ޚަބަރު

އަމާޒަކީ ޒަމާނީ ޢިލްމުގެ އަލީގައި މީހުން ބިނާކުރުން : ރައީސް


ސަރުކާރުގެ މުޅި ވިސްނުމަކީ ޒަމާނީ ޢިލްމުގެ އަލީގައި މީހުން ބިނާކުރުން ކަމަށާ، ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ށ.ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ށ.ފުނަދޫ ސްކޫލް އުފަންވިގޮތާއި، ކިޔަވައިދިނުމުގެ ކަންތައްތައް ފެށިގެންއައިގޮތް އެއީ ސަރުކާރުން މިއަދު ދިވެހި ދަރިންނަށް ކިޔަވައިދިނުމަށް ގެންގުޅޭ ސިޔާސަތާ ވަރަށް ބޮޑަށް ގުޅިފައިވާ ވިސްނުމެއްކަމަށެވެ.

އެގޮތުން ކީރިތި ޤުރުއާނުން އަޅުގަނޑުމެންގެ ހިތްތަކުގެ މިސްރާބު އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއަށް ސީދާކޮށްދޭކަމަށާއި، ހެޔޮގޮތުގައި މީސްތަކުންނާ މުޢާމަލާތުކޮށް މުޖުތަމަޢެއްގެގޮތުގައި ގުޅިގެން އުޅުމަށް ހާނުވައިދެނީ އިސްލާމީ އަޚްލާޤުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހިސާބު ޢިލްމުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވެ އިޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކޮށްދޭކަމަށާއި މިއީ ރާއްޖޭގެ މިއަދުގެ ތަޢުލީމީ ސިޔާސާތު އެ މައްޗަށް ބިނާކުރަމުން އަންނަ މައިގަނޑު 3 އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ މުޅި ވިސްނުން އަމާޒުކޮށްފައިވަނީ ޒަމާނީ ޢިލްމުގެ އަލީގައި މީހުން ބިނާކުުރުމަށްކަމަށެވެ. އަދި އެމީހެއްގެ މުޖްތަމަޢު ތަރައްޤީކުރުމާމެދު އަމިއްލަ ސިކުނޑީގައި އީޖާދީ ވިސްނުންތައް އުފަންކުރެވޭ ވަރުގެ ޢިލްމީ ޤާބިލުކަން ލިބިގެންވާ ދަރިންތަކެއް އުފެއްދުމަށްކަމަށެވެ.

"ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން. އެކަމުގެ އެންމެ މުހިންމު މަސައްކަތްތައް ހިނގަނީ ތަޢުލީމީ ދާއިރާގެ ތެރެއިން. ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން ރާވާފައިވާ 203 މަޝްރޫޢެއް ތަފާތު މަރުޙަލާތަކުގައި ކުރިއަށް އެބަދޭ. އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ސްކޫލްތަކަށް ކްލާސްރޫމްތައް އެބަ އިތުރުކުރެވޭ. ބައެއް ސްކޫލްތަކުގައި ސައެންސް ލެބޯޓްރީތައް އެބަ ޤާއިމުކުރަން. އަދި ބައެއް ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމުގެ މަސައްކަތްތައް ވެސް އެބަ ކުރިއަށްދޭ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާރު ފަށައިގެން ކުރިއަށްގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމަކީޥެސް ތަޢުލީމު ލިބިފައިވާ މީހުން ބިނާކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން އެ ޕްރޮގްރާމުގެ ދަށުން ފުނަދޫއިން އެކަނިވެސް 110 ދަރިވަރަކު ކިޔަވާކަމަށާއި، ރާއްޖޭން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ދޫކުރާ ލޯނު ޕްރޮގްރާމުގެ ދަށުން ފުނަދޫގެ 6 ދަރިވަރަކު ތަޢުލީމު ޙާޞިލުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީހުން ބިނާކުރުމުގެ މަސައްކަތުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވާ، ޓީޗަރުންގެ މުސާރައަށް މިދިޔަމަހުން ފެށިގެން ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ސްކޫލަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ރަންޔޫބީލް ހަނދާނީ ފިލާ، ސްކޫލަށް 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ރަންޔޫބީލް ސުވާސާ ފިލާ، އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކަށްދޭ ރަންޔޫބީލް ޝަރަފުގެ ފިލާ، ސްކޫލަށް 15 އަހަރާއި 19 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ރަންޔޫބީލް ރިހި ފިލާ އަދި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް ރަންޔޫބީލް ރަން ފިލާ އަރުވާފައެވެ.

ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ރަންޔޫބީލް ހަނދާނީ ފިލާ އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްޠަފާ ލުޠުފީއެވެ. މި ފިލާ 27 ބޭފުޅަކަށް އަރުވާފައިވެއެވެ. ފުނަދޫ ސްކޫލަށް 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ދެއްވާ ރަންޔޫބީލް ސުވާސާ ފިލާ އަރުވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ރަންޔޫބީލް ސުވާސާ ފިލާ 21 ބޭފުޅަކަށް ވަނީ އަރުވާފައެވެ.

މި ޖަލްސާގައި ފުނަދޫ ސްކޫލް ވުޖޫދުކުރައްވާ ސްކޫލަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް ދެއްވާ ރަންޔޫބީލް ޝަރަފުގެ ފިލާ، ސްކޫލަށް 15 އަހަރާއި 19 އަހަރާއި ދެމެދު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ދެއްވާ ރަންޔޫބީލް ރިހި ފިލާ، އަދި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކަށް ދެއްވާ ރަންޔޫބީލް ރަން ފިލާ އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރަންޔޫބީލް ޝަރަފުގެ ފިލާ ދެއްވާފައިވަނީ ފުނަދޫ ސްކޫލުގެ ބާނީ އަލްމަރުހޫމް ޢަބްދުﷲ ޢަބްދުލްކަރީމަށާއި، މަކުތަބްގެ މުދައްރިސު ޢަބްދުލް ހާދީ ޔޫސުފަށެވެ. ރަންޔޫބީލް ރިހި ފިލާ 7 ބޭފުޅަކަށް އަރުވާފައިވެއެވެ. އަދި ރަންޔޫބީލް ރަން ފިލާ 10 ބޭފުޅަކަށް ވަނީ އަރުވާފައެވެ. މި ޖަލްސާގައި ފުނަދޫ ސްކޫލުގެ ރަންޔޫބިލް ލަވަ ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ސްކޫލް ދަރިވަރުންގެ ފަރާތުން ބައެއް އައިޓަމްތައް ހުށަހަޅައިދީފައިވެއެވެ.

ފުނަދޫ ސްކޫލް ވުޖޫދުވީ 16 މާރިޗު 1972 ގައެވެ. މި ސްކޫލުގެ ބާނީއަކީ ފުނަދޫ އަލިވާގޭ އަލްމަރްހޫމް ޢަބްދުﷲ ޢަބްދުލްކަރީމެވެ. ސްކޫލުގެ ފުރަތަމަ މުދައްރިސަކީވެސް އަދި ނާޒިރަކީވެސް އެބޭފުޅާއެވެ. މިއީ ފުނަދޫގައި ހުރި އެންމެ ދުވަސްވީ އެއް މުއައްސަސާއެވެ. މި ސްކޫލު އެންމެ ފުރަތަމަ ހުޅުވީ "މަކްތަބުލް މުނީރު"ގެ ނަމުގައެވެ. އެއަށްފަހު 14 އޮކްޓޯބަރ 1980 ގައި ސްކޫލުގެ ނަން ފަރުކޮޅު ފުނަދޫ މަކްތަބުގެ ނަމަށް ބަދަލުކުރެވުނެވެ.

ސްކޫލުގެ ނަން މިހާރުގެ ނަމަށް ބަދަލުކޮށްފައިވަނީ 10 ނޮވެމްބަރ 1990 ގައެވެ. މި ސްކޫލުގައި މިވަގުތު ޕްރީސްކޫލުން ފެށީގެން ގްރޭޑް 12 އާއި ހަމައަށް 600 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ.