ޚަބަރު

މާލޭ ރައްޔިތުންނަށް ޚާއްސަކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލައިފިއެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި 2 ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށެވެ. މި ފުރުޞަތު މިއަދުން ފެށިގެން 26 ސެޕްޓެމްބަރުގެ ނިޔަލަށް އޮންނާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިސްކީމުގެ ދަށުން ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ މައިގަނޑު 3 އުޞޫލަކުންނެވެ. މި އުޞޫލުތަކާއި، ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހައުސިންގ މިނިސްޓްރީން މިއަދު ވަނީ އިޢުލާންކުރައްވާފައެވެ.

ދޫކުރާ ގޯތީގެ ބޮޑުމިން ކަނޑައަޅާނެ އުޞޫލު:

* އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު
* ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ
* 7 މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް ބައިވެރިވާނަމަ ޖުމްލަ 4،000 އަކަފޫޓު

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
* 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
* އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
* ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
* އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
* އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން
* މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
* ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން
* މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން

ގޯތި ނުވަތަ ފްލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތާއި، އެހެނިހެން ތަފްޞީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ދެ ސްކީމަށް ޝަރުތު ހަމަވިނަމަވެސް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.