ޚަބަރު

ހޯރަފުށި މަގުތަކުގައި ތާރުއަޅަން ފަށައިފި، ޑިސެމްބަރަށް މަސައްކަތް ނިންމާނެ!


ހއ.ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެގެ ދަށުން އެރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ތާރުއެޅުމުގެ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާއި އެމްޓީސީސިގެ ސީއީއޯ އާދަމް އާޒިމެވެ.

ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8ވަނަ ދުވަހުއެވެ. މިއީ ހޯރަފުށީގައި މިހާތަނަށް ކުރިއަށްގެންދާ މަގުހެދުމުގެ ފުރަތަމަ މަޝްރޫޢެވެ. ހޯރަފުށީގެ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި، މަގުހެދުމުގެ މަސައްކަތަކީ ރަށަށް މިވަގުތު ބޭނުންވާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫއެވެ. މަގުހެދުމުގެ މަސައްކަތުގެ ދަށުން، ތާރުއަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވަނީ ނިމިފައެވެ. އެގޮތުން ކޭބަލް އަދި ޔުޓީލިޓީ ޖަންކްޝަންތައް ހެދުމާއި، ކާސްޓިން މަސައްކަތްތަކާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

މަގުތަކުގައި ތާރުއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ހޯރަފުށީގެ ތަރައްޤީއަށް އެމްޓިސީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ހޯރަފުށީ އެއަރޕޯޓުގެ މަޝްރޫޢަ އަލިއަޅުވާލައްވައި އާޒިމް ވަނީ ހޯރަފުށީގެ އެއަރޕޯޓަކީ ބިމެއް ހިއްކައިގެން ހެދި އެއަރޕޯޓެއްކަން ފާހަގަކުރައްވައި އެކަން ކުރެވުނި އެރަށުގެ ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިގެންކަން ފާހަގަކުރައްވާފައެވެ. އާޒިމް ވިދާޅުވީ މަގުހެދުމުގެ މަސައްކަތުގެ ދަށުން ހޯރަފުށީގައި ތާރު އެޅުމަށް ހަމަޖެހިފައިވާ 11 މަގުގައި ޑިސެމްބަރު މަހުގެ ކުރިން ތާރުއަޅައި ނިންމާލެވޭނެކަމަށެވެ.

2000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހޯރަފުއްޓަކީ ބިމުގެ ގޮތުންވެސް ބޮޑު ރަށެކެވެ. 74 ހެކްޓަރުގެ ހޯރަފުށީގެ ބޮޑު ސަރަޙައްދެއްގައި އޮތީ މީހުން އާބާދުވެފައެވެ. ރަށުގެ މަގުތަކަކީ އަޑިގުޑަން މަގުތަކެކެވެ. ވިއްސާރާގައި ފެންބޮޑުވުމާއި، ފެންނުހިނދި މަގުތައް ޗަކަވެ އޭގެ ދަތިކަންވެސް ކުރިމަތިވެއެވެ.

ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 5.3 ކިލޯމީޓަރުގެ މަގު އަންނަނީ ތަރައްޤީކުރަމުންނެވެ. މީގެތެރޭގައި 11 މަގެއް ހިމެނޭއިރު، ރަށުގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ. މިއީ އާންމު ޚިދުމަތްތައް ރަށުގައި ޤާއިމުވެފައި ހުރި މަގުތަކެވެ.

ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގައި މަގުތަކުގެ 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި ޕޭމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.