ޚަބަރު

ފުނަދޫ ރައްޔިތުންނަށް ރައީސް ދެއްވި ޔަޤީންކަން - "ރަށްގިރުން ހައްލުކޮށްދޭނަން"


ދިވެހިރާއްޖެއަކީ އުފެދުމުގައިވެސް ތިމާވެށީގެގޮތުން ނާޒުކުކަމެއް ލިބިފައިވާ ޤައުމެކެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެެއެވެ. ވަކިން ޚާއްސަކޮށް ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މީގެ ތެރެއިން އެއްރަށަކީ ށ.ފުނަދުއެވެ.

އާބާދީގައި ގާތްގަނޑަކަށް 2500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ. ފުނަދޫއަކީ ގުދުރަތީގޮތުން ތަފާތުކަމެއް ލިބިފައިވާ ރީތި ހިތްގައިމު ރަށެކެވެ. މޫދާ ގުޅިފައި އޮންނަ "ދަށްފަޅު" ނަމަކަށް ކިޔާ ކޯރެއް މި ރަށުގައި އޮިވެއެވެ. މީގެ އިތުރުން "ކުޑަފުނަދޫ"ގެ ނަމުގައި ތުނޑިއެއްވެސް މިރަށުގައި އޮވެއެވެ. މިދެތަނުގެ ހިތްގައިމުކަމާއި ޗާލުކަން ދެކިލަން ކައިރި ރަށްރަށުންނާއި ދުރު ހިސާބުތަކުންވެސް މީހުން ފުނަދޫއަށް ގޮސްހަދައެވެ.

އެހެންނަމަވެސް ފުނަދޫއަށް ލިބިފައިވާ މި ހިތްގައިމުކަމާއި ގުދުރަތީ ރީތިކަމަށް ތިމާވެށީގެ މައްސަލަތަކުގެ ހިޔަނި މިވަނީ އެޅެން ފަށާފައެވެ. ރަށްގިރުމުގެ މައްސަލައަކީ މިހާރު މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުނަދޫ ކައުންސިލުގެ ރައީސް މުޙައްމަދު އިބްރާހީމްފުޅު ވިދާޅުވީ، ފުނަދޫ ހުޅަނގު ފަރާތާއި، އިރުމަތީ ފަރާތް އަދި ދެކުނު ކޮޅުންވެސް ވަރަށް ބޮޑަށް ގިރަމުންދާކަމަށެވެ. އަދި ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ބައެއް ސަރަޙައްދުތަކުން 20 ފޫޓުވެސް ކަނޑާލާފައިވާކަމަށެވެ.

