ތިމާވެށި

ތިމާވެއްޓާއި ގުޅިފައިވާ ޞިއްޙީ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވޭ: ޝައުނާ


ތިމާވެށި ހަލާކުވުމާ ގުޅިފައިވާ އާންމު ސިއްހަތުގެ ތެރެއިން އުފެދެމުން އަންނަ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ޞިއްޙަތު ދުވަހާގުޅުވައިގެން ސަރުކާރުން ލޯންޗްކުރި "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް"އާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މިއީ ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެޗް.ޕީ.އޭ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމެވެ. އަދި ޕްލާސްޓިކް ބޭނުންކުރުމާއި ދުރުވެ، ރައްކާތެރިގޮތުގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ބޭނުންކުރުމާއި، ކުނި މެނޭޖްކުރުމާއި، ސާފުތާހިރުކަމުގެ އާދަތަކަށް ފަރުދުން އަހުލުވެރިކުރުވުމެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާގެ ޓުވީޓުގައި ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރު، މި ޒަމާނުގެ އެންމެ މުހިންމު މައްސަލައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަމަށް އެކަމަނާ ވަރަށް ބޮޑަށް ގަބޫލުކުރައްވާކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި، ހަކަތަ ބަދަލުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތް އެންމެ ބޮޑަށް ގުޅިފައިވަނީ، އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތު ރައްކާތެރިކުރުމަށްކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތިމާވެށި ހަލާކުވުމާއި ގުޅިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިކަމަށެވެ. އެގޮތުން އެންމެ ގިނައިން ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވާކަމަށާއި، މިއަހަރުގެ ޖޫންމަހު އުފެއްދުން އަދި ބޭނުންކުރުން މަނާކުރަންވެސް ފަށާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ސާފު ބޯފެނާއި، ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވާ، މިހާތަނަށް ފެނާއި ނަރުދަމާ ނިޒާމު ޤާއިމުނުކުރެވިވާ ހުރިހާ ރަށެއްގެ ކޮންޓްރެޓުގައި މިހާރު ސޮއިކޮށްފައިވާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ޑީކަބަނައިޒްކޮށް، ޖައްވަށް ދޫކުރާ ވިހަ މާއްދާތައް މަދުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާކަމަށެވެ. އަދި ސާފު އަދި އިރުގެ އަލިކަމަށް ބަދަލުވުމަކީ، ރަށްރަށުގެ ވައިގެ ކޮލިޓީ މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ލިބުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ 7 ސަރަޙައްދެއްގައި އެއަރ ކޮލިޓީ މޮނިޓަރިންގ ސިސްޓަމްތަކެއް މިހާރުވެސް އިންސްޓޯލްކޮށްފައިވާކަމަށާއި، އިތުރު ސިސްޓަމްތަކެއްވެސް ހަރުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުނި މެނޭޖުކުރުމުގެ ހަރުދަނާ އިންފްރާސްޓްރަކްޗަރއާއި ޕްރޮސެސްތައް ނެތުމަކީ އަދިވެސް ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ތިލަފުށިން ޒަމާންތަކެއް ވަންދެން ޖައްވަށް ދޫކުރަމުންދިޔަ ތިލަފުށިން ވިހަ ދުމުގެ އަސަރު ނިމުމަކަށް ގެނައުމަކީ، އަޅުގަނޑުމެންގެ ޞިއްޙަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަކީވެސް އަޅުގަނޑުމެންގެ ޞިއްޙަތު ދުޅަހެޔޮވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭ ކަމެއްކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި 79 ސަރަޙައްދެއް ޙިމާޔަތްކޮށް، އޭގެތެރެއިން 5 ސަރަޙައްދެއްގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މި ދާއިރާއިން އަދިވެސް ކުރަންޖެހޭ ކަންކަން ގިނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އަޅުގަނޑުމެންގެ ޤުދުރަތީ ވަޞީލަތްތަކުގެ އަގު މިހާރަށްވުރެ ބޮޑަށް ކަމާބެހޭ ފަރާތްތަކަށް ވިސްނޭކަމީ ލިބޭ ހިތްވަރެއްކަމަށެވެ.