ޚަބަރު

ރޯދަމަހާ ދިމާކޮށް ޢުމްރާއަށްދާ މީހުން ގިނަވެ، ޕެކޭޖުތަކުގެ އަގު މައްޗަށް


ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ މީހުން ގިނަވެއެވެ. ކޯވިޑާއި ގުޅިގެން އައި މެދުކެނޑުމަކަށްފަހު މިހާރު މައްކާގެ ޙަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާތީ މިއަހަރުގެ ރޯދަމަހާ ދިމާކޮށް ޢުމްރާވުމަށްދާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް ޓްރެވެލް އޮޕަރޭޓަރުން ހާމަކުރެއެވެ. އަދި ޑިމާންޑް އިތުރުވުމުގެ ސަބަބުން ޢުމްރާ ޕެކޭޖުތަކުގެ އަގު 2 ގުނައަށް އުފުލިފައިވާކަމަށްވެސް އެމީހުން ބުނެއެވެ.

ބައިނަލްއަޤްވާމީ ޢުމްރާ ބުކިން ޕްލެޓްފޯމެއްކަމަށްވާ "ޢުމްރާ-މީ" އިން ބުނީ މި ރޯދަމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބުކިން ރޭޓް 80 އިންސައްތައަށް އަރާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޢުމްރާ-މީ އިން ވަނީ 27 ޤައުމެއްގެ މީހުންނަށް ވިސާ ހޯދައިދީފައެވެ. ޢުމްރާވެރިންގެ ފްލައިޓާއި، ހޮޓެލްތަކާއި، ޓްރާންސްފަރތަކާއި، ވިސާގެ ކަންކަން ހަމަޖައްސައިދޭ މި ބުކިން ޕްލެޓްފޯމުން މިއަހަރު ވަނީ ބިޒްނަސް ޓު ކަސްޓަމަރ ނުވަތަ ބީޓުސީ އުޞޫލުން، ކަސްޓަމައިޒް ޕެކޭޖުތަކެއް ތަޢާރަފްކޮށްފައެވެ.

މި ޕެކޭޖުތަކުގެ މައިގަނޑު މަޤްޞަދަކީ ވަކި ވަކި ކަސްޓަމަރުންގެ ފަރާތުން ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި ކަސްޓަމަރުންގެ ޢަދަދު ގިނަ ކޮށްގެން ފައިދާ ހޯދުމެވެ.

ވޯލްޑް ޙައްޖު އެންޑް ޢުމްރާ ކެއަރ ފައުންޑޭޝަނުންދޭ "ބެސްޓް އޮންލައިން އެޖެންޓް ފޯ ޙައްޖު އެންޑް ޢުމްރާ ޕިލްގްރިމްސް"ގެ އެވޯޑު ހޯދާފައިވާ ޢުމްރާ-މީ އިން ބުނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު، ޢުމްރާގެ އަޅުކަމަށް އޮތް ޑިމާންޑް އިތުރުވާން ފަށާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޑިމާންޑާއެކު އެ ޕްލެޓްފޯމުން ވަނީ 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 3.5 މިލިއަން ކަސްޓަމަރުން ހަމަކޮށްފައެވެ.

ޢުމްރާގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑިމާންޑު އިތުރުވަމުން ދިއުމުގެ ސަބަބުން މި ރޯދަމަހު ޕެކޭޖުތަކުގެ އަގު 2 ގުނައަށް އުފުލިފައިވާކަމަށް ޓްރެވެލް އޮޕަރޭޓަރުން ބުނެއެވެ. ސަޢުދީގެ ވެރިރަށް ރިޔާޟުގެ އެކި ސަރަޙައްދުތަކުގައި 100 އެއްހައި ޢުމްރާ ޓްރެވެލް އޮޕަރޭޓަރުން ޙަރަކާތްތެރިވެއެވެ. ހަފްތާ ބަންދު ޕެކޭޖުތަކުގައި މައްކާއަށާއި މަދީނާއަށް އެމީހުން ކުރާ ދަތުރުތައް އޮންނަނީ ބުރާސްފަތިދުވަހުގެ ހަވީރުން ފެށިގެން ހޮނިހިރުދުވަހުގެ މެންދަމާއި ހަމައަށެވެ. މި ދަތުރުތަކުގައި ޢުމްރާވެރިންގެ ޢަދަދު ކަށަވަރުކުރުމަށް މަރުކަޒީ ބަސް ޓާމިނަލްތަކުގައި މަޑުކުރެއެވެ. އަދި ނަމާދުވަގުތަށާއި، ކެއުމަށާއި، މީޤާތާއި އަރާހަމަވުމުން ޢުމްރާވެރިން އިޙްރާމް ބަނުމަށް މަޑުކުރެއެވެ.

ރިޔާޟުގައި ޢުމްރާ ޓްރަވެލް އޮޕަރޭޓަރުން ނަގާ ފީއަށް ބަލާއިރު ރަމަޟާންމަސް ނޫން ދުވަސްތަކުގައި ނަގަނީ މީހަކަށް 110 ސަޢުދީ ރިޔާލެވެ. އެއީ ގާތްގަނޑަކަށް 30 ޑޮލަރެވެ. ނަމަވެސް މިހާރު ޕެކޭޖުތަކުގެ އަގު ބޮޑުވެ، މީހެއްގެ އަތުން 200 އާއި 280 ރިޔާލާއި ދެމެދުގައި ނަގައެވެ. އަދި ރޯދަމަހުގެ ފަހުދިހައިގައި މި ޢަދަދު އިތުރަށް ބޮޑުވެ، މީހަކަށް 300 ރިޔާލުގެ ރޭޓަށް ދާނެކަމަށް އޮޕަރޭޓަރުން ބުނެއެވެ. ދަތުރުތަކުގެ އަގު ދެގުނައަށް އުފުލުމުގެ ފަހަތުގައި ޑިމާންޑް އިތުރުވުމުގެ އިތުރުން، ވިޔަފާރި މުދަލުން ނަގާ ޓެކްސް 15 އިންސައްތައަށް ބޮޑުކޮށްފައިވުންވެސް ހިމެނޭކަމަށް އޮޕަރޭޓަރުން ބުނެއެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ޢުމްރާ ޕެކޭޖުތަކުގެ އަގު އުފުލިގެންދެއެވެ. ސަބަބަކީ ޢުމްރާއަށް ވިސާ ލިބެނީ ރަޖިސްޓްރީކޮށްފައިވާ ޓްރެވެލް އޭޖެންސީތައް މެދުވެރިކޮށް ކަމަށް ވެފައި، ރަމަޟާންމަހު މި އަޅުކަން އަދާކުރުމަށް ގިނަ ބަޔަކު ޝަޢުޤުވެރިވާތީއެވެ. މިއަހަރު ޢުމްރާއަށް ޢާއްމުކޮށް ވިސާ ހުޅުވާލާފައިވާއިރު، ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ޙައްޖުގެ ލިމިޓުގެ ގޮތުގައި ސަޢުދީ ސަރުކާރުން ކަނޑައަޅާފައިވަނީ 1 މިލިއަން ޙައްޖާޖީންނެވެ.

މަސްޖިދުލް ޙަރަމްގައި ޢާއްމު ކެޕޭސިޓީގައި ގައިދުރުކަމެއް ނެތި އަޅުކަންކުރުމަށް މިހާރު ހުޅުވާލާފައިވާއިރު، ޢުމްރާ ޕެކޭޖުތަކުގެ އިތުރުން ރިޔާޟުން ޖިއްދާއަށް ކުރާ ވައިގެ ދަތުރުތަކަށްވެސް ބާރު ބޮޑުވަމުން އަންނަކަމަށް ޓިކެޓިން އޭޖެންސީތަކުން ބުނެއެވެ. އެގޮތުން ޢާއްމުކޮށް 1000 ރިޔާލަށް ލިބޭ ޓިކެޓުގެ އަގު ރޯދަމަހު ހުރީ 1500 އާއި 2000 ރިޔާލާއި ދެމެދުގައި ކަމަށް ކުންފުނިތަކުން ހާމަކުރެއެވެ.

2021 ވަނަ އަހަރުގެ ސަޢުދީން ބޭރުން 3.4 މިލިއަން މީހުންނާއެކު ޖުމްލަ 6.4 މިލިއަން މީހުން ޢުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ. ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢުދީއަށް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މުސްލިމުން ދަތުރުކުރާތީ، މިއީ އެ ޤައުމުގެ ޖީޑީޕީގައިވެސް މުހިއްމު ދައުރެއް އަދާކުރާ އާމްދަނީއެކެވެ.