ފުނަދޫ ކައުންސިލް ރައީސް ވިދާޅުވީ، އެރަށުގައި އެއަރޕޯޓު އެޅުމުގެ ސަބަބުން ރަށުގެ އިރުމަތީ ފަރާތުން ރަށަށް ތެދުވާގޮތަށް ގިރާލަމުންދާކަމަށާއި، ވެލިގަނޑު އެއްތަނުން އަނެއްތަނަށް ބަދަލުވުމުގެ ތެރެއިންވެސް ބީޗް ސަރަޙައްދަށް ބަދަލުތަކެއް އަންނަމުންދާކަމަށެވެ. އަދި ރަށުގެ ހުޅަނގު ފަރާތުން ގޯތިދޫކޮށްފައިވާ ސަރަޙައްދުންވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެ ސަރަޙައްދަށް ރާޅުގެ އަސަރުކުރާތީ ބައެއް ފަރާތްތަކަށް ގޯތިއެޅުމުގައިވެސް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ފެނަކައިން ހިންގާ ނަރުދަމާ ނިޒާމު މިއަދު ހަމަ މޫދުގައި ހުރީ އެއްގޮތަކުން ބުނާނަމަ. އެތަން ވީރާނާވެގެން ނޫނީ ގިރައިގެން ދިއުމުގެ ކުރިން އަޅުގަނޑުމެންނަށް ޙައްލުތަކެއް ހޯދަން އެބަޖެހޭ. އިސްލާމީ މަރުކަޒު ސަރަޙައްދުވެސް މިހާރު ފެންސް އޮތީ މޫދުގައި. ފުޓުބޯޅަ ދަނޑުގައި ފެންސް ޖެހިގެންދިޔަކަމުގައިވިޔަސް ފުޓުބޯޅަދަނޑާއި މޫދާ ދޭތެރޭ މިހާރު ހުރީ 10 ވަރަކަށް ފޫޓު. އެހެންވީ މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ވަރަށް އަވަސް ބޭނުންވެފައި އޮތް މައްސަލައެއް" ފުނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ރަށް ގިރުމުގެ މައްސަލައަކީ މިވަގުތު ފުނަދޫއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލެއްކަމުން، މިކަމަށް ކައުންސިލް ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މި މައްސަލައަކީ ކައުންސިލަށް އެކަނި ޙައްލުކުރެވޭނެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ކައުންސިލުން އަޅުގަނޑުމެން އެބަ ވާހަކަދެކެވޭ އީޕީއޭއާއި ވާހަކަދައްކައިގެން އަޅުގަނޑުމެންގެ ފަޅުތެރޭގައި ހުރި ވެލި ޕަމްޕު ބޭނުންކޮށްގެން ބީޗަށް އަޅަން. އެ ހުއްދަ އެބޭފުޅުން ދެއްވާނެކަމަށް ވިދާޅުވީ. އެގޮތަށް ވެއްޖެކަމަށްވަންޏާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ 4 އިންޗީގެ ޕަމްޕެއް ކައުންސިލުން ބަޖެޓުގައި ހިމަނައިގެން ގެނެވޭތޯ ބަލަން. އެ ހިސާބުން އަޅުގަނޑުމެންނަށް ވަގުތީ ހައްލުތަކެއް ގެނެވޭނެކަމަށް އުއްމީދު މިކުރަނީ" ފުނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލާއި ރައްޔިތުންގެ ހިތްތަކުގައި ރަށްގިރުމުގެ މައްސަލައާމެދު އޮތް ކަންބޮޑުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދާދިފަހުން ވަނީ އުއްމީދީ ޖަވާބުތަކެއް ދެއްވާފައެވެ.

ފުނަދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޙާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުން ހަމަގައިމުވެސް ފުނަދޫ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވިއެވެ. ހިތްތަކަށް އުފާވެރިކަން ގެނުވައިދިނެވެ.

ފުނަދޫ ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ގެނެސްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

"މިހާރުން މިހާރަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދަންޖެހިފައިއޮތް ކަމަކީ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުން. އެއީ އަވަސް ޙައްލެއް ހޯދަންޖެހިފައި އޮތްކަމެއްކަމަށް އަޅުގަނޑުމެން ޤަބޫލުކޮށް ލަސްތަކެއްނުވެ ވީހާވެސް އަވަހަށް އެކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެންގެ ސަރުކާރުން ފަށައިދޭނެކަންވެސް މިފުރުޞަތުގައި އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން" ރައީސް ވިދާޅުވިއެވެ.

މިވަރުން އަދި އެމަނިކުފާނު ނިންމަވާލެއްވީއެއްނޫނެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުނަދޫއިން އެންމެ ބޮޑަށް ގިރާ ސަރަޙައްދުކަމަށް ރަށުގެ ދެކުނު ފަރާތު ފެނަކަ ސައިޓު ހިމެނޭ ސަރަޙައްދަށް ވަޑައިގެން، ގިރަމުންދާ ސަރަޙައްދު ބައްލަވާލައްވާ، އަމިއްލަފުޅަށް ތަޖުރިބާކުރައްވާފައެވެ. އަދި އެކަމާބެހޭ މަޢުލޫމާތުތައް އެމަނިކުފާނު އޮޅުންފިލުއްވެވިއެވެ.

މީގެއިތުރުން ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް އެމަނިކުފާނު ވަނީ ރަށްގިރުމުގެ މައްސަލައާގުޅިގެން ކައުންސިލުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަމަށް އަވަސް ޙައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮންމެއަކަސް ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅާއެކު ފުނަދޫ ކައުންސިލާއި ރަށުގެ ރައްޔިތުން މިހާރު ތިބީ، މިކަމަށް އެކަށީގެންވާ ޙައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ސަރުކާރުން ދެއްވާފައިވާ ޔަޤީންކަމާއެކު ރައްޔިތުންގެ މި ކަންބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ތަޞައްލީއެއް މިވަނީ ގެނުވާފައެވެ.