ޚަބަރު

ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ : ނައިބު ރައީސް


ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިިހެން ވިދާޅުވީ، ހދ. ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ނޮޅިވަރަމް ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަމް ކައުންސިލާ އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލްގެ ޖާގައިގެ ދަތިކަމާއި ނަރުދަމާ ފުރިހަމަވެފައި ނެތުމާއި އައު އިންޖީނުގެ އެޅުމާއި ޒަމާނީފެންވަރަށް މަގުތައްހަދައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ، ނޮޅިވަރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްޞާކުރައްވާފައެވެ.

​މީގެ އިތުރުން ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް ބައްލަވައި އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގައެވެ. އަދި މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ފާހަގަކުރި ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުޙަލާގައިކަން ފާހަގަކުރެއްވިއެވެ.

ރައިީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ވަނީ ނޮޅިވަރަމް ހެލްތު ސެންޓަރަށާއި، ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން ނޮޅިވަރަމް ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެތަނުގެ ވަސީލަތްތަކާއި ޚިދުމަތް ހުރިނެތް ގޮތް އޮޅުން ފިލުއްވައި ޞިއްޙީ މަރުކަޒުގައި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ޙާލު ބައްލަވާފައެވެ.

އެމަނިކުފާނު ވަނީ، ނޮޅިވަރަމް ސްކޫލަށް ޒިޔާރަތްކުރައްވައި އެސްކޫލުގެ ކަންކަން ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ނޮޅިވަރަމް ސްކޫލުގެ މަތީ ގުރޭޑްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ކިޔެވުމުގައި ރަނގަޅުކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ.