިޒަމާއެކު ރަށަށް އަރާ މީހުން އިތުރުވެއެވެ. މިއާއެކު ރަށުގައި އައު ވިޔަފާރިތައް ފުޅާވުމަށްވެސް މަގަކަށްވެއެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރިއާއި، ވިޔާފާރި ފިހާރަތާކާ ކެފޭ ރެސްޓޯރަންޓްތަކުގެ ވިޔަފާރި ފުޅާވެގެންދެއެވެ.
އަދި ރަށްރަށަށް މުދާ އުފުލުމުގައިވެސް އެތަށް ގޮތަކުން ރައްޔިތުނަށް ލުއިފަސޭހަވެގެންދެއެވެ.