ޚަބަރު

އިލާންއަށް ޓުވިޓަރ ވިއްކާލަން އެއްބަސްވުމަކަށް އަތުވެއްޖެ


މަޝްހޫރު ކާރު ކުންފުނި ޓެސްލާ އާއި ޖައްވީ މިޝަންތައް ހިންގާ ސްޕޭސް އެކްސްގެ ވެރިޔާ އިލާން މަސްކަށް، ޓްވިޓަރ ޕްލެޓްފޯމު ވިއްކާލަން އެއްބަސްވެއްޖެއެވެ.

އިލާން ޓްވިޓަރ ގަންނަން ހުށަހަޅާފައިވަނީ އޭޕްރީލް 14 ވަނަ ދުވަހުއެވެ.

މޭ މަހުގެ ނިޔަލަށް 9.2 އިންސައްތަ ހިއްސާއާއެކު އިލާން މަސްކް ވަނީ ޓްވިޓަރ ކުންފުނީގެ އެންމެ އަގު ބޮޑު ހިއްސާދާރަށް ވެފައެވެ. އޭނާއަށް މިމަހު ޓްވިޓަރގެ ބޯޑުން ދިން ޖާގަ ޤަބޫލުނުކޮށް، ބަދަލުގައި ހިއްސާއެއް 54.20 ޑޮލަރުގެ ރޭޓުން ކުންފުނި ގަތުމަށް ހުށަހެޅިއެވެ. މަސްކްގެ ހުށަހެޅުމަކީ އޭނާގެ ހިއްސާތައް އިޢުލާންކުރުމުގެ އެއް ދުވަސް ކުރިން، އޭޕްރިލް 1 ގައި، ޓްވިޓަރގެ ހިއްސާގެ އަގު ހުރި މިންވަރުގެ 38 އިންސައްތަ އިތުރު، ޕްރިމިއަމް އަގެކެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާ އިލާން މަސްކްގެ މި ހުށަހެޅުން ވެގެންދިޔައީ 200 މިލިއަނަށްވުރެ ގިނަ ޑެއިލީ ޔޫސާސް ހިމެނޭ ޓްވިޓަރ ނެޓްވޯކަށް ލިބުނު ހައިރާންކަމަކަށެވެ. މި ހުށަހެޅުން ދިރާސާކުރާނެކަމަށް ކުންފުނިން ޖަވާބުދިނުމަށްފަހު ފާއިތުވި މުއްދަތުގައި ކުންފުނީގެ ބޯޑުން ވަނީ ޝެއަހޯލްޑާސް ރައިޓްސް ޕްރޮގްރާމުގެ ބޭނުންކޮށް، ކުންފުނި ނުވިއްކޭގޮތަށް ހެދުމުގެ މަސައްކަތް ކޮށްފައެވެ. އަދި ބައެއް ވިޔަފާރިވެރިން ވަނީ މަސްކުގެ ހުށަހެޅުމާއި ވާދަކުރަން ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ޓްވިޓަރއިން އޭޕްރީލް 25 ވަނަ ދުވަހު ވަނީ މަސްކްގެ ހުށަހެޅުން ޤަބޫލުކޮށް، 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ވިއްކާލަން އެއްބަސްވެފައެވެ. އަދި ކުންފުނި ވިއްކާލަން އެއްބަސްވެފައިވަނީ ބޯޑުގެ ހުރިހާ މެމްބަރުންގެ ރުހުން ލިބިގެން ކަމަށާއި، ހިއްސާދަރުންގެ ރުހުން ލިބޭނަމަ މިއަހަރު މިލްކުވެރިކަން ބަދަލުކުރާނެކަމަށް ޓްވިޓަރ ބޯޑުން ހާމަކުރެއެވެ.

މީސްމީޑިއާގައި އެންމެ މަޝްހޫރު އެއް ޕްލެޓްފޯމް ކަމަށްވާ ޓްވިޓަރ، އަމިއްލަ ކުންފުންޏަކަށް ބަދަލުވުމުގެ މަގުމަތީގައި ވާއިރު، ކުންފުނީގެ ސީއީއޯ ޕަރާގް އަގަރްވާލް ބުނީ ޓްވިޓަރ އުފެއްދި މަޤްޞަދު ޙާޞިލުވުމުގެ މުހިއްމުކަން މުޅި ދުނިޔެއަށްވެސް އެބައޮތް ކަމަށާއި، އެކަމަށްޓަކައި މި ނިންމުމާމެދު ފަޚުރުވެރިވާ ކަމަށެވެ.

