ޚަބަރު

ކުންފުނި ވިއްކުން ހުއްޓުވަން އުޅޭތީ މަސްކްގެ ނުރުހުން ޓުވިޓަރ ބޯޑަށް


މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓަރ ގަތުމަށް އެ ކުންފުނީގެ އެންމެ އަގު ބޮޑު ހިއްސާދާރު އީލާން މަސްކް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަތުން ފަސްކުރަން މަސައްކަތް ކުރާތީ ޓްވިޓަރ ބޯޑަށް މަސްކްގެ ނުރުހުން ޢަމާޒުކޮށްފިއެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލާން މަސްކް ވަނީ ޓްވިޓަރގެ ހިއްސާއެއް 54.20 ޑޮލަރުގެ ރޭޓުން، 43 ބިލިއަން ޑޮލަރަށް ގަތުމަށް ހުށަހަޅާފައެވެ. ނަމަވެސް ކުއްލިއަކަށް އަންނަ އެފަދަ ހުށަހެޅުންތަކުން ސަލާމަތްވުމަށްޓަކައި ކުންފުނީގެ ބޯޑުން ވަނީ ޝެއަރހޯލްޑާސް ރައިޓްސް ޕްރޮގްރާމުގެ ބޭނުން ކޮށްފައެވެ.

ވިޔަފާރީގައި ޢާއްމުކޮށް "ޕޮއިޒަން ޕިލް" ގެ ނަމުން ކިޔާ މި ޕްރޮގްރާމަކީ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް 15 އިންސައްތައަށްވުރެ ގިނައިން ނުލިބޭގޮތަށް ހެދުމަށްޓަކައި ބާޒާރުގައި ޑިސްކައުންޓް ރޭޓެއްގައި އިތުރަށް ހިއްސާ ވިއްކައިގެން، ކުންފުނީގެ ސްޓޮކް ޑައިލިއުޓް ކުރުމެވެ. މިގޮތަށް ޢަމަލުކުރުމުން އެއިރަކު ކުންފުނީގައި ތިބޭ ހިއްސާދާރުންގެ ހިއްސާގެ ނިޞްބަތް ދަށަށްދާނެއެވެ. އަދި މި ޕްރޮގްރާމަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރު ދުވަސް ވަންދެން ކުންފުނީގެ މިލްކުވެރިކަން ބަދަލެއް ނުކުރެވޭނެއެވެ.

ޓްވިޓަރ ގަންނަން ހުށަހެޅީއްސުރެ މަސްކް ދަނީ އެ ނިންމުމަކީ ހިއްސާދާރުންގެ މެދުގައި ނިންމަންޖެހޭ ކަމެއް ކަމަށާއި، ބޯޑުގެ ނިންމުމަކަށް ވެގެން ނުވާނެކަމަށް ބުނަމުންނެވެ. އަދި މިކަމުގައި އޭނާގެ 80 މިލިއަން ޓްވިޓަރ ފޮލޯވަރުންގެ ޚިޔާލު ހޯދުމަށް ޕޯލެއް ހުޅުވައި، ބޮޑު މެޖޯރިޓީއެއްގެ އާނ ބަސްވެސް ވަނީ ހޯދާފައިއެވެ. ކުންފުނީގެ ބޯޑުން "ޕޮއިޒަން ޕިލް"ގެ ބޭނުންކުރުމާއެކު މަސްކް ވަނީ ބޯޑަށް ނުރުހުން ޢަމާޒުކޮށްފައެވެ.

އިލާން މަސްކް ޓްވިޓަރ ގަނެފިނަމަ ބޯޑު މެމްބަރުންގެ ވަޒީފާ ގެއްލިދާނެކަމަށް ބުނެ މީހަކު ކުރި ޓްވީޓަކާ ވިދިގެން މަސްކް ބުނީ އޭނާގެ ބިޑް ކާމިޔާބުވެއްޖެނަމަ ބޯޑުގެ އުޖޫރައަކަށް ވާނީ 0 ޑޮލަރު ކަމަށާއި، އޭރުން އަހަރެއްގެ މައްޗަށް 3 މިލިއަނެއްހައި ޑޮލަރު ސަލާމަތްވީ ކަމަށެވެ.

މަސްކް ޓްވިޓަރ ގަންނަން ހުށަހެޅުމާއެކު ދުނިޔޭގެ ބާޒާރުގައި މިކަމަށް އޮތް ވާދަވެރިކަން ބޮޑުވެ، އެމެރިކާގެ ޕްރައިވެޓް ޓެކް ކުންފުންޏެއް ކަމަށްވާ ތޯމާ ބްރާވޯއިން ވަނީ ޓްވިޓަރ ގަތުމުގެ ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ. މަސްކްގެ ހުށަހެޅުމަށް ވާދަވެރިކަން ބޮޑުވަމުން ދިޔަނަމަވެސް މަސްކު ބުނީ އޭނާގެ ބިޑަކީ އެންމެ ރަނގަޅު އަދި އެންމެ ފަހުގެ ހުށަހެޅުން ކަމަށާއި، ޢަދަދުތަކަށް އިތުރު ބަދަލެއް ނުގެންނާނެކަމަށެވެ.

ފޯބްސް އިން ބުނާގޮތުން 273 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް އިލާން މަސްކަކީ ޓްވިޓަރގެ 9.2 އިންސައްތަ ހިއްސާއާއެކު ވަކި ވަކި މީހުންގެ ތެރެއިން އެންމެ ބޮޑު ހިއްސާދާރެވެ. ނަމަވެސް އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ވޭންގާޑް ގްރޫޕުން މާރިޗުމަހުގެ ނިޔަލަށް ޓްވިޓަރގެ 10.3 އިންސައްތަ ހިއްސާ ނަގާފައިވާތީ، މަސްކް އަކީ ކުންފުނީގެ 2ވަނައަށް އެންމެ ބޮޑު ހިއްސާދާރެވެ.

މަސްކް ޓްވިޓަރ ގަންނަން ހުށަހަޅާފައި މިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެކައުންޓް ޓްވިޓަރއިން ބްލޮކްކުރުމުން އެ އަމަލަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޓްވިޓަރ އިން ހުރަސްއަޅާކަމުގެ ހެއްކެއް ކަމަށް ބުނެ، ޓްވިޓަރ އަށް ފާޑުކިޔުން ޢަމާޒުވެފައިވަނިކޮށެވެ.

ޓްވިޓަރގެ މިދިޔައަހަރުގެ ރިޕޯޓުތައް ދައްކާގޮތުން ޔޫޒަރ ބޭސް އިތުރުވީ އަންދާޒާކުރި މިންވަރަށްވުރެ މަދުންނެވެ. އެހެންކަމުން ކުންފުނީގެ ބޯޑުން ދިން ޖާގަ ޤަބޫލުނުކޮށް ދޫކޮށްލުމަށްފަހު އިލާން މަސްކް، ޓްވިޓަރ ގަންނަން ހުށަހެޅީ، ކުންފުންޏަށް ކުރިއެރުން ލިބެން އޮތީ ޕްރައިވަޓައިޒް ކޮށްގެން ކަމަށް އޭނާ ދެެކޭތީކަމަށް މަސްކްވަނީ ބުނެފައެވެ.

މަސްކްގެ ހުށަހެޅުމަށްފަހު މިހާތަނަށް ޓްވިޓަރގެ ހިއްސާގެ އަގު ވަނީ 15 އިންސައްތަ މައްޗަށްޖެހިފައެވެ. ނަމަވެސް އަދިވެސް ހިއްސާގެ އަގު ހުރީ މަސްކްގެ ހުށަހެޅުމަށްވުރެ ބޮޑުތަނުން 45 ޑޮލަރު ދަށުގައެވެ. ޚަބަރުތައް ބުނާގޮތުން ބިޑް ކާމިޔާބުވެއްޖެނަމަ މަސްކްގެ އަމިއްލަ މިލްކިއްޔާތުން 15 ބިލިއަން ޑޮލަރު ޚަރަދުކުރުމަށް ނިންމައި، ބާކީބައި ހަމަޖެއްސުމަށް މޯގަން ސްޓޭންލީ ބޭންކާއި ދަނީ ވާހަކަދައްކަމުންނެވެ.