ސިޔާސީ

ކުށް ކުރާ މީހުންގެ ނިސްބަތް ގިނަ، މިކަމަށް ވިސްނުންތެރިކަމާއެކު ބަދަލު ގެންނަންޖެހޭ: ޢިމްރާން


ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާކަމަށާއި، މިއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ 3 ވަނަ ބެޗް ފުރިހަމަކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން ކަރެކްޝަނުން ބެލެހެއްޓުމަށްފަހު، މުޖްތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މަސައްކަތަށް ޢިލްމީ ޤާބިލު އޮފިސަރުން ބިނާކުރަންޖެހޭކަމަށެވެ. ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި، އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ތިބީ އެމްސީއެސްގެ އެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުޞަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މިހާރުވެސް 28 އިންސައްތަ ގްރެޖުއޭޓުންނާއި، ސެޓްފިކެޓްގެ އެކި ލެވެލް ހަދާފައިވާ 62 އިންސައްތަ މުވައްޒަފުންނާއި، 10 އިންސައްތަ އޯލެވެލް ފެންވަރުގެ މުވައްޒަފުން އެމްސީއެސްގައި މަސައްކަތްކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ވިދާޅުވީ، އެމްސީއެސްގެ އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޒުކޮށް، 2025 ވަނަ އަހަރާހަމައަށް 50-60 އިންސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުން ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ރަސްމީކޮށް ފަށާފައިވަނީ 10 ޖަނަވަރީ 2021 ގައެވެ. މި ކޯހުގެ ތިން ވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް މި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 14 މުވައްޒަފުންނެވެ. އެކި ސަބަބުތަކާ ގުޅިގެން 6 ދަރިވަރަކު ވަނީ މި ކޯހުން ވަކިވެފައެވެ.

މި ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މިއީ ރާއްޖޭގައި ހިންގޭ މިޒާތުގެ ފުރަތަމަ ކޯހެވެ. މިކޯސް ފުރިހަމަކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް 5ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.