އަރަބިއަން ޓްރެވެލް މާކެޓް 2026ގެ ތެރެއިން ރާއްޖޭގެ ސަޤާފަތް، ބޭރުގެ ގައުމުތަކަށް އިސްތިހާރުކުރުމަށް ޚާއްސަ ހަރަކާތެއްދަނީ ކުރިއަށްގެންދަމުންނެވެ. މިހަރަކާތަށް ބޭރުގެ ފަރާތްތަކުގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ވީއެމްސީން ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީނިއާ މާކެޓިން އެގްޒެކެޓިވް މަނާލް އިބްރާހީމް ވިދާޅުވީ، އޭޓީއެމް ފެއާގެ ތެރެއިން މިހަރަކާތް ކުރިއަށްގެންދިއުމުގެ މަޤްސަދަކީ ދިވެހީންގެ އާދަކާދައާއި ސަޤާފަތް ބޭރުގެ ފަރާތްތަކަށް އިސްތިހާރުކުރުންކަމަށެވެ.
މި ހަރަކާތުގެ ތެރެއިން، އެވޭލާ ޒަމާނުގައި ދިވެހިން އާންމުކޮށް ލައި އުޅުނު ލިބާސް އަދި މުންޑު ލައިގެން ފޮޓޯ ނެގުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ފަހިކޮށްދީފައިވެއެވެ. މިފޮޓޯތައް ނަގަނީ ރާއްޖޭގެ ސްޓޭންޑުގައި ފޮޓޯނެގުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބެކްޑްރޮޕްގައެވެ.
ފޮޓޯ ނެގުމަށްފަހު ޕޯސްޓުކޮށް، ވިޒިޓް މޯލްޑިވްސްގެ އިންސްޓްގްރާމަށް ޓެގްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ2 ފަރާތަކަށް ރިސޯޓް ހޮލިޑޭ ވައުޗާ ދިނުމަށް ހަމަޖެހިފައިވާކަމަށް ވީއެމްސީން މަޢުލޫމާތުދެއެވެ.
"އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އަޅުގަނޑުމެން ކުރިއަށްއެބަގެންދަން ރާއްޖޭގެ ސަޤާފަތް ބޭރުގެ ފަރާތްތަކަށް އިތުރަށް އިސްތިހާރުކުރުމަށްޓަކައި ވަރަށް ޚާއްސަ ހަރަކާތެއް. ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް ދިވެހި ލިބާސް އަދި ފިރިހެނުން މުންޑު ލައިގެން ފޮޓޯއެއް ނެގުމަށްފަހު މި ޖެހެނީ ވީއެމްސީ ޓެގް ކުރުމަށްފަހު ސޯޝަލް މީޑިއާއަށް އަޕްލޯޑުކުރަން. އޭގެތެރެއިން ގުރުއަތުން ހޮވޭ 2 ފަރާތަކަށް އަޅުގަނޑުމެން މިދެނީ ރިސޯޓް ގިފްޓް ވައުޗާއެއް". މަނާލް ވިދާޅުވިއެވެ.
އޭޓީއެމް ފެއަރއަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ޓޫރިޒަމް ފެއަރއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެތައް ހާސް ބަޔަކު އެއްވާ މިފަދަ ފެއަރއެއްގެ ތެރެއިން ދިވެހީންގެ އާދަކާދައާއި ސަޤާފަތާއި، ދިވެހީންގެ އެވޭލާ ހެދުންތައް އިސްތިހާރުކުރުމަކީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭނެ ކުރިއެރުމެއްކަމަށް ވީއެމްސީން ޤަބޫލުކުރައްވައެވެ.