ޚަބަރު

ނޭޕާލުން މުދާ އެތެރެކުރާ މިންވަރު ލިމިޓްކޮށްފި


ނޭޕާލްގެ ފޮރިން އެކްސްޗޭންޖް ރިޒާވު މާ ބޮޑަށް ދަށަށް ގޮސްފައިވާތީ، ޒަރޫރީ ތަކެތި ނޫން އެހެން ބާވަތްތައް އެތެރެކުރެވޭ މިންވަރު ލިމިޓްކޮށްފިއެވެ.

ނޭޕާލްގެ ފޮރިން އެކްސްޗޭންޖް ރިޒާރު މަދުވެފައިވަނީ ސްރީލަންކާއަށް ދިމާވި ފަދައިން ޕެންޑެމިކު ތެރޭގައި ބޭރު ފައިސާ ލިބުމުގެ މަގުތައް ބަންދުވުމުންނެވެ. އެގޮތުން ފަތުރުވެރިކަމުން ލިބޭ އާމްދަނީއާއި ރެމިޓެންސް ފައިސާ ވަނީ މަދުވެފައެވެ. ނޭޕާލްގެ މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ރެމިޓެންސް ފައިސާގެ ނިޞްބަތް %5.8 ދަށަށްގޮސްފައި ވެއެވެ. މި މުއްދަތުގައި ފޮރިން ރިޒާވް %17 ދަށަށްގޮސް، މިހާރު ރިޒާވްގައި ހުރީ 9.75 ބިލިއަން ޑޮލަރެވެ. މި ފައިސާއިން ކުރިއަށްއޮތް 6 މަސްދުވަހު ނޭޕާލްގެ 29 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ އިމްޕޯޓު މުދާ ގަނެވޭނެކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

ނޭޕާލްގެ މަރުކަޒީ ބޭންކުގެ ދެވަނަ ތަރުޖަމާނު ނަރަޔަން ޕްރަސާދު ޕޮޚަރެލް، ބޭރުގެ ނޫހަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ފޮރިން އެކްސްޗޭންޖް ރިޒާވު އޮތީ ޕްރެޝަރަށް ވެއްޓިފައިކަމަށާއި، ޒަރޫރީ ތަކެތި ގަތުމަށް ހުރަސް ނޭޅޭގޮތަށް އެހެނިހެން ތަކެތި ގަތުމުގައި ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން 50 ބާވަތެއްގެ ލަގްޒަރީ މުދާ އެތެރެކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ކްރެޑިޓް ލިޔުމެއް ދޫކުރާނެކަމަށާއި، އެ މުދާތައް އެތެރެކުރެވޭނީ ބޭންކަށް ފުރިހަމަ އަގު ދެއްކުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވީ ލަގްޒަރީ މުދާ އެތެރެކުރުމަށް ހިތްވަރު ނުދޭނަމަވެސް، އެއްވެސް މުދަލެއް އެތެރެކުރުން މަނާ ނުކުރާކަމަށެވެ. އަދި ކަސްޓަމްސްގެ އިދާރާތަކަށް މުދާ އިމްޕޯޓުކުރުމުގެ އުޞޫލަށް ގެނައި ބަދަލު މިހާރު އަންގާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެތެރެކުރުން ލިމިޓްކޮށްފައިވާ 50 މުދަލުގެ ތެރޭގައި ކާރާއި، ރީތިވުމަށް ބޭނުންކުރާ ސާމާނާއި، ރަން ފަދަ އަގުބޮޑު ތަކެތި ހިނެމޭކަމަށް ޚަބަރުތަކުން ބުނިނަމަވެސް ތަކެތީގެ ތަފްޞީލެއް، މަރުކަޒީ ބޭންކުން ހާމަކޮށްފައެއް ނުވެއެވެ.

ނޭޕާލްގެ އިޤްތިޞާދީ ޙާލަތު ދަށުގައި ވަނިކޮށް މިދިޔަ ހަފްތާގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު މަހާ ޕްރަސާދް އަދިކާރީ ވަނީ ސަސްޕެންޑުކޮށްފައެވެ. އޭނާގެ މައްޗަށް ތުޙުމަތުކުރެވެނީ މާލީ ލިޔެކިޔުންތަކެއް މީޑިއާއަށް ލީކުކުރުންކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެއެވެ.

މި ހިނގާ މާލީ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ނޭޕާލްގެ ދައުލަތުގެ މުޢާމަލާތްތައް ވަނީ 2.07 ބިލިއަން ޑޮލަރު ޑެފިސިޓްވެފައެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި 817.6 މިލިއަން ޑޮލަރުގެ ފައިދާ ހޯދާފައިވެއެވެ. 2021 ވަނަ އަހަރު ފެށުނުއިރު ނޭޕާލްގެ ދައުލަތުގެ ޚަރަދު، ޖީ.ޑީ.ޕީގެ 25 އިންސައްތައިގައި ހުރުމަށްފަހު 41 އިންސައްތައަށް އިތުރުވެފައިވާކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ހާމަކުރެއެވެ. އަދި މި ހިނގާ ފިސްކަލް އަހަރު ޑެފިސިޓްގެ މިންވަރު ޖީ.ޑީ.ޕީގެ 8 އިންސައްތައިން 9.7 އިންސައްތައަށް އުފުލިގެން ދާނެކަމަށްވެސް އޭޑީބީން ލަފާކުރެއެވެ.