ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ދަންނަވަން ޕީއެންސީގެ މަތީ މަޖިލީހުން ނިންމައިފިއެވެ.
ޕީއެންސީން މިގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ އެ ޕާޓީގެ މަތީ މަޖިލީހުގެ ތެރެއިން އެ މަޖިލީހުގެ މެންބަރުންގެ އެދުމުގެ މަތިން ބޭއްވި ޚާއްސަ ބައްދަލުވެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ރިޔާސީ ޓިކެޓް ދެއްވުމަށް ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެކެވެ. މި ޤަރާރު ހުށަހެޅުއްވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާތީ ކަމަށް ވަނީ ބުނެފައެވެ.
އަދި އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނަށް ދެވަނަ ދައުރެއް ފެންނަތީ ކަމަށް ވަނީ ބުނެފައެވެ. އެހެންވެ، އެމަނިކުފާނު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ހުށަހެޅުމަށް ވަނީ ގަރާރު ހުށަހަޅައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ މި ޤަރާރަށް ތާޢީދު ކުރައްވާފައެވެ. އެމަނިކުފާނު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ޤައުމުގެ ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމްދީން ހިމާޔަތްކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޤައުމުގެ ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ދެމި އޮންނާނީ އިހަކަށްދުވަހު އަޅުގަނޑުމެން ފާހަގަކުރި 900 އެތައް އަހަރުތަކެއް ކަނޑައްތުކޮށް ކުރިއަށްމިދާ އަޅުގަނޑުމެންގެ މަތިވެރި އިސްލާމީ މި މަތިވެރި ނިޢުމަތް އެމަނިކުފާނު ހަނދުމަފުޅަށް ގެންނަވާ ކުރިއަށް އޮތް އަހަރުތަކުގައި މިކަން ދިވެހިންނަށް ކަށަވަރުކޮށްދެވޭނީ އިސްލާމީ މި ހިދާޔަތުގައި އަޅުގަނޑުމެން ދެމިތިބެގެންކަން އެމަނިކުފާނަށް ޚުދު އެނގިވަޑައިގެން އެކަމަށް ޤައުމަށް ބިންގާ އެޅުއްވުމަށްޓަކައި ޒަުވާން ޖީލެއް ޤާއިމުކޮށް، އެތައް އަހަރުތަކަކަށް ދެމި އޮންނަ ގޮތަށް ކަންކަން ބައްޓަންކުރަން ފެއްޓެވީތީވެ،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި ޤަރާރަކީ ޕީއެންސީގެ މަތީ މަޖިލީހުގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ޤައުމުގެ ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ މަގުން ކުރިއަށްދިއުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިސްކުރަނީ ދިވެހި ޤައުމު. އެހެންވީމަ ޤައުމަށް ހެވާއި ލާބަ އޮންނަ މަގަކުން ކުރިއަށްދިއުޔުމަށްވުރެ ބުއްދިވެރިގޮތެއް ނޯންނާނެ. މި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ، މި ޤައުމަށް ކުރިއެރުން ލިބޭނެ ގޮތަކީ ރައްޔިތުންނަށް އެންމެ ހިތްހަމަޖެހުން ލިބޭނެ މަގަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ މަގުން ކުރިއަށް ވަޑައިގަތުން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުން މި ޤަރާރު ފާސްކޮށްފައިވަނީ 1،119 މެންބަރުންގެ އިއްތިފާގުންނެވެ.