ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ޢާއްމު ތަންތަނުގައި އުޅޭއިރުވެސް މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އުވާލައްވައިފިއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައި އޮތް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމާގުޅިގެން އެޗް.ޕީ.އޭއިން ވަނީ ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެންނަވާފައެވެ.
ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެޗް.ޕީ.އޭއިން ގެނައި ބަދަލުތަކުގެ ތެރޭގައި ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަދަން ނުޖެހުން ހިމެނެއެވެ.
އެހެންނަމަވެސް ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް (ދިވެހިންނާއި ޓުއަރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް) ރާއްޖެ އަންނަތާ 3 ދުވަހާއި 5 ދުވަހާދެމެދު ކޯވިޑް-19 ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެއެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޯވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް (ވެކްސިންގ ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭގޮތަށް) ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހޭނެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަވުލުމުގައި އެޗް.ޕީ.އޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިޒީސަސް ޑިވިޝަން ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭގައި ހުރިހާ ސަރަޙައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލިނަމަވެސް، ބަލީގެ އަލާމާތްތައް ހުރި މީހުންނާއި، ހައި ރިސްކް މީހުންނާއި، ހައި ރިސްކް މީހުންނާއެކުގައި އުޅޭ މީހުން އަދި ގިނައިން މީހުން އެއްވާ ތަންތަނަށްދާ ފަރާތްތައް އަދިވެސް މާކްސް އެޅުން އެދެވިގެންވާކަމަށެވެ.
އާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލިނަމަވެސް، ޞިއްޙީ ޙިދުމަތް ދޭ ތަންތަނުގައާއި އަދި އެތަންތަނަށް ޒިޔާރަތްކުރާ މީހުން މާސްކް އެޅުން މަޖުބޫރެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް %20 އަށްވުރެ މަތިން ބަލިފެތުރޭކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައިވެސް މާކްސް އެޅުން މަޖޫބޫރެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނައިނަމަވެސް ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކާއި، ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަނޑައެޅިފައިވާ މުއްދަތާއި، އުޞޫލުތަކާއެއްގޮތަށް އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ ދަށުން އެކަހެރިކުރުމާއި ކަރަންޓީނުކުރުމާއި ޓެސްޓް ކުރުން ކުރިއަށް ގެންދެވޭނެކަމަށެވެ.