ޚަބަރު

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ބަޔަކާ ޙަވާލުކޮށްފި


ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް ޝަރީފެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ ޢަލީ ރިޟާ ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށެވެ. އަދި މި ސޮއިކުރެވުނު 50 ހައުސިންގ ޔުނިޓުގެ ސަބަބުން މިލަންދޫގެ ރައްޔިތުން ވަކިން ޚާއްސަކޮށް އާއިލާއެއް ފަށަން ބޭނުންވެފައިތިބި ޒުވާނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް ރިޟާ ވިދާޅުވިއެވެ.

"މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި ރައްޔިތުންނަށް ޚާއްސަކޮށް ޒުވާން އާއިލާތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އަޅުގަނޑު މި ޤަބޫލުކުރަނީ. އަދި މި އޭރިއާ ތަރައްޤީކުރުމުގައި ސަރުކާރުގެ އަދި މިނިސްޓްރީގެ ވިސްނުމެއްއޮތަތީވެ އެއީ ވަރަށް މުހިއްމުކަމެއްކަމަށް ދެކެން. އޭގެ ތެރޭގައި އެ ހިސާބުގެ މަގުތަކާ އެއްޗެހިވެސް އާބާތުރަފިލުވާ ރީތިކޮށް އަދި ލައިޓްޖަހާ ދިއްލޭނެގޮތަށް ހެދޭނެ. ކުރީގެ ސަރުކާރުތަކުން ހައުސިންގ ޔުނިޓްތައް އަޅާފައި ދޫކޮށްލާގޮތަކަށްނޫން މި ސަރުކާރުގެ ކަންކަން ހުރީ" ރިޟާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 1000 އަކަފޫޓު ހުންނާނެއެވެ. އަދި މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެގޮތުން އެ ސަރަޙައްދުގައި ޕާކަކާއި، ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއްވެސް ޤާއިމުކުރެވިގެންދާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ފްލެކްސިންކާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 45.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.