ތިމާވެށި

ޕްލާސްޓިކް ކުނި މަދުކުރަން ހިންމަފުށީ ކައުންސިލުން މޯޕާއާއެކު މަސައްކަތްކުރަނީ


ރަށުތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި ނައްތާލުމާއި ރީސައިކަލްކުރަން މަސައްކަތްކުރުމަށް ކ.ހިންމަފުށީ ކައުންސިލުން މޯޕާއާއި، އިންޓަރނޭޝަނަލް ބެވެރޭޖަސް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މިއީ ކަނޑަށް އެޅޭ ޕްލާސްޓިކް ކުނި މަދުކުރަން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް، މޯޕާއިން ކުރާ މަސައްކަތުގައި ބައިވެރިވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާޞިލުކުރުމަށް 3 ފަރާތް އެކުގައި މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މޯޕާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ޕެޓް ޕްލާސްޓިކުގެ އިތުރުން ކުނީގެގޮތުގައި އުފެދޭ އެހެނިހެން ތަކެތި ނައްތާލުމުގައިވެސް 3 ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުމުގައި ހިންމަފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޙަސަން ފާއިޒެވެ. އައި.ބީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޢަލީ ޙުސެއިނެވެ. އަދި މޯޕާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ފައުންޑަރ އަދި ރައީސް ޠާރިޤު އިބްރާހީމެވެ.

މިވެވުނު އެއްބަސްވުމުގެ ދަށުން "ހިންމަފުށީ އައިލެންޑް ޕެޓް ކަލެކްޝަން"ގެ ނަމުގައި ޚާއްސަ ޕްރޮޖެކްޓެއްވެސް ވަނީ އިފްތިތާޙްކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ހިންމަފުށީގެ ކެފޭ، ރެސްޓޯރެންޓް، ގެސްޓްހައުސް އަދި އެހެނިހެން އައުޓްލެޓްތަކުން އެއްފަހަރު ބޭނުންކުރުމަށްފަހު ކުނީގެގޮތުގައި އުފެދޭ ނުވަތަ އުކާލާ ޕެޓް ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތްކުރާނެއެވެ.

މިގޮތަށް އެއްކުރާ ޕެޓް ޕްލާސްޓިކް ރައްކާތެރިކަމާއެކު ރީސައިކްކުރުމަށް ފޮނުވުމަށްޓަކާ އަޅާނެ ރިޕްލޭސަބަލް ކަލެކްޝަން ބޭގް އެތަންތަނަށް މޯޕާއިން ފޯރުކޮށްދޭނެއެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ކާމިޔާބުކަމާއެކު ހިންގުމަށް ބޭނުންވާ މާއްދީ އަދި އިންސާނީ ވަސީލަތްތަކާއި، އެކްސްޕަޓީޒް ފޯރުކޮށްދިނުމާއި، އެއްކުރެވޭ ޕްލާސްޓިކް ކުނި މާލެއާއި ހިސާބަށް ކަނޑުމަގުން ފޮނުވާ ދިނުމުގައި މޯޕާއާއެކު ހިންމަފުށީ ކައުންސިލާއި އައި.ބީ.ސީން މަސައްކަތްކުރާނެއެވެ.

މި ޕްރޮޖެކްޓަކީ މޯޕާއިން 2021 ގައި ފެށި ޕްލާސްޓިކްސް ރިވަރސް ލޮޖިސްޓިކްސް ޕްރޮޖެކްޓްގެ އެކްސްޓެންޝަނެކެވެ. މި ޕްރޮގްރާމް ފެށުނީ ގްރޭޓަރ މާލޭ އޭރިއާގެ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ހިމެނޭގޮތަށް 120 ރީޓެއިލް އައުޓްލެޓާއި އެކުގައެވެ. ވޭތުވި އަހަރުގެ ތެރޭގައި މިޕްރޮގްރާމް ފުޅާކުރެވި، ގްރޭޓާރ މާލެ އޭރިއާގެ އިތުރުން ކ. ތުލުސްދޫ އާއި ދ. ކުޑަހުވަދޫގައިވެސް މިޕްރޮގްރާމް މިހާރުވެސް ކުރިއަށްގެންދެވެއެވެ. 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މިޕްރޮގްރާމް އިތުރަށް ފުޅާކުރެވި، ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް އިފްތިތާޙްކޮށް ރިސޯޓްތަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ކުނީގެ ގޮތުގައި އުފެދޭ ޕްލާސްޓިކް އެއްކޮށް މާލެގެނެސް ރީސައިކްލިންގއަށް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މޯޕާއިން މިޕްރޮގްރާމް ފެށިފަހުން މިއަދާހަމައަށް 40 ޓަނުގެ ޕްލާސްޓިކް ފުޅިއާއި ކުނި އެއްކޮށް ރީސައިކްލިންގއަށް ފޮނުވިފައިވެއެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު މިއަދަދު މީގެ ދެގުނައަށް އިތުރުކުރުމަށް މޯޕާ އާއި ޕާރޓްނަރ ސްޓޭކްހޯލްޑަރުން މަސައްކަތް ކުރަމުން ގެންދާނެއެވެ.