 
										
			އަންނަ މަސް ނިމުމުގެ ކުރިން ޒޯން 1ގައި ހިމެނޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.  
އަޖުމަބެލުމުގެ ދަތުރުތަކަށްފަހު ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ރަސްމީކޮށް ފެށީ މިމަހުގެ 12ވަނަ ދުވަހުއެވެ. މި ނިޒާމަކީ އަގު ހެޔޮ، ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުއެވެ.  
ހައި ސްޕީޑް ފެރީގެ ޚިދުމަތް ފުރަތަމަ ފަށާފައިވަނީ ޒޯން 1ގައި ހިމެނޭ 3 އަތޮޅުގެ ތެރެއިން، ހދ.އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުންނެވެ. އަތޮޅުގެ ރޫޓަށް ދަތުރުކުރުމަށް، 4 ލޯންޗު ފެރީ އަންނަނީ ބޭނުންކުރަމުންނެވެ.  
ޒޯން އެކެއްގައި ދެން ހިމެނެނީ ހއ.އަތޮޅާއި ށ.އަތޮޅެވެ. މި ދެ އަތޮޅުގައި ޚިދުމަތް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް، ސަރުކާރުން އަންނަނީ ވަމުންނެވެ. ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
		
 
										
			ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް މެނޭޖަރ އަލީ ފާތިހު ވިދާޅުވީ، މި ދެ އަތޮޅުގައި ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ނިމި، އަދި އެކަމަށް ބޭނުންވާ މުވައްޒަފުންވެސް މިހާރު ނަގާފައިވާކަމަށެވެ. މި އަތޮޅުތަކުގައިވެސް ރަސްމީކޮށް ދަތުރުތައް ފެށުމުގެ ކުރިން އަޖުމަ ބެލުމުގެ ދަތުރުތައް ކުރިއަށްގެންދާނެއެވެ.  
"މިހާރު ތައްޔާރުވަމުން މިދަނީ މި ޖޫން މަސް ނިމުމުގެ ކުރިން ހއ.އަތޮޅުގައި ޚިދުމަތް ފަށަން. އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ށ.ހިމެނޭހެން ޒޯން 1އަށް މުޅިން ޚިދުމަތް ފެށޭނެ." ފާތިޙް ވިދާޅުވިއެވެ.
		
 
										
			މި ނިޒާމުގެތެރެއިން ކޮންމެ ރަށެއްގައި ފެރީ ސްޓޮޕްތައްވެސް ހަދާނެއެވެ. ގިނަ މީހުން ޚިދުމަތް ހޯދާ ރަށްތަކުގައި އަޅަނީ ފެރީ ޓަރމިނަލްތަކެވެ. މި ފެރީ ސްޓޮޕްތަކާއި ޓަރމިނަލްތައް އެޅުމުގެ މަސައްކަތްތައްވެސް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ.
ފެރީގެ ޚިދުމަތް ފަށާފައިވާ ހދ.އަތޮޅުގައި ކުޅުދުއްފުއްޓާއި ހަނިމާދޫގެ ޓަރމިނަލްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި ގިނަ ރަށްތަކެއްގެ ފެރީ ސްޓޮޕްތައްވެސް ނިމުމަކާއި ވަނީ ގާތްވެފައެވެ. 
މި ތަންތަނުގައި މަޑުކޮށްލައިގެން ތިބުމާއި، ފާޚާނާއާއި، އަދި ބައެއް ބާވަތުގެ ތަކެތި ގަނެވޭ ކުޑަ ޓަކް ޝޮޕެއްގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.