ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ސްކޮލަރ ޝިޕްތައް ދެއްވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާކުރުމަށް ބޭއްވި ޖަލްސާގައެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ބޭއްވި ޚާއްސަ ޖަލްސާގައި 6 ދަރިވަރަކަށް ވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްފައެވެ. މި ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި 79 ދަރިވަރަކަށް ހައި އެޗީވަރސް ސްކޮލަރޝިޕް ދެއްވާފައިވާއިރު، އެ ދަރިވަރުންނަށް އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދަޢުލަތުގެ އެކި ވަޒީރުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ މި ސަރުކާރުން މަތީ ތަޢުލީމަށް ދެއްވާ އިސްކަމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން ފެށިގެން ދެމުން އަންނަ މި ސްކޮލަރޝިޕަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބޮޑެތި ބަދަލުތައް ގެންނަވާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު މި ސްކޮލަރޝިޕް ބައްޓަންކޮށްފައިވާގޮތުން، ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ޤައުމަކުން ކިޔެވޭނެ ފުރުޞަތު ފަހިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަތީ ތަޢުލީމަށް ދެއްވާ އަމިއްޔަތުކަން ހާމަކުރައްވައި މިނިސްޓަރ ވިދާޅުވީ، މީގެކުރިން ބައެއް ޤައުމުތަކުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕް ނުލިބޭތީ އަމިއްލައަށް ލޯނު ނަގައިގެން ކިޔަވަން ދިޔަ ބައެއް ދަރިވަރުންނަށް އެދަރިވަރުން ނެގި ލޯނަކީ ސްކޮލަރޝިޕްގެ ބައެއްކަމަށް ފަހުން ހަމަޖައްސަވައި އެދަރިވަރުންނަށް ރައީސް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވާފައިވާކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19ގެ އެންމެ ނާޒުކު ޙާލަތުގައި ޚަރަދުތައް ކުޑަކުރެއްވުމާއި ބައެއް މަޝްރޫޢުތަކަށް އެކިކަހަލަ ބަދަލުތައް ގެންވިއިރުވެސް، ދަރިވަރުންނަށް ދެއްވާ ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯނުތަކަށް އެއްވެސް މަދުކުރެއްވުމެއް، އުނިކުރެއްވުމެއް ނުގެންނެވިކަމީ މިސަރުކާރުން ޚާއްސަކޮށް ރައީސް މަތީ ތަޢުލީމަށްދެއްވާ އަހަމިއްޔަތުކަން ޙާމަވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސޮކޮލަރޝިޕަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދެވޭ ވަރަށް ޚާއްސަ ސްކޮލަރޝިޕެކެވެ. މިއީ ދައުލަތުން ޚަރަދުކުރައްވައިގެން ދެއްވާ އެންމެ ޝަރަފްވެރި ސްކޮލަރޝިޕެވެ.

މި ސްކޮލަރޝިޕް ހޯދުމުގެ ފުރުސަތު ލިބެނީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ މަތީ ސާނަވީ އިމްތިޙާން ނިންމާ ދަރިވަރުންގެ ތެރެއިން، ސްކޫލް މަދަރުސާގައި ކިޔަވައިދިން އޭލެވެލްގެ 3 މާއްދާއިންނާއި އެޗްއެސްސީ އިމްތިޙާނުގެ އިސްލާމާއި ދިވެހި މާއްދާއާއެކު 5 މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށާއި ޝަހާދާ ސާނަވިއްޔާ އިމްތިޙާނުން "އިމްތިޔާޒު"ގެ ދަރަޖާގައި ފާސްވާ ދަރިވަރުންނަށެވެ. އެއީ އެދަރިވަރަކު އޯލެވެލްގެ އިނގިރޭސީން ދަށްވެގެން ސީ ފާސް ނުވަތަ އެފެންވަރުގެ އެހެން ފާހެއް ޙާސިލްކޮށްފައިވާނަމައެވެ.

މި ސްކޮލަރޝިޕް މިފަހަރު 6 ދަރިވަރަކަށް ލިބުން އިރު، އެއީ ހުސް އަންހެން ދަރިވަރުންކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީ.އެޗް.އެސް.ސީގެ 5 ދަރިވަރުންނާއި، ކުޅުދުއްފުށީ ސިޓީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރެކެވެ.