ކުޅިވަރު

ކުލަބު ވޯލްޑް ކަޕުގެ ކުއާޓާއަށް އެމްބާޕޭ މުޅިން އެއްކޮށް ފިޓުވާނެ: އަލޮންސޯ


ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލް ގާތްވަމުން އަންނައިރު، ރެއާލް މެޑްރިޑުގެ ވަރުގަދަ ފޯވާޑް ކިލިއަން އެމްބާޕޭ މުޅިން އެއްކޮށް ފިޓުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފިއެވެ. އޭނާ މިހެން ބުނެފަވަނީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ޔުވެންޓަސް އަތުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

ގޮހޮރަށް ޖެހޭ ބައްޔެއް ކަމަށްވާ ގޭސްޓްރިއޯއެންޓްރައިޓިސް ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު ރޭގެ މެޗުން ފެނުނު އެމްބާޕޭއާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ބުނީ ކުއާޓާއާ އެ ޓީމުން ކުރިމަތިލާން ތައްޔާރުވަމުން އަންނައިރު އެމްބާޕޭ ޓީމާއެކު ދެން ފެންނާނީ އެއްކޮށް ފިޓުކޮށް ކަމަށެވެ.

ރޭގެ މެޗުން އެމްބާޕޭ ފެނިފައިވާއިރު، މިއީ ކުލަބު ވޯލްޑް ކަޕުގައި އޭނާ ދަނޑުމަތިން ފެނުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ދަނޑަށް ނިކުތްއިރު، އޭނާ މި މުބާރާތުން މިހާތަނަށް ފެނިފައިނުވަނީ ކުލަބު ވޯލްޑް ކަޕް ފަށަން ކުޑަތަންވެފައިވަނިކޮށް އޭނާއަށް ޖެހުނު ބައްޔެއްގެ ސަބަބުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން އަލޮންސޯ ބުނީ ހޮނިހިރު ދުވަހު ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ނުކުތުމަށް ހަމަޖެހިފައިވާއިރު، އެ މެޗަށް ފްރާންސަށް ނިސްބަތްވާ ފޯވާޑް ނުކުންނާނީ އިތުރަށް ވަރުގަދަކޮށް ކަމަށެވެ.

"ދުވަހަކަށްވުރެ ދުވަހެއް އޭނާ އަންނަނީ ރަނގަޅުވަމުން، ކުއާޓާއާ ހަމައަށް ދާއިރު އޭނާ އެއްކޮށް ފިޓުވާނެ. އަހަރުމެން ކޮންމެ ދުވަހަކުވެސް އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުން މިއަންނަނީ" އަލޮންސޯ ބުންޏެވެ.

ރޭގެ މެޗުގައި އެމްބާޕޭ ނެތްތަން ފޫބައްދާފައިވަނީ ގޮންޒާލޯ ގާސިއާއެވެ. އޭނާ ވަނީ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ.

މެޗަށްފަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭއަށްވެސް އަލޮންސޯ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ގިނަ ހަމަލާތަކެއް އުފެއްދި ކުޅުންތެރިޔާއާއަށް ތައުރީފުކުރަމުން ކޯޗު ބުނީ އޭނާއަކީ ލީޑާޝިޕް ހުރި، މުޅި ޓީމު ހިއްލާލާދޭ "ފުރިހަމަ ކުޅުންތެރިއެއް" ކަމަށެވެ. އަލޮންސޯ ބުނީ އުރުގުއޭއަށް ނިސްބަތްވާ ވަލްވާޑޭއަކީ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ފުރިހަމަވާ ކުޅުންތެރިއެއް ކަމަށެވެ.

ނޫސްވެރިން ގާތު އަލޮންސޯ ބުނެފަވަނީ ޔުވެންޓަސް އަތުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ހޯދި ކާމިޔާބީއަކީ މުޅި ޓީމުން ދެއްކި ހިތްވަރު ކަމަށެވެ. ކޮންމެ ކުޅުންތެރިއެއްވެސް އެ ކުޅުންތެރިއެއްގެ ވާޖިބު ވަރަށް ރަނގަޅަށް އަދާކުރި ކަމަށާއި، މެޗާ މެދު އޭނާހުރީ ވަރަށް ހިތްހަމަޖެހިފައިކަން އަލޮންސޯ ފާހަގަކުރިއެވެ.