ކޯވިޑް-19

ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު 142000 އިން މައްޗަށް


ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ބޫސްޓަރ ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 142000 އިން މައްޗަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު އެންމެ ގިނަ ބަޔަކު ބޫސްޓަރ ޑޯޒް ޖަހަމުން އަންނަނީ އަތޮޅުތަކުގެ ރަށްތަކުންނެވެ.

އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހު ބޫސްޓަރ ޑޯޒް 1622 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 541 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 1081 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 142239 އަށް އަރާފައެވެ.

މީގެއިތުރުން 51 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ދެވަނަ ޑޯޒް ޖެހި 27 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 24 މީހަކު ހިމެނެއެވެ. އަލަށް ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނާއެކު، ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދުވަނީ 371410 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 10 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 4 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 6 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 398315 އަށް އަރާފައެވެ.

ކޯވިޑް-19 ވެކްސިން ފުރިހަމަވެފައިވާކަމަށް ބަލާނީ، ކޯވިޑްގެ ދެ ވެކްސިނާއެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކޮށްފައިވުމުންކަމަށް ހެލްތު އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނެވުނު ބަދަލާއިއެކު، ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ބަލާނީ ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ. އަދި ދެ ޑޯޒް ޖެހުމަށްފަހު 8 މަސް ދުވަސް ނުވާ މީހުންނެވެ.