ޚަބަރު

ގޫގުލްގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ސެންޓަރެއް ފުރަތަމަ ފަހަރަށް އެފްރިކާއަށް

އެފްރިކާ ބައްރުގައި ގޫގުލްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، ފުރަތަމަ ފަހަރަށް އެ ސަރަޙައްދުގައި ގޫގުލްގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވަން ނިންމައިފިއެވެ. މި ސެންޓަރު ޤާއިމުކުރުމަށް ނިންމާފައިވަނީ ކެންޔާގެ ވެރިރަށް ނައިރޯބީގައެވެ.

ނައިރޯބީގައި ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ސެންޓަރެއް ތަރައްޤީކުރުމަށް ގޫގުލްއިން ނިންމާފައިވަނީ އެފްރިކާ ސަރަޙައްދުގައި ތިބި އިންޓަރނެޓުގެ ޚިދުމަތް ހޯދާ ގިނަ ޢަދަދެއްގެ މީހުންނަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދިނުމުގެ ބޭނުމުގައެވެ.
އަލްފަބެޓް ކުންފުނީގެ ޕްލެޓްފޯމެއް ކަމަށްވާ ގޫގުލް އިން ބުނީ 2030 ވަނަ އަހަރުގެ ނިޔަލަށް އެފްރިކާ ބައްރުގައި އިންޓަރނެޓް ބޭނުންކުރާ މީހުންގެ ޢަދަދު 800 މިލިއަނަށް އަރާނެކަމަށެވެ. އަދި މީގެތެރޭގައި ދުނިޔޭގެ ޒުވާނުންގެ އާބާދީގެ 3 ބައިކުޅަ 1 ބައި ހިމެނޭނެތީ، މިއީ އިންވެސްޓުކުރަން ރަނގަޅު މަންޒިލެއް ކަމަށް ގޫގުލްއިން ބުނެއެވެ.

ގޫގުލްގެ ސީއީއޯ ސުންދަރ ޕިޗާއީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ވަނީ، އެފްރިކާ ބައްރުގެ ޤައުމުތަކުގެ އިޤްތިޞާދަށް ޑިޖިޓަލައިޒޭޝަން ވެއްދުމުގެ ގޮތުން 5 އަހަރު ދުވަހަށް ބަހާލައިގެން ހިންގާ އެކި މަޝްރޫޢުތަކަށް ޖުމްލަ 1 ބިލިއަން ޑޮލަރު އިންވެސްޓުކުރާނެކަމަށް ބުނެފައެވެ. އެ ނިންމުމުގެ ދަށުން މިހާތަނަށް ގާނާގެ ވެރިރަށް އަކްރާގައި އާޓިފިޝަލް އިންޓެލިޖެންސް ސެންޓަރެއް ހުޅުވާފައިވެއެވެ.

ގޫގުލްގެ އޮފީސްތައް ކެންޔާ، ޔުގަންޑާ، ސެނެގާލް އަދި ނައިޖީރިއާގައިވެސް ހުރެއެވެ. ނަމަވެސް މިއީ އެ ކުންފުނިން އެފްރިކާ ސަރަޙައްދުގައި ޓެކްނިކަލް މަސައްކަތަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރާ ފުރަތަމަ ފަހަރެވެ. މި ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ގޫގުލްއިން ވަނީ މިހާރުއްސުރެ އިޢުލާންކޮށްފައެވެ. އެގޮތުން އިންޖިނިއަރުންނާއި، ޕްރޮޑަކްޓް މެނޭޖަރުންނާއި، ޑިޒައިނަރުންނާއި، ސެންޓަރުގެ އެކި މަޤާމުތަކަށް މީހުން ނެގުމަށް ހުޅުވާލާފައިވާކަމަށް ގޫގުލްއިން ބުނެއެވެ.

ގޫގުލްއިން އެފްރިކާގައި ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރަން ނިންމާފައިވާއިރު، މައިކްރޮސޮފްޓުންވެސް ދަނީ ކެންޔާ އާއި ނައިޖީރިޔާގައި މިފަދަ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެ މަޝްރޫޢުތަކަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި، 120 އަށްވުރެ ގިނަ އިންޖިނިއަރުން އެ ތަންތަނުގައި މަސައްކަތް ކުރަމުންދާކަމަށް މައިކްރޮސޮފްޓުން މިމަހު ހާމަކޮށްފައިވެއެވެ.