ޚަބަރު

ފަރެސްމާތޮޑާ ރައްޔިތުންގެ އުއްމީދު، އެއަރޕޯޓްގެ ރަންވޭގައި ތާރު އަޅަނީ


ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ. އެކުންފުނިން އަންނަނީ ފަރެސްމާތޮޑާ އެއަރޕޯޓް ނިންމާ މިއަހަރުގެ ޖުލައިމަހުގެ ކުރިން ސަރުކާރާ ތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދުގައި އޮތް ބައެއް ފަޅުރަށްތައްވެސް އެކުލެވޭގޮތަށް 19.9 ހެކްޓަރުގެ ބިން ހިއްކައިގެން އެމްޓީސީސީން ތަރައްޤީކުރަމުން އަންނަ މި އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ކޯވިޑާއި ގުޅިގެން އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގެނައުމުގައި ދަތިތަކެއް ދިމާވެ މަޝްރޫޢަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް މިހާރު ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިޔަށްދާކަމަށް އެމްޓީސީސީން ބުނެއެވެ.

މި އެއަރޕޯޓްގެ 200 މީޓަރު ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރަމުން އަންނައިރު އެއަރޕޯޓްގެ ޓާމިނަލް މަސައްކަތާއި ފަޔަރ ބިލިޑިންގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިމަހުގެ ނިޔަލަށް ރަންވޭ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ޓާމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތްވެސް އަންނަ މަހަށް އެއްކޮށް ނިންމޭނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ފަރެސްމާތޮޑާގެ އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. މި އެއަރޕޯޓްގެ ޓަރމިނަލް ތަރައްޤީކުރާނީ ތަފާތު ހިތްގައިމު ފަރުމާއަކަށެވެ. މިއީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ހަދާ އެންމެ ތަފާތު ޓަރމިނަލެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ އެ ސަރަހައްދުން ބޮޑު ބައެއް ހިއްކައިގެން ކަމުން އެެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލުމަށް ނިންމާފައިވަނީ ކޯޒްވޭއަކުންނެވެ. މި ކޯޒްވޭގެ މަސައްކަތްވެސް އަންނަ ޖޫންމަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ.

ސަރުކާރުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއަކީ ފަރެސްމާތޮޑާގެ ރައްޔިތުންނާ އެ ސަރަޙައްދުގެ ރައްޔިތުން އެންމެ ބޮޑު އުއްމީދާއި ގުޅިފައިވާ މަޝްރޫޢުއެވެ. ރައްޔިތުން ތިބީ މަސައްކަތް ނިންމާ އެއަރޕޯޓަށް ފްލައިޓް ޖައްސާނެ ދުވަހެއްގެ އިންތިޒާރުގައެވެ. މި އެއަރޕޯޓްގެ މަސައްކަތް ނިންމާ މިއަހަރުގެ މިނިވަންދުވަހަށް ސަރުކާރާއި ހަވާލުކުރުމަށް އެމްޓީސީސީން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދގެ ދަށުން މ. މުލީގައިވެސް އެއައރޕޯޓެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ އިއުލާންކުރައްވާފައެވެ. 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ މި 6 އެއަރޕޯޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ ހުޅުވާލާފައެވެ.