ތަރައްްޤީ

8 ރަށެއްގައި އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދައިދޭނެ ބަޔަކު ހޯދަނީ


8 ރަށެއްގައި އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދަން އިޢުލާންކޮށްފައިވާ ރަށްތަކަކީ އއ.އުކުޅަސް، ރ.އަލިފުށި، ރ.ދުވާފަރު، ޅ.ނައިފަރު، ލ.ގަން، ފުވައްމުލައް ސިޓީ، އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން އައްޑޫ ސިޓީ މީދޫއެވެ.

މި ރަށްތަކުގެ ތެރެއިން އއ.އުކުޅަހާއި، ރ.އަލިފުށީގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ތަރައްޤީކުރާ އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ކޮންމެ މަޝްރޫޢަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. އަދި ޅ.ނައިފަރާއި، ރ.ދުވާފަރާއި، ލ.ގަމާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ފޭދޫގައި ތަރައްޤީކުރާ އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ތަރައްޤީކުރުމަށް ބިޑް ސެކިއުރިޓީގެގޮތުގައި ކޮންމެ މަޝްރޫޢަކަށް 65،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.

މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަމޅި މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު"ގައި ވާގޮތުގެ މަތިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަކަށްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިންކަމަށާއި، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް ބަލާއިރު، ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް އަބަދުވެސް ބާއްވަމުން އަންނަނީ މާލެ ސަރަޙައްދުގައެވެ. ކުޅިވަރުގެ ހަރަކާތްތަކާ އެކިއެކި ޤައުމީ ގިނަ މުބާރާތްތައްވެސް ބާއްވަމުން އަންނަނީ މާލޭގައެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ ޢަމާޒަކީ މާލެއެކޭ އެއްގޮތަށް، އަތޮޅުތަކުގައި ތިބި ކުޅިވަރު ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތައް އެ ސަރަޙައްދުތަކުން ފޯރުކޮށްދިނުމަށެވެ. މިއީ ހެލިފެލިވުމާއި ކުޅިވަރުގެ ރޫހު އާލާކޮށް، ކުޅިވަރަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

އަތޮޅުތަކުގައި ޤާއިމުކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެއްކަމަށް ޔޫތު މިނިސްޓްރީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅި ބަލަން ވަންނަ މީހުންނަށް ފަސޭހައި ތިބެވޭނެ އިންތިޒާމްތަކާއެކުގައިކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ދަނީ ޒުވާނުންގެ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޅިވަރު ވަސީލަތްތައް ބިނާކުރުމަށާއި، ކުޅިވަރު ތަރައްޤީ ކުރުމަށް ބޮޑު ހޭދައެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއަހަރުގެ ބަޖެޓުގައި ކުޅިވަރު ކުރިއެރުވުމަށް 83 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކުޅިވަރުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް 94.7 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.