އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅުނު ފަހު މެޗުގައި އޭނާ ޖެހި ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ބެނިން އަތުން އާޖެންޓީނާ މޮޅުވެއްޖެއެވެ.
އެކުވެރިކަމުގެ މެޗެއްގައި ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި 80 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް އާޖެންޓީނާ ނިކުމެފައިވަނީ މެޗަށް ހާއްސަކޮށް އެޑިޑާސްއިން ޑިޒައިން ކޮށްފައިވާ ހާއްސަ ޖާޒީއެއްގައެވެ. އަދި މި މެޗަށް އެޑިޑާސްއިން ވަނީ ހާއްސަ ބޯޅައެއްވެސް ތައްޔާރުކޮށްފައެވެ.
މެޗު ފަށައިގެން މެޗުގެ 10 ވަނަ މިނިޓުގައި ރެފްރީ ވަނީ މެސީއަށް ހާއްސަކޮށް މެޗުގެ ކުޅުން ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. އަދި ދެ ޓީމުގެ ކުޅުންތެރިންވަނީ މެސީއާއި ސަލާމްކޮށްފައެވެ. އެވަގުތު އާޖެންޓީނާގެ ކޯޗު ލަޔޮނެލް ސްކެލޯނީގެ ލޮލުން ކަރުނަ އޮހޮރެމުންދިޔަ މަންޒަރު ޓީވީންވަނީ ދައްކާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މެސީއަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި މެސީ ނަގައިދިން ކޯނަރަކުން ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ޖަހާ އާޖެންޓީނާއަށް ކުރި ހޯދަދީފައެވެ.
އާޖެންޓީނާއިން ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ސްކެލޯނީ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ލިސަންދްރޯ މާޓިނޭޒް އާއި ފަކުންޑޯ މެޑީނާގެ އިތުރުން ނިކޯ ޕަޒް އަދި ނިކޯ ގޮންޒާލޭޒްވަނީ ކުޅެން އަރުވާފައެވެ.
މި މެޗުގައި އާޖެންޓީނާއިން ޖެހި ދެވަނަ ލަނޑަކީ ނިކޯ ޕަޒް ކުޅެން އެރިތާ ދެވަނަ މިނިޓުގައި މެސީ ދިން ޕާހަކުން ޖަހާފައިވާ ލަނޑެކެވެ.
އާޖެންޓީނާއިން މި މެޗުގައިޖެހި ތިންވަނަ ލަނޑަކީ މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލިއޮނެލް މެސީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު މެސީ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 126 އަށް އަރާފައެވެ.
21 އަހަރުގެ ދިގު މުއްދަތަކަށް ގައުމީ ޓީމަށް ކުޅުމަށްފަހު މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅުނު ހާއްސަ މެޗަށްފަހު މޮނިއުމެންޓަލް ސްޓޭޑިއަމްގައި ވަނީ އޭނާއަށް ހާއްސަކޮށްގެން ޑްރޯން ޝޯއެއްވެސް ބާއްވާފައެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މެސީ ވަނީ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕްގެ އިތުރުން ބެލޮންޑިއޯ އެވޯޑް 8 ފަހަރުމަތިން ހޯދާފައެވެ. މި ކާމިޔާބީ ހޯދުނު އިތުރު ކުޅުންތެރިއަކު އަދިއެއް ނެތެވެ.