ޚަބަރު

ޖަޕާނުން އެތެރެކުރާ ދަގަނޑުން އެމެރިކާއިން ނަގާ އިމްޕޯޓް ޓެކްސް އުވާލަނީ


ޖަޕާނުން އުފައްދާ ދަގަނޑުގެ ބާވަތްތައް އެތެރެކުރުމަށް އެމެރިކާއިން ނަގާ ޓެކްސް އުވާލުމަށް ނިންމާފައިވާކަމަށް ދެ ޤައުމުން ހާމަކޮށްފިއެވެ.

އޭޕްރީލްމަހުގެ 1 ވަނަ ދުވަހު ޢަމަލުކުރަން ފަށާ މި ނިންމުމުގެ ދަށުން، އެމެރިކާއިން އަހަރެއްގެ މައްޗަށް އެތެރެކުރާ 1.25 މިލިއަން މެޓްރިކް ޓަނުގެ ދަގަނޑުގެ ބާވަތްތަކަށް ޖަޕާނުން ދައްކަންޖެހޭ އިމްޕޯޓް ޓެކްސް މަޢާފުވެގެންދާނެއެވެ. ނަމަވެސް މި ނިންމުމުގައި އެލުމިނިއަމް ހިމަނާފައެއް ނުވެއެވެ.

އެެމެރިކާގެ އޮފިޝަލުން ހާމަކުރައްވާފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑަށްވުރެ އިތުރަށް ދަގަނޑު އުފެއްދުން ކޮންޓްރޯލް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޖަޕާނަށް ލާޒިމުވެއެވެ. އެގޮތުން ދެ ޤައުމު ގުޅިގެން ނެރެފައިވާ ބަޔާނުގައި މިކަމަށް ޢިޝާރާތްކޮށް ޖަޕާނުން ބެނުފައިވަނީ، މާކެޓަށް ފެތޭގޮތަށް ދަގަނޑު އުފެއްދުމުގެ ސިނާޢަތް ބައްޓަންކުރުމަށްޓަކައި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޚާއްޞަ އުޞޫލުތަކެއް ކަނޑައަަޅާނެކަމަށެވެ. އެގޮތުން އިސްކަންދޭނެ ފިޔަވަޅުތަކުގެ ތެރޭގައި އަމިއްލަ ޤައުމުގައި ވިއްކާ އަގަށްވުރެ އަގު ހެޔޮކޮށް އެކްސްޕޯޓު ނުކުރުމަށާއި، އެކްސްޕޯޓުކުރާ ޤައުމުން އުފެއްދުންތަކަށް ދީފައިވާ ސަބްސިޑީއާ އެއްވަރުގެ އިމްޕޯޓު ޓެކުހެއް ލާފައި ވިއްކުން ހުއްޓާލުމަށާއި، މިފަދަ ކަންކަމަށް މަގުފަހިވާ ޢަމަލުތައް ހުއްޓުވުން ހިމެނޭނެކަމަށް ޖަޕާނުން ބުނެއެވެ.

އެމެރިކާއިން ދަގަނޑު އެތެރެކުރުމަށް އިމްޕޯޓް ޓެކުހެއް ނަގަން ފަށާފައިވަނީ އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައެވެ. 25 އިންސައްތައިގައި ނަގަމުން އައި މި ޓެކްސް މިދިޔަ އަހަރު ޔޫޕަރުގެ އިއްތިޙާދަށް ވަނީ މަޢާފުކޮށްދީފައެވެ. ޖަޕާނަށްވެސް މިހާރު މި ޓެކްސް މަޢާފުކޮށްދީފައިވާއިރު، "ޑިއުޓީ ފްރީ އެކްސެސް" ލިބޭނީ "މެލްޓެޑް އެންޑް ޕޯރޑް" މިންގަނޑުގައި އުފައްދާފައިވާ އަދި އުފެއްދުމުގެ ހުރިހާ މަރުޙަލާއެއްވެސް ޖަޕާނުގައި ކުރިއަށްގެންގޮސް ނިންމާފައިވާ ދަގަނޑުގެ ބާވަތްތައްކަމަށް މި އެއްބަސްވުމުގައި ބުނެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ޖަޕާނުގެ އިޤްތިޞާދާބެހޭ ވަޒީރު ކޮއިޗީ ހަގިއުދާ ވިދާޅުވީ މި އެއްބަސްވުމަކީ ދަގަނޑުން ނަގާ އިމްޕޯޓް ޓެކްސް ނައްތާލުމަށް އެޅުނު ފިޔަވަޅެއް ނަމަވެސް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތަށް ޓެކްސް ނެގުން މުޅިން އެއްކޮށް ނިމުމަކަށް ގެނައުމަށް އެމެރިކާއާއެކު މަޝްވަރާކުރަމުން ދާނެކަމަށެވެ.

ޖަޕާނުން އެތެރެކުރާ ދަގަނޑުން ޓެކްސް އުނިކުރުމަށް ނިންމާފައި މިވަނީ އެމެރިކާގައި ދަގަނޑުގެ އަގު ދަށަށް ދާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިިދިޔަ ސެޕްޓެމްބަރުމަހު ޓަނެއް 1،945 ޑޮލަރުގައި ހުރިއިރު މިހާރު ދަގަނޑުގެ އަގު ވަނީ ޓަނެއް 1،180 ޑޮލަރަށް ތިރިވެފައެވެ. ނަމަވެސް މި އަގަކީ ޕެންޑެމިކުގެ ކުރިއާ އަޅާބަލާއިރު އަދިވެސް ދެގުނަ ބޮޑު ޢަދަދެއްކަމަށް ރިޕޯޓުތައް ބުނެއެވެ.