ޚަބަރު

ހައްވައާއި، ޢަބްދުﷲ ބުނެދެނީ މިއީވެސް ދިރިއުޅުމަށް ކުރެވިދާނެ މަސައްކަތެއްކަން!


ހއ.އުލިގަމުން ޢަބްދުﷲ މުޢާޒް

ރޯނުވެށުމާއި ލިޔެލާ ޖެހުމާއި ފަންގިވިނުންފަދަ މަސައްކަތްތަކަކީ އިހުޒަމާނުގައި ދިވެހިން އާމްދަނީ ހޯދަމުން އައި މަސައްކަތްތަކެވެ. އެ ޒަމާން ފަހަތަށް ޖައްސާލައި އަދު އެކާވީސް ވަނަ ޤަރުނުގައި ދިވެހިން ދިރިއުޅެމުން ދަނީ ދިވެހި ވަންތަ އެ މަސައްކަތްތައް ދޫކޮށްލުމަށްފަހުއެވެ. ޒަމާނަށް ކިތަންމެ ބޮޑު ބަދަލެއް އައިނަމަވެސް، ދިވެހި ވަންތަ އެ މަސައްކަތް ކުރާ ދިވެހިން މިއަދުވެސް ދިވެހިންގެ ތެރޭގައި އެބަ ތިއްބެވިއެވެ.

ތިލަދުންމައްޗަށް އަޅުގަނޑު ކުރި ދަތުރެއްގައި އުލިގަމުގައި ފައިބާ ހުންނަން ޖެހުނެވެ. އުލިގަމުގެ އެ ހިތްގައިމު މާހައުލުން ހިތަށް ލިބުނީ ހަމަޖެހުމެވެ. އެއީ އުވި ނެތިގެން ނުގޮސް ހުރި ބައެއް ދިވެހި ވަންތަ ކަންކަމުންނެވެ.

ހއ.އުލިގަމު، ގަސްކަރަ ހައްވާ އަބޫބަކުރާއި ފިރިމީހާ ޢަބްދުﷲ އާދަމްއަކީ ފަންގި ވިނުމުގެ މަސައްކަތުން ދިރިއުޅުމުގެ މުހުތާދުތައް ފުއްދުމަށް އާމްދަނީ ހޯދަމުންދާ ދެމަފިރިންނެވެ. އުމުރުގެ ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ މި ދެމަފިރިންނަކީ ފަންގި ވިނުމުގެ މަސައްކަތަށް ނިކަން ފަރިތަ ބައެކެވެ.

"ފައިސާ ހޯދާކަށް ވައްކަމެއް ނުކޮށް، މީހަކަށް އުނދަގޫ ނުކޮށް އުޅެވުނީމަ މިކަން ނިމުނީދޯ ދުނިޔެ އަޅާފަ ދިޔައީމަ" ޢަބްދުﷲ އާދަމް ބުންޏެވެ. ސަމާސާ ރާގަކަށް ބުންޏަސް ޢަބްދުﷲ އާދަމްގެ މި އިބާރާތަކީ އަދު ދިވެހި ޒުވާނުންނަށް އޮތް ނަސޭހަތުގެ ފޮތެއްފަދަ ސާދާ ބަސްކޮޅެކެވެ.

ފަންގި ވިނުމަށް އަޅުގަނޑުގެ ހިތުގައި ޝައުގު އުފެއްދޭތޯ ޢަބްދުﷲ މަސައްކަތްކުރިއެވެ. ފަންގި ވިންނަ ގޮތާއި، ފަންގި ވިންނަން ބޭނުންކުރާ ސާމާނުތައް ދައްކައި ހެދިއެވެ. އަދި މަސައްކަތް ކުރަން ބޭނުންވާ އާލާތްތަކަށް އައިސްފައިވާ ބަދަލުތައްވެސް ކިޔައިދިނެވެ.

"ކުރީ ޒަމާނުގައި ދިވެހިން ފަންގި ވިޔެ އުޅެނީ ކުރެދި އިލިން. ކުރެދި ކަނޑައިގެން މަށައިގެން ރޮންދާ އަޅާފަ ރީއްޗަށް އޮމާންކޮށްފަ ދެން އޭގަ ތޮރުފާނީ ބުރުމާއިން. އެއިން ކުރީ ޒަމާނުގައި ވިންނަނީ. މިހާރު ދުނިޔެވެސް ތަރައްޤީ ވީ ވަރަކަށް މިކަންވެސް ތަރައްޤީ ވަމުންދާނެ ދޯ. ކުރެދީގެ ފަހުގައި ޖެހުނީ އެލުމެނިއަމް އިލިން. އެއިން ބަދަލުވެގެން މި އައީ އެއްލޯނު ހޮޅިއަށް. ވަރަށް ފަސޭހަ މިވައްތަރުގެ އިލި."ޢަބްދުﷲ އާދަމް ބުންޏެވެ.

ފާއިތުވި ސާދަ އަހަރު ޢަބްދުﷲގެ ދެމަފިރިން އާމްދަނީ ހޯދަމުން އަންނަނީ ފަންގި ވިނުމުގެ މަސައްކަތް ކޮށްގެންނެވެ. ގެއަށް ބޭނުންވާ ޒަރޫރީތަކެތި ގަނެ ދިރިއުޅުމުގެ އެހެނިހެން ބޭނުންތައް ފުއްދަމުން އަންނަނީ މިމަސައްކަތް ކޮށްގެން ލިބޭ އާމްދަނީންނެވެ.

"އަހަރެމެންނަށް ރަށުން އެންމެ ބޮޑު ބައި ލިބެޔޭ ބުނެވޭނީ. ވަރަށް ގިނަ އަދަދަކަށް ފައިސާވެސް ލިބޭ. އެންމެ ފަހުން ފަން ވިއްކި ފަހަރުވެސް އަށް ހާސް ކޮންމެވެސް އެއްޗެއް ގެނައިން." ފަން ވިންނަން އިނދެ، މި މަސައްކަތުން ލިބޭ އާމްދަނީ ޢަބްދުﷲ ކިޔައިދިނެވެ.


ރާއްޖޭގެ ރަށްރަށުން ފަސޭހަކަމާއެކު ފަން ލިބެން ހުންނައިރު، މިއީ އާމްދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެއްގެ ގޮތުގައި ޢަބްދުﷲގެ ދެމަފިރިން ޤަބޫލުކުރެއެވެ. ޢަބްދުﷲ މަސައްކަތްކުރަނީ ރަނގަޅު ފެންވަރުގެ ފަން ހޯދައިގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ފަދަ ގޮތަށް ފަން ވިނުމުގެ މަސައްކަތްކުރެވޭތޯއެވެ. އެގޮތުން މިއިން ކޮންމެ ފަން ގަނޑެއްވެސް މަދު ވެގެން އަށް އަހަރު ބޭނުންކުރެވޭނެކަމަށް ޢަބްދުﷲ ޤަބޫލުކުރެއެވެ.

މިއަދު ޢަބްދުﷲއާއި ހައްވާ އަބޫބަކުރު ވަނީ ފަން ވިނުމުގެ މަސައްކަތަށް ނިކަން ފަރިތަވެފައެވެ. ހެނދުނު ހަޔަކުން އިރު އޮއްސި ހަޔަކަށް ފަން ވިންނަނަމަ ފަސްގަނޑު ނުވަތަ ހަ ގަނޑު ފަން ވިޔެ ނިންމާލެވެއެވެ.

"މިހާރު މި ވިނދެވެނީ އެއްގަޑި ބައި، އެއްގަޑި ފަނަރައިގައި މި ފެށޭ ވަރުވަނީ. އެހާއިރު ފަށައިގެން އަހަރެމެން މި އެތިކޮޅު ހުސްވީމަ ނިންމާލަނީ. އޭރު ހުންނާނެ ތިންބޮނޑި ފަން. އެއީ މީހަކަށް ހަ ގަނޑު ކަމަށް ބަލާފަ." މިހާރު މަސައްކަތް ކުރެވޭ މިންވަރު ހާމަކޮށްދެމުން ޢަބްދުﷲ ކިޔައިދިނެވެ.


ފަންގަނޑު ވިނުމުން މަސައްކަތް ނިމުނީއެއް ނޫނެވެ. ތިން ދުވަސް ވަންދެން ކޮންމެ ދުވަހަކު މެންދުރު އަވީލާން ނެރެންޖެހެއެވެ. އޭރަށް ހުންނަނީ ކުރޮޅިވެފައެވެ.

މިއަދު ދިރިއުޅުމުގެ ކޮންމެ ކަމެއް ފައިސާއިން ފުއްދަންޖެހިފައިވާއިރު މިއީވެސް އާމްދަނީ ހޯދަން ކުރެވިދާނެ މަސައްކަތެކެވެ. ޒަމާނީ ބަދަލުތައް ގެނެސްގެން ނަމަވެސް މި މަސައްކަތް ނަގައި ކޮޅަށް ޖަހަންޖެހެއެވެ. ހއ.އުލިގަމު، ގަސްކަރަ ހައްވާ އަބޫބަކުރާއި ޢަބްދުﷲ އާދަމްވެސް އިންތިޒާރު ކުރަނީ މި މަސައްކަތް ކުރި އަރައި ރަނގަޅު މާކެޓެއް ލިބޭނެ ގޮތްތައް ފަހިވާނެ ދުވަހަކަށެވެ. ފަތުރުވެރިކަމުގެ އަލި ރާއްޖޭގެ ދެ ކޮޅަށް ފެތުރެމުންދާއިރު ފަންގި ވިނުމުން ރަނގަޅު އާމްދަނީއެއް ހޯދިދާނެއެވެ. ޒުވާނުން ތެދުވާށެވެ. ޒުވާން ޚިޔާލުތަކާއެކު ފަންގި ވިނުމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއަރުވާށެވެ. ދިވެހި ކޮންމެ ގެއަކީވެސް އާމްދަނީ ހޯދާ ގެއަކަށް ވަމާތޯއެވެ.