ވިޔަފާރި

އިނގިރޭސިވިލާތުން ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު އަނެއްކާވެސް މައްޗަށް!


އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އަނެއްކާވެސް މައްޗަށްޖެހިއްޖެއެވެ. މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތް ހިމެނެނީ ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.

ކޯވިޑް-19އަށްފަހު ރާއްޖެއަންނަ ފަތުރުވެރިންގެ މާކެޓްތަކަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ބައެއް އައު މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ކުރީގައި އުޅޭ މާކެޓްތަކުން ކޯވިޑަށްފަހު ފަތުރުވެރިން އަންނަ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ.

އިނގިރޭސިވިލާތަކީ ކޯވިޑްގެ ކުރިންވެސް ރާއްޖެއަށް ގިނަ ޢަދަދަކަށް ފަތުރުވެރިންއައި ޤައުމެކެވެ. ކޯވިޑަށްފަހު އެޅި ބައެއް ފިޔަވަޅުތަކާއިއެކު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވުމަށްފަހު އަނެއްކާވެސް އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ވަނީ މައްޗަށް ޖެހިލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 24،010 ފަތުރުވެރިން ރާއްޖެ އައެވެ. އެ ޤައުމު ވެފައިވަނީ ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.

2021ވަނަ އަހަރު އިނގިރޭސިވިލާތުން ރާއްޖެ އައީ 62،777 ފަތުރުވެރިނެވެ. 2020ވަނަ އަހަރު އެ ޤައުމުން ރާއްޖެއަށް އައީ 52،720 ފަތުރުވެރިންނެވެ. ކޯވިޑްގެ ކުރިއަށް ބަލާލާއިރު 2019ވަނަ އަހަރު އިނގިރޭސިވިލާތުން ރާއްޖެ އައީ 126،199 ފަތުރުވެރިންނެވެ. އެއީ އެއަހަރު 5ވަނައަށް ރާއްޖެއިން އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ.

މިދިޔަ އަހަރާ އާޅާބަލާއިރު މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނަންބަރުތައް އަހަރުގެ މިހާތަނަށްވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 210،184 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 145،046 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %44.9 ކުރިއެރުމެކެވެ.