ޚަބަރު

މިނިވަންކަމުގެ ބޭނުން ހިފަންވާނީ ނޫސްވެރިކަމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއެކު: ޚަލީލް


  • ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް ވިދާޅުވި

  • ތަމްރީންތައް ހިނގާ، މީޑިއާތަކަށް އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދޭނެ

  • ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަނަވަސްކޮށްދެވިފައިވާކަން ފާހަގަކުރެއްވި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ނޫސްވެރިއަކަށްވުމުން އެމީހެއްގެ ކޮނޑުގައި އެޅިގެންދާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއެކުކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚިދުމަތްތެރިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހާއި އަދި ޕީއެސްއެމް ނިއުސްއަށް 7 އަހަރު ފުރުމާއި ގުޅިގެން މި ހަފްތާގެ ޙިދުމަތްތެރިންގެ ޕްރޮގްރާމުގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޕީއެސްއެމް ނިއުސް ޗެނަލް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އޭރު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި، އިބްރާހިމް ޚަލީލެވެ. ޚަލީލް މިހާރު އަދާކުރަމުންދަނީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަޤާމެވެ.

ނޫސްވެރިކަމުގެ ދާއިރާ އަދި ބްރޯޑްކާސްޓިންގ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޙަލީލު ވަނީ ޚަބަރު ލިޔުމާއި ޚަބަރު ކިޔުމުގެ އިތުރުން މީޑިއާގެ ތަފާތު އެކި މަސައްކަތްތައް ކުރައްވާފައެވެ. ޙިދުމަތްތެރިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޚަލީލު ވިދާޅުވީ، ޚަބަރު ފެތުރުމަށް ޚާއްސަ ޗެނަލެއް އުފެއްދީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިނގާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށްކަމަށެވެ.

" އޭރުގެ ވިސްނުމުގައި މީޑިއާ ސެންޓަރުތަކުން ޙަބަރު ކިޔާ، އެ ސަރަހައްދެއްގައި ހިންގާ ކަންތައްތައް ގެނެސްދީ، މުޅި ރާއްޖެ ޝާމިލްވާ ޗެނަލަކަށް ހެދުން އޭރުގެ އަމާޒަކަށްވީ،" ޚަލީލު ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ މިހާރު މި މަސައްކަތްކުރުމަށް ޓެކްނޮލޮޖީގެ ރޮނގުން ފަސޭހަވެފައިވާކަމަށެވެ. އެހެންކަމުން މުޅި ރާއްޖޭގެ ޚަބަރުތައް ގެނެސްދޭ ޗެނަލަކަށް ޕީއެސްއެމް ނިއުސްވާން ޖެހޭ ކަމަށް ޚަލީލު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ނޫސްވެރިންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ތަނަވަސްކޮށްދެވިފައިވާކަން ޙަލީލު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ނޫސްތަކާއި ސައިޓުތައް ހިންގާއިރު ޒިންމާދާރުވާން ޖެހޭ ކަމަށް ޚަލީލު ވިދާޅުވިއެވެ. އަދި ސަރުކާރަށް ފާޑު ކިޔުމަށްވެސް ކެރިގެން ނިކުންނަންވީ ކަމަށާއި އެކަން ކުރުމުގައިވެސް ތެދު މައުލޫމާތު ފެތުރުމަށާއި، ކޮން ބައެއްކަން ނޭނގޭގޮތަށް ސައިޓުތައް ހަދައިގެން ދޮގު ޚަބަރު ފެތުރުމަކީ ޤައުމަށް އޭގެ ސަބަބުން ގެއްލުމާއި ކުރިމަތިވާކަމެއްގެ ގޮތުގައި ޚަލީލު ސިފަކުރެއްވިއެވެ.

"މަސްއޫލިއްޔަތު އުފުލަމުން މިނިވަންކަމުގެ ބޭނުން ހިފަންވާނީ، އެހެން މީހެއް ނޫނީ ތިމާއަށްވެސް ގެއްލުން ވެދާނެ، ހޫރާލާ އެތި ފަހަރު އެނބުރެމުން އައިސް ތިމާ ގައިގަވެސް ޖެހިދާނެ، ގައުމުގައިވެސް ޖެހިދާނެ، ނޫސްވެރިކަމަކީ ވަރަށް ތޫނު ހަތިޔާރެއް،" ޚަލީލު ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ މި ސަރުކާރުގެ ވިސްނުން ހުރީ ނޫސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން މިދާއިރާއިން ތަމްރީންތައް ހިނގާ، މީޑިއާތަކަށް އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ޚަލީލު ވިދާޅުވިއެވެ.

މީޑިއާގެ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޚަލީލު ވިދާޅުވީ މި ދާއިރާއިން އަދިވެސް ޝޯވތައް ހުށަހެޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.