ޓްވިޓަރ ގަންނަން ހުށަހެޅީއްސުރެ މަސްކް ބުނަމުން އައީ އޭނާގެ ބެލެނިވެރިކަމުގައި ޓްވިޓަރގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދޭނެ ކަމަށެވެ. އަދި އިޝްތިހާރުކުރާ ކުންފުނިތަކަށް ބާރުދީފައި އޮންނަ މިންވަރާމެދު އޭނާ ވަނީ ފާޑުކިޔާފައެވެ. އިލާން ބުނީ އެޑިޓް ބަޓަން ފަދަ ޔޫސާ-ފްރެންޑްލީ ފީޗާތައް ތަޢާރަފްކުރާނެ ކަމަށެވެ. އަދި އެތަކެއް ބޭކާރު ޓްވީޓެއް ފޮނުވާ "ސްޕޭމް ބޮޓުން" ނައްތާލާނެކަމަށް އޭނާ ބުނެއެވެ.

ޓްވިޓަރ އިން ބްލޮކް ކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ފޮކްސް ނިވްސްއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ މަސްކަށް ޓްވިޓަރ ލިބޭނެކަމަށް އޭނާވެސް އުއްމީދުކުރައްވާ ކަމަށާއި، މަސްކްގެ ދަށުން ޓްވިޓަރ އިތުރަށް ކުރިއަރާނެކަމަށެވެ. ނަމަވެސް ޓްވިޓަރ އާއި ވާދަކުރުމަށް އަމިއްލަފުޅު ޕްލެޓްފޯމެއް ތައްޔާރުކުރައްވަމުންދާތީ، އަލުން ފުރުޞަތު ލިބުނަސް އިތުރަށް ޓްވިޓަރއާ ގުޅިވަޑައި ނުގަންނަވާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްވިޓަރއަކީ ޤައުމުތަކުގެ ވެރިންނާއި، ދުނިޔޭގެ ވަރުގަދަ ލީޑަރުންނާއި، ބޮޑެތި ކުންފުނިތަކުން ބޭނުންކުރާ ޕްލެޓްފޯމެއް ކަމަށް ވާއިރު، އިތުބާރުލިބިފައިވާ އަދި ގިނަ ބަޔަކަށް ފުރުޞަތު ހުޅުވާލެވިފައިވާ ޕަބްލިކް ޕްލެޓްފޯމެއް އޮތުމަކީ މުސްތަޤްބަލަށް މުހިއްމު ކަމެއް ކަމުގައި މަސްކް ވަނީ ބުނެފައެވެ. އޭނާ ބުނީ ކުންފުނީގެ "އިކޮނޮމިކްސް" އޭނާއަށް މުހިއްމު ނޫން ކަމަށެވެ.

ޓްވިޓަރ ގަތުމަށްޓަކައި މަސްކްގެ އަމިއްލަ މިލްކިއްޔާތުން 21 ބިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށާއި، އިތުރު 25.5 ބިލިއަން ޑޮލަރުގެ ލޯނު ހަމަޖައްސާފައިވާކަމަށް ޓްވިޓަރއިން ބުނެއެވެ. މަސްކްގެ ހުށަހެޅުމަށްފަހު މިހާތަނަށް ޓްވިޓަރގެ ހިއްސާގެ އަގު ވަނީ 15 އިންސައްތަ މައްޗަށްޖެހިފައެވެ. ފޯބްސް އިން ބުނާގޮތުން 273 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް އިލާން މަސްކަށް ޓްވިޓަރ ލިބުމުން އޭނާގެ ބެލެނިވެރިކަމުގައި ޓްވިޓަރއަށް ގެންނާނެ ބަދަލުތަކާމެދު ދުނިޔޭގެ މަސްރަޙުގައި ވިޔަފާރިވެރިންނާއި ތަޖުރިބާކާރުން ދަނީ ތަފާތު އެކި ނަޒަރިއްޔާތަކުން ބަޙުސް ކުރަމުންނެވެ.