މުނިފޫހިފިލުވުން

ޕީއެސްއެމް ކަނެކްޓް "ޓޮޕް 5 ޗާޓު" : އޭރާއި މިހާރުގެ ތަފާތު ރަހަތަކެއް


ދިވެހިންގެ ތެރޭގައިވެސް ޑިޖިޓަލް ސްޓްރީމިންގ ޕްލެޓްފޯމްތަކަށް އޮންނަ މަޤުބޫލުކަމާއި ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. ރާއްޖެއަށް ބަލާއިރު ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ކަނެކްޓުގެ ވީޑިއޯ އޮން ޑިމާންޑުގެ ޚިދުމަތަކީ ދިވެހި އުފެއްދުންތަކަށް ޚާއްސަ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑިޖިޓަލް ޕްލެޓްފޯމެވެ.

ޕީ.އެސް.އެމް ކަނެކްޓް މެދުވެރިކޮށް ޓެލެވިޜަން މޯލްޑިވްސްއިން އެކި ދުވަސްވަރު ގެނެސްދީފައިވާ ތަފާތު އުފެއްދުންތައް ބެލުންތެރިންނަށް ވަރަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޓީވީއެމުން އެކި ޒަމާންތަކުގައި ގެނެސްދީފައިވާ ޕްރޮގްރާމްތަކާއި ދިވެހި ފިލްމާއި، ޑްރާމާ ސިލްސިލާތައް ޕީ.އެސް.އެމް ކަނެކްޓުން ބަލާލެވޭނެއެވެ. މިހާ ހިސާބުން މި ބަލާލަނީ ޕީ.އެސް.އެމް ކަނެކްޓުގެ މިހަފްތާގެ ބެސްޓް 5 ޕިކްސްގެގޮތުގައި ބެލުންތެރިންގެ އެންމެ ބޮޑު މަޤުބޫލުކަމެއް ލިބުނު އުފެއްދުންތަކަށެވެ.

ދިވެހި ޑްރާމާ ސިލްސިލާ : ޤުރުބާން


ދިވެހި ޑްރާމާ ސިލްސިލާ "ޤުރުބާން"އަކީވެސް ޓީވީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ޑްރާމާ ސިލްސިލާއެކެވެ. މިއީ ލޯބީގެ ތަފާތު ކަންތައްތަކެއް ގެނެސްދީފައިވާ އަސަރުން ފުރިގެންވާ ޑްރާމާއެކެވެ.

މި ޑްރާމާގައި ލީޑު ރޯލުން ފެނިގެންދަނީ 90ގެ އަހަރުތަކުގައި ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ބޮޑަށް ވިދާލި ތަރިންކަމުގައިވާ ޝިރާނީއާއި ޤިޔާސެވެ.

ޓީވީ ޕްރޮގްރާމް : ހަށިހެޔޮ

ޓީވީއެމުން ގެނެސްދޭ ހަށިހެޔޮ ޕްރޮގްރާމަކީ ދުޅަހެޔޮ ޞިއްޙަތަކަށް އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ގެނެސްދޭ ޕްރޮގްރާމެކެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ޓީވީއެމުން ގެނެސްދެމުން އަންނަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ކަމުގެ ތަޖުރިބާކާރުންނާއި އަދިވެސް ބައެއް ފާހަގަކޮށްލެވޭ ތަފާތު ޝަޙްސިއްޔަތުތައް މެދުވެރިކޮށް ތަފާތު މަޢުލޫމާތުތައް ގެނެސްދެއެވެ.

ޓީވީ ޕްރޮގްރާމް : މާދަމާގެ އަހަރެން

"މާދަމާގެ އަހަރެން" މި ޕްރޮގްރާމަކީ ބޮޑެތިވަމުން އަންނަ ކުދިންނަށާއި، ޒުވާނުންނަށް ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެކެވެ. އެގޮތުން އެކި ދާއިރާތަކުން ކެރިއަރ އެކްސްޕްލޯރކޮށް، އެކި ދާއިރާތަކުން ކުރިއަށްދާން ޝަޢުގުވެރިވާ ޒުވާނުންނަށް އަމަލީ މައިދާނުން އެކަންކަމުގެ ތަޖުރިބާކޮށްލުމުގެ ފުރުޞަތު މި ޕްރޮގްރާމުގެ އަލީގައި ފަހިކޮށްދެއެވެ.

ޓީވީ ޕްރޮގްރާމް : ކަރަންޓިއުންސް

"ކަރަންޓިއުންސް" މިއީ ކޯވިޑް-19ގެ ފުރަބަންދުގެ ތެރޭގައި ދިވެހި އާޓިސްޓުންނަށް ކުރިމަތިވި ތަފާތު ގޮންޖެހުންތަކާއި އާޓިސްޓުންގެ ތަޖުރިބާތައް ގެނެސްދޭ ޕްރޮގްރާމެކެވެ.

ޓީވީއެމުން އާއްމުކޮށް ގެނެސްދޭ މިއުޒިކް ޝޯވތަކާއި ޕްރޮގްރާމްތަކާއި ޚިލާފަށް މި ޕްރޮގްރާމުގައި އާޓިސްޓުން ޕަރފޯމްކޮށްފައިވަނީ އެމީހަކު ހުރި ތާކު ހުރެގެން ރިކޯޑިންގ ހަދައިގެންނެވެ.

ދިވެހި ޑްރާމާ ސިލްސިލާ " ވައިރޯޅިއަށްވެސް ސިއްރުން"

ޕީ.އެސް.އެމް ކަނެކްޓުގެ ޓޮޕް 5 ބެސްޓް ޕިކްގައި ދެން މި ހިމެނެނީ ހަމަގައިމުވެސް ނުބަލާ ދޫކޮށްނުލެވޭ ވަރުގެ ދިވެހި ޑްރާމާ ސިލްސިލާއެކެވެ. މިއީ ޓީވީއެމްގެ ހަޔާތުގައިވެސް ބެލުންތެރިންނާއި ހަމައަށްގެނެސްދިން އެންމެ ކާމިޔާބު އެއް ޑްރާމާއެވެ.

ކުޅަދާނަ އެކްޓަރ ޢާރިފާ އިބްރާހީމް ޑައިރެކްޓްކުރި 52 އެޕިސޯޑްގެ މި ޑްރާމާ ސިލްސިލާއަކީ ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވި މަޝްހޫރު ވަރަށް ގިނަ ތަރިން ހިމެނުނު ޑްރާމާ ސިލްސިލާއެކެވެ. އެގޮތުން މެއިން ކާސްޓުގެ ގޮތުގައި ފެނިފައިވަނީ ނިއުމާ މުހައްމަދު، އަހްމަދު އާސިމް އަދި ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ. މީގެ އިތުރުން ހަދީޖާ އިބްރާހީމް ދީދީ (ކުޑަ ހައްޖަ)، އާމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، އަލީ ޝަމީލް އަދި މަރިޔަމް ޝަކީލާވެސް މުހިއްމު ރޯލުތަކުން ފެނިގެންދިޔައެވެ. މިއީ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުވެގެންދިޔަ ޑްރާމާއެކެވެ.