ޚަބަރު

ދެވަނަ ފިޔަވަހީގައި އަޅާ 3 ސްކޫލްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: ރައީސް


ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ސްކޫލްތަކުގެ ތެރެއިން 3 ސްކޫލެއްގެ މަސައްކަތް ނިންމާ އަންނަ އަހަރު ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީމަހަށް "ޞަލާޙުއްދީން" ސްކޫލްގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ. އަދި 2 ޕްރީ ސްކޫލްގެ މަސައްކަތް އޯގަސްޓްމަހަށް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސަރަޙައްދުގައި ދިރިއުޅޭ ޢާއިލާތަކުގެ ކުދިންނަށް ތަޢުލީމު ޙާޞިލުކޮށްދިނުމަށްޓަކައި ބޭނުންވާ ސްކޫލްތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށްގެންދާކަމަށެވެ. ހުޅުމާލޭ ފޭސް 2 ގައި 8 ސްކޫލަކާއި، އިތުރު 2 ޕްރީސްކޫލް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ. އަދި މިހާރު ކުރިއަށްދާ ޞަލާޙުއްދީން ސްކޫލްގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވާ ކުދިންނަށް ސްކޫލަށް ދެވޭވަރު ވާނެކަމަށެވެ. މީގެއިތުރަށް ކުރިއަށްދާ 2 ޕްރީސްކޫލް، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރެއަށް ނިންމާ ޚިދުމަތް ދެވޭވަރުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް "ޞަލާޙުއްދީން ސްކޫލު"ގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިއީ 1000 އާއި 1200އާއި ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. ސްކޫލް އިމާރާތްކުރަނީ 6 ފަންގިފިލާއަށެވެ. ސްކޫލްގެ ކޮންސްޓްރަކްޝަން ގިނަ މަސައްކަތްތަކެއް މިހާރުދަނީ ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި އެހެނިހެން ޚިދުމަތްތަކަށް އަލި އަޅުއްވާލައްވާ ރައީސް ވަނީ އެ ސަރަޙައްދުގައި ސަރުކާރުން އަޅާފައިވާ ވަގުތީ 2 މިސްކިތާއި، އަމިއްލަ ފަރާތަކުން އަޅާފައިވާ 2 މިސްކިތް ބޭނުންކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. އަދި ސަރުކާރުން މިހާރުވެސް 3000 މީހުންގެ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި އަދި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް ހުޅުމާލެ ފޭސް 2 ގައި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތް، ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކުން ދިނުމަށްޓަކައި 3 ކްލިނިކާއި، 3 ފާމަސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި އިތުރު ހޮސްޕިޓަލާއި، އިތުރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، މިހާރުވެސް އެޗް.ޑީ.ސީ.ގެ ފަރާތުން ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.