ޚަބަރު

ސިންގަޕޫރުގެ ވައިގެ ދަތުރުތަކަށް ކުރު މުއްދަތެއްގައި ބޮޑު ކުރިއެރުމެއް

ސިންގަޕޫރުގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކަށް ލުއިދީ، މުހިއްމު މަންޒިލުތަކަށް ބޯޑަރު ހުޅުވާލުމާއެކު، މިދިޔަ މަހު ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ސިންގަޕޫރުގެ ޤައުމީ އެއަރލައިން ހިންގާ ސިންގަޕޫރް އެއަރލައިންސް (އެސް.އައި.އޭ) ގްރޫޕުގެ އޮޕަރޭޓިންގ ނަންބަރުތައް ދައްކާގޮތުން ފާއިތުވި މާޗުމަހު ސިންގަޕޫރު އެއަރލައިންސް އާއި ސްކޫޓުން 893000 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. މިއީ ކުރީ އަހަރުގެ މާރިޗުމަހާ އަޅާބަލާއިރު 790 އިންސައްތަ އިތުރު ޢަދަދެކެވެ. ފާއިތުވި ފެބްރުއަރީމަހު މި އެއަރލައިންތަކުން ދަތުރުކޮށްފައިވަނީ 544600 މީހުންނެވެ. އެހެންކަމުން މާޗުމަހު ބޯޑަރު ހުޅުވާލުމާއެކު ވައިގެ ދަތުރުތައް ޕެންޑެމިކުގެ ކުރީގެ ޙާލަތަށް ދާން ފަށާފައިވާކަމަށް އެސް.އައި.އޭ ގްރޫޕުން ބުނެއެވެ.

އެސް.އައި.އޭގެ މިދިޔަމަހުގެ ޕެސެންޖަރ ކެޕޭސިޓީ، ޕެންޑަމިކުގެ ކުރީގެ މިންވަރުގެ 51 އިންސައްތައަށް އަރައެވެ. އަދި މި ޢަދަދު މޭ މަހުގެ ނިޔަލަށް 61 އިންސައްތައަށް އިތުރުވެގެންދާނެކަމަށް އެސް.އައި.އޭއިން ލަފާކުރެއެވެ.

އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން ހުރިހާ މަންޒިލަކަށް ސިންގަޕޫރުގެ ބޯޑަރު ހުޅުވާލުމާއެކު ވެކްސިނޭޓެޑް ޓްރަވެލް ލޭންތައް ވަނީ އުވާލާފައެވެ. ވެކްސިން ފުރިހަމަކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިހާރު އެޤައުމަށް ދަތުރުކުރެވޭއިރު، 12 އަހަރުން ދަށުގެ ކުޑަކުދިންނަށްވެސް ދަތުރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މި ބަދަލު ގެނައުމުގެ ކުރިން ވަކި މަންޒިލުތަކަށް ބޯޑަރު ހުޅުވާލުމުން އެސް.އައި.އޭ ގްރޫޕުގެ މާޗުމަހުގެ ޕެސެންޖަރ ލޯޑް ފެކްޓަރ ނުވަތަ ނުވަތަ ކެޕޭސިޓީ ބޭނުންކުރި މިންވަރު ވަނީ 54.5 އިންސައްތައަށް އަރާފައެވެ. މިއީ ފެބްރުއަރީއާ އަޅާބަލާއިރު 15.4 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ފާއިތުވި އަހަރުގެ މާޗުމަހާ އަޅާބަލާއިރު 41.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަސިންޖަރުންގެ ޢަދަދު އިތުރުވީނަމަވެސް އެސް.އައި.އޭ ގްރޫޕުގެ ކާގޯ ލޯޑް ފެކްޓަރ ވަނީ ދަށްވެފައެވެ. އެގޮތުން ފާއިތުވި އަހަރާއި އަޅާބަލާއިރު ކާގޯ ލޯޑް ވަނީ 19.8 އިންސައްތަ ދަށްވެފައެވެ.

މާޗުމަހުގެ ނިޔަލަށް ސިންގަޕޫރު އެއަރލައިންސް އިން 69 މަންޒިލަކަށް، އަދި ސްކޫޓުން 43 މަންޒިލަކަށް ދަތުރުކުރަން ވަނީ ފަށާފައެވެ. މިއާއެކު އެސް.އައި.އޭ ގްރޫޕުގެ ބޯޓުތަކުން ޕެންޑަމިކުގެ ކުރީގެ ޢަދަދުގެ 3 ބައިކުޅަ 2 ބައި މަންޒިލަށް ދަތުރުތައް އަލުން ފަށާފައިވާކަމަށް އެ ގްރޫޕުން ބުނެއެވެ.