ޚަބަރު

މިވަގުތު ޗައިނާގެ އިޤްތިޞާދީ ސިޔާސަތުތައް ބައިނަލްއަޤްވާމީ ވިޔަފާރިއަށް ކޮންމެހެން މުހިއްމު

ޗައިނާގެ އިޤްތިޞާދީ ޙަރަކާތްތައް ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުގެ އަސަރު ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށާއި، އެ އަސަރު ކުޑަ ކުރުމަށް ޗައިނާއަށް ފުރުޞަތު އެބައޮތްކަމަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްއިން ބުނެފިއެވެ.

ޗައިނާގައި ބާއްވާ ބޮއެއޯ ފޯރަމް ފޯ އޭޝިޔާގެ އަހަރީ ބައްދަލުވުމުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވެ ވަޑައިގެން އައި.އެމް.އެފްގެ ޗީފް ކުރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ، ޗައިނާގެ އިޤްތިޞާދީ ޙަރަކާތްތައް މަޑުޖެހިފައިވާ މިންވަރުން އަރައިގަންނާނެ ގޮތުގެ ސިޔާސަތުތައް ކަނޑައެޅުމަކީ ދުނިޔޭގެ ވިޔަފާރިއަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެފައިވަނީ ޗައިނާގެ އިޤްތިޞާދު އޮތީ ހަރުދަނާކޮށް ކަމަށާއި، ކުރިއަށް ރޭވިފައިހުރި އިޤްތިޞާދީ ޙަރަކާތްތަކުގެ ދުވެއްޔަށް ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް ޗައިނާގައި މިހާރު އޮތް ފުރަބަންދު ގިނަ ދުވަސްތަކަކަށް ދެމިގެންގޮސްފައިވާތީ، ދުނިޔޭގެ ސަޕްލައި ޗެއިނަށް އަސަރުކޮށްފައިވާކަމަށް އައި.އެމް.އެފުން ބުނެއެވެ. އަދި އައި.އެމް.އެފުން ވަނީ މިއަހަރަށް ލަފާކޮށްފައިވާ ޗައިނާގެ ޖީ.ޑީ.ޕީގެ ފޯކާސްޓު ދަށްކޮށްފައެވެ.

އައި.އެމް.އެފްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި މާރިޗުމަހު ޗައިނާގެ އުފެއްދުންތެރިކަމުގެ ނަންބަރުތައް ހުރީ އަންދާޒާއަށްވުރެ ދަށުގައެވެ. މީގެ އިތުރުން ޗައިނާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ޝަންހާއީ އަދިވެސް ފުރަބަންދުކޮށްފައި އޮތުމުން، ކުރިއަށްއޮތްތަނުގައިވެސް އެ ޤައުމުގެ އުފެއްދުންތެރިކަން ދަށްވާނެކަމަށް ލަފާކޮށް، އައި.އެމް.އެފުން ވަނީ ޗައިނާގެ މިއަހަރުގެ ގްރޯތް ފޯކާސްޓު، 5.5 އިންސައްތައިން 4.4 އިންސައްތައަށް ދަށްކޮށްފައެވެ.

އައި.އެމް.އެފްގެ ޗީފް ކްރިސްޓަލީނާ އިތުރަށް ވިދާޅުވީ މިވަގުތު ޗައިނާގެ އިޤްތިޞާދުގައި މެކްރޯ-އިކޮނިމިކް ޕޮލިސީތަކުގެ ބޭނުން ކުރެވިދާނެ ދާއިރާތައް އެބަހުރި ކަމަށެވެ. އެގޮތުން ފުދުންތެރިކަން ކުޑަ ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދީގެން އެފަދަ ޢާއިލާތަކުން ޢާއްމު ވިޔަފާރި މުޢާމަލާތްތަކުގައި ބައިވެރިވާން ފެށުމުން، ޗައިނާގެ ލޯ-ކާބަން ސެކްޓަރތަކުގެ އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އެ ޤައުމުގެ މޫސުމީ އަދި ތިމާވެއްޓާގުޅޭ ޢަމާޒުތަކަށް ވާޞިލުވުމަށްވެސް އެހީއަކަށް ވެގެންދާނެކަމަށްވެސް ކުރިސްޓަލީނާ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް ގެދޮރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމަކީ ޗައިނާގެ އިޤްތިޞާދު ހިފެހެއްޓުމަށްޓަކައި މުހިއްމުކަމެއްކަން ކުރިސްޓަލީނާ ފާހަގަކުރެއްވިއެވެ.

ޗައިނާގައި ކޯވިޑް-19ގެ އައު ރާޅެއް ފެތުރެން ފަށައި، އެ ޤައުމުގެ މައި ސިޓީތައް ފުރަބަންދުކޮށްފައި އޮންނަތާ ތިން ހަފްތާ ވެފައިވާއިރު، މަސައްކަތް މެދުކަނޑާލަން އަންގާފައިވާ އެތައް ސަތޭކަ ވިޔަފާރިއަކާއި ކާރުޚާނާއެއް އަލުން ހުޅުވުމުގެ ހުއްދައަށް އެދިގެން، ޖަވާބު ނުލިބިފައި އެބަތިއްބެވެ.