ޚަބަރު

ޢަރަބިކަރައިގެ ވަޒީފާގެ ބާޒާރު މިއަހަރު ފެންނަނީ ތިޔާގިކޮށް


ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަޒީފާ އުފެދިފައިވާ މިންވަރު އިތުރުވެ، މިއަހަރު އެ ސަރަޙައްދުގެ ވަޒީފާގެ ބާޒާރު ދާނީ އިތުރަށް ކުރިއަރަމުން ކަމަށް ދިރާސާ ރިޕޯޓުން ދައްކައިފިއެވެ.

ޖީ.ސީ.ސީ އަކީ ސަޢުދީ، ބަޙްރެއިން، އޮމާން، ކުވެއިތް، ޤަތަރު އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ މައްޗަށް އެކުލެވޭ އިޤްތިޞާދީ އަދި ސިޔާސީ ޙަރަކާތްތައް ހިންގާ ޖަމާޢަތެކެވެ. ބައިނަލްއަޤްވާމީ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ ކޫޕާ ފިޗް އިން ނެރުނު ގަލްފް އެމްޕްލޯއިމަންޓް އިންޑެކްސް ރިޕޯޓުން ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީ.ސީ.ސީގެ ވަޒީފާތައް 7.7 އިންސައްތަ އިތުރުވެފައިވެއެވެ.

މި ރިޕޯޓުގައި ބުނާގޮތުން ވަޒީފާގެ ބާޒާރަށް ކުރިއެރުން އައިސްފައިވަނީ ގިނަ ދާއިރާތަކަށް މީހުން އިތުރުކުރަން ފެށުމުންނެވެ. 2021 ވަނަ އަހަރާއި އަޅާބަލާއިރު ޢަރަބިކަރައިގައި 2022 ވަނަ އަހަރު އަލަށް ވަޒީފާ އުފެދުނު ނިޞްބަތުން އެންމެ ބޮޑަށް ކުރިއެރުން ލިބުނު ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ސެކްޓަރއާއި، ރިއަލް އެސްޓޭޓާއި، ޤާނޫނީ ދާއިރާއާއި، ބޭންކިންގެ އިތުރުން އައިޓީ ދާއިރާތައް ފާހަގަކޮށްފައިވެއެވެ. ޕަބްލިކް ސެކްޓަރގެ ވަޒީފާތަކާއި ސައިބަރ ސެކިއުރިޓީ ވަޒީފާތައް 9 އިންސައްތަ އިތުރުވެފައިވާއިރު، ކްލައުޑާ ގުޅުންހުރި ވަޒީފާތައް 17 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ބޭންކިންގެ ދާއިރާއިން 14 އިންސައްތަ ކުރިއެރުން ހޯދާފައިވާއިރު، ޤާނޫނީ ދާއިރާގެ ވަޒީފާތައް 18 އިންސައްތަ އިތުރުވެފައިވެއެވެ.

ގަލްފް އެމްޕްލޯއިމަންޓް އިންޑެކްސް ރިޕޯޓުގައި ވާގޮތުން ޖީ.ސީ.ސީގެ މަރޖަރ އެންޑް އެކުޒިޝަން ޙަރަކާތްތައް އިތުރުވެފައިވާތީ، ޤާނޫނީ ދާއިރާގެ ސްޕެޝަލިސްޓުންނަށް އޮންނަ ޑިމާންޑު ވަނީ އިތުރުވެފައެވެ. އަދި ޢަރަބިކަރައިގެ ކުންފުނިތަކުން ޓެކްނޮލޮޖީގެ އައު އުސްމިންތަކެއް ހޯދަމުންދާތީ، ސޮފްޓްވެއަރ އިންޖިނިއަރުންނަށްވެސް ޑިމާންޑު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ ކުންފުނިތަކުގެ ޚަރަދު އިތުރުވީނަމަވެސް، ވަޒީފާގެ މާޙައުލުގައި ހުނަރުވެރި ފަރާތްތަކަށް ވާދަވެރި މާޙައުލެއް ޤާއިމުވެފައި ވާކަމަށް، ރިޕޯޓުގައި ވެއެވެ.

ޖީ.ސީ.ސީގެ ގިނަ ޢަދަދެއްގެ ބޭންކުތަކުން މިއަހަރު ވަޒީފާގެ ފުރުޞަތު ހުޅުވާލާނެކަމަށް ބުނެފައިވާކަން ފާހަގަކޮށް ކޫޕާ ފިޗް އޭޖެންސީން ބުނެފައިވަނީ، މި ސަރަޙައްދުގެ ވަޒީފާ އިތުރުވާ މިންވަރަށް އަހަރުގެ ކުރިއަށްއޮތްތަނުގައިވެސް ކުރިއެރުން ލިބެމުންދާނެ ކަމަށެވެ. ޖީ.ސީ.ސީގެ ވަޒީފާގެ ބާޒާރަށް ކުރިއެރުން އަންނަމުންދާ ސަބަބުތަކުގެ ތެރޭގައި މެމްބަރު ޤައުމުތަކުން ވަޒީފާ އިތުރުކުރުމަށްޓަކައި ކުރު އަދި ދިގު ރާސްތާ ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރަމުން ދިއުމާއި، ޕެންޑަމިކަށްފަހު ޢަރަބިކަރައިގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން އިޤްތިޞާދު އަލުން ވަރުގަދަކޮށްފައިވުން ހިމެނެއެވެ.