ޚަބަރު

މެޓަ ޕްލެޓްފޯމްގެ ހިއްސާ 20 އިންސައްތަ ދަށަށް


ފޭސްބުކް ހިންގާ ކުންފުނިކަމަށްވާ މެޓަ ކުންފުނީގެ އާމްދަނީ، ލަފާކޮށްފައިވާ ވަރަށްވުރެ ދަށްވާނެކަން ހާމަވުމާއެކު، ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ދަށަށްގޮސްފިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މެޓަ ކުންފުންޏަށް 30.15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ބުދަ ދުވަހު އެ ކުންފުނިން ޢާއްމުކުރި ހިސާބުތައް ދައްކާގޮތުން، ފުރަތަމަ ކުއާޓަރުގެ އާމްދަނީ އަންދާޒާކޮށްފައިވަނީ 27 ބިލިއަން ޑޮލަރާއި 29 ބިލިއަން ޑޮލަރާއި ދެމެދުގައެވެ.

ކުންފުނީގެ އާމްދަނީ ދަށަށްދާނެކަން ހާމަވުމާއެކު ހިއްސާގެ ބާޒާރުގައި މެޓަ ކުންފުނީގެ ހިއްސާގެ އަގު ވަނީ 20 އިންސައްތަ ދަށަށްގޮސްފައެވެ. އަދި ފުރަތަމަ ފަހަރަށް ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ޢަދަދުވެސް ވަނީ ދަަށަށްގޮސްފައެވެ. އެގޮތުން މިދިޔަ ކުއާޓަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި 1.93