ޚަބަރު

އެޗްޑީސީގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު 100 މީހަކަށް


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް 100 ޖާގައަށް އެކޯރޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ.

އެޗް.ޑީ.ސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ސީއެސްއާރު މަސައްކަތްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ މުޖުތަމަޢުގައި ހުނަރުވެރި މަސައްކަތްތެރިން ކުރިއެރުވުމާއި، އެފަދަ ފަރާތްތަކަށް ކުރިއަށްދެވޭނެ މަގު ތަނަސްކޮށްދިނުންކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގައި ޢަމަލީގޮތުން މަސައްކަތް ކުރުމާއެކު ކްލާސްރޫމް ސެޝަންތަކެއްވެސް ކުރިއަށްގެންދެވޭނެއެވެ. 6 މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 6000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމުގެ ބައިވެރިން ތަފާތު 10 ދާއިރާއަކުން ތަމްރީން ކުރެވޭނެއެވެ. އޭގެ ތެރޭގައި ގާޑެނިންގ، މޭސަނަރީ ވޯކްސް، ވެލްޑިންގ ޓެކްނިކްސް، ޕްލަމްބިންގ، ކާޕެންޓްރީ ދާއިރާ ހިމެނެއެވެ. އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، ހެވީ ވެހިކަލް އޮޕަރޭޝަންސް، ބިލްޑިންގ މެއިންޓެނަންސް، ކޮންސްޓްރަކްޝަން ސައިޓް ސުޕަރވިޝަން އަދި ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ދާއިރާއިންވެސް ތަމްރީން ކުރެވޭނެއެވެ.

އެޗް.ޑީ.ސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. އަދި އެ ފަރާތަކީ އޯލެވެލް ފުރިހަމަކޮށްފައިވާ ނުވަތަ އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ޙާޞިލުކޮށްފައިވާ ފަރާތަލަށް ވާންވާނެއެވެ. ބައިވެރިން ހޮވުމުގައި ތަމްރީންކުރެވޭ ދާއިރާތަކުން ކުރިއަށްދިއުމަށް ގަސްތުކުރާ ފަރާތްތަކަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެކެމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ފަރާތަކަށް އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބިގެންދާނެއެވެ. އަދި ޕްރޮގްރާމް ނިމިގެންދާއިރު، އެންމެ ރަނގަޅު ފަރާތްތަކަށް އެޗް.ޑީ.ސީގައި ވަޒީފާގެ ފުރުޞަތު އޮތް މިންވަރަކުން ވަޒީފާ ހަމަޖެހިގެންދާނެކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އެޗް.ޑީ.ސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ޖޮބްސެންޓަރުގެ އެކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށެވެ.