ޚަބަރު

ނެޓްފިލިކްސް ބަލާ މީހުން މަދުވެ، ޕެކޭޖްތަކުގައި އަގުތައް ބަދަލުކުރަނީ


އޮންލައިންކޮށް ފިލްމާއި ސީރީޒްތައް ބަލަން ބޭނުންކުރާ ނެޓްފްލިކްސްގެ ސްބްސްކަރައިބަރުންގެ ޢަދަދު ފުރަތަމަ ފަހަރަށް މަދުވެ، ސަބްސްކްރައިބަރުން އަދަދުދަށްވަމުން އަންނަކަމަށް ނެޓްފްލިކްސް އިން ހާމަކޮށްފިއެވެ.

ޕެންޑެމިކް ތެރޭގައި ސްޓީމިންގެ ދުނިޔޭގައި ރަސްކަންކުރަމުން އައި ނެޓްފްލިކްސްގެ ޑިމާންޑަށް ބަދަލު އަންނަން ފެށީ، ލޮކްޑައުންއަށްފަހު މީހުން ގޭގައި ތިބުން ނިމުމަކަށް އައި ހިސާބުންނެވެ. އެގޮތުން 2021 ވަނަ އަހަރު މި ޚިދުމަތަށް ސަބްސްކްރައިބް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޢަދަދުގެ ދެބައިކުޅަ އެއްބައެވެ.10 އަހަރު ދުވަހަށްފަހު ސަބްސްކަރައިބަރުން ގެއްލެން ފަށާފައިވާކަމަށް ނެޓްފިލްކްސް އިން ބުނެއެވެ.

ނެޓްފްލިކްސްގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި 200000 ސަބްސްކްރައިބަރުން މަދުވެފައެވެ. މި މަޢުލޫމާތު ޢާއްމުކުރުމާއެކު ބާޒާރުގައި ނެޓްފްލިކްސްގެ ހިއްސާގެ އަގު 26 އިންސައްތަ ވެއްޓި، 40 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. .

ނެޓްފްލިކްސް އިން ކުރިން އަންދާޒާކޮށްފައި އޮތީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަލަށް 2.5 މިލިއަން ސަބްސްކްރައިބަރުން ލިބޭނެކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ސަބްސްކްރައިބަރުން މަދުވީ އިންފްލޭޝަނާއި، ޔޫކްރެއިން ހަނގުރާމައާއި، އަދި ވިޔަފާރީގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެއެވެ. ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިޔާގައި ނެޓްފްލިކްސްގެ ޚިދުމަތް މެދުކަނޑާލުމުން 700000 މެމްބަރުން ގެއްލިފައިވެއެވެ.

މިހާރު 221.6 މިލިއަން ސަބްސްކްރައިބަރުން ތިބި ނެޓްފްލިކްސް އިން ބުނީ މި ހިނގާ ކުއާޓަރުގައިވެސް މެމްބަރުން މެމްބަރުންގެ އަދަދު ދަށަށްދާނެކަމަށެވެ. އެގޮތުން 2 މިލިއަން ސަބްސްކްރައިބަރުން ނެޓްފިލްކްސް ދޫކޮށްލާނެކަމަށް އެކުންފުނިން ލަފާކޮށްފައިވެއެވެ.

މި އަޑިގަނޑު ސަލާމަތްވުމަށް ނެޓްފްލިކްސްގެ މިހާރު ވިސްނުންހުރީ އިޝްތިހާރު އެކުލެވޭ ޕްލޭންތައް އަގުހެޔޮކޮށް ވިއްކުމަށާއި، ޝެއަރ ކުރާ އެކައުންޓުތަކުން އިތުރު ފީއެއް ނެގުމަށެވެ. އިޝްތިހާރު އެކުލެވޭ ސްޓްރީމިން އަކަށް ބަދަލުކުރުމާމެދު ކުންފުނީގެ ސީ.އީ.އޯ ރީޑް ހޭސްޓިންގްސް ބުނީ އެއީ އޭނާ ތާޢިދުކުރާ ކަމެއް ނޫން ނަމަވެސް ބެލުންތެރިންގެ ޗޮއިސް މުހިއްމު ކަމަށެވެ. އެގޮތުން އިޝްތިހާރު އެކުލެވުނަސް ބެލުންތެރިންގެ މަޤުބޫލުކަން ހޯދިދާނެކަން، އެޗް.ބީ.އޯ އާއި ޑިސްނީ ސްޓްރީމިނަށް ބަލާލުމުން އެނގޭކަމަށް އެނާ ބުނެއެވެ.

ނެޓްފްލިކްސް އިން ބުނީ ޚިދުމަތުގެ ވާދަވެރިކަން ބޮޑުވެފައިވަނިކޮށް ގޭބިސީތަކުން އެކައުންޓް ޝެއަރ ކުރާތީ އާމްދަނީއަށް ބޮޑު އަސަރެއް ކުރާކަމަށެވެ. އެގޮތުން ޕެކޭޖުތަކަށް ފައިސާ ދައްކާ ގޭބިސީތަކުގެ އިތުރުން އިތުރު 100 މިލިއަން ގޭބިސީއަކުން، ޝެއަރިންގ އެކައުންޓުތައް މެދުވެރިކޮށް ޚިދުމަތް ހޯދަމުންދާކަމަށް ނެޓްފްލިކްސް އިން ބުނެއެވެ. މީގެތެރެއިން 30 މިލިއަން ގޭބިސީ ނިޞްބަތްވަނީ އެމެރިކާއާއި ކެނެޑާ އަށެވެ. މިއީ ވޯލް ސްޓްރީޓަށްވެސް ހައިރާންކަން ލިބުނު ނަންބަރުތަކެއް ކަމަށް ވާއިރު، ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސްގެ އާމްދަނީވެސް ހުރީ ވޯލް ސްޓްރީޓުގެ އަންދާޒާއަށްވުރެ ދަށުގައި، 7.9 ބިލިއަން ޑޮލަރުގައެވެ.

ސްޓްރީމިންގ ޚިދުމަތުގެ ވާދަވެރިކަމަށް ބަލާއިރު މިދިޔަ އަހަރު ސްޓްރީމިން ކުންފުނިތަކުން އައު ކޮންޓެންޓު އުފެއްދުމަށް 50 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ 2019 ވަނަ އަހަރު ޚަރަދުކުރި މިންވަރުގެ 2 ގުނަ އިތުރު ޢަދަދެކެވެ.

ވާދަވެރިކަމާއެކުވެސް އެމެރިކާގައި ނެޓްފްލިކްސްގެ ޓީވީ އޯޑިއަންސް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. ނެޓްފްލިކްސް އިން ފަހަކަށްއައިސް ބޮޑަށް މަސައްކަތްކުރަނީ ވަކި މާކެޓަކަށް ޚާއްޞަވުމުގެ ބަދަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ބަސްބަހުންނާއި، އެކި ޢުމުރުފުރާތަކަށް ކޮންޓެންޓް އުފެއްދުމަށެވެ. އެގޮތުން 2021 ވަނަ އަހަރު ހަމައެކަނި ކޮރެއަން ޝޯވތަކަށް 1 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.