ޚަބަރު

ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިބަލީގައި މިއަދު ނިޔާވީ އުމުރުން 72 އަހަރުގެ ފިރިހެނެކެވެ. މި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބައްޔަށް ފަރުވާ ދެމުން ދިޔަ މީހެކެވެ.

މި މީހާ ނިޔާވީ މިއަދު މެންދުރުފަހު 2:14ހާއިރުއެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 288އަށް އަރާފައެވެ.

ރާއްޖޭގައި އެންމެ ފަހުން މި ބަލީގައި މީހަކު ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ޏ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ކޯވިޑް ބަލީގައި ރާއްޖެއިން 24 މީހުން މިވަނީ ނިޔާވެފައެވެ. އެއީ ޖެނުއަރީ މަހު ނިޔާވި 13 މީހުންނާއި، އަދި މިމަހުގެ މިހާތަނަށް ނިޔާވި 11 މީހުންނެވެ.

ރާއްޖޭގައި ކޯވިޑް ބަލި ޖެހިިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 49 މީހުންނަށް އަންނަނީ ފަރުވާ ދެމުުންނެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 16000އިން މައްޗަށް އަރައެވެ. އަދި މިހާތަނަށް ރާއްޖެއިން މިބައްޔަށް 156000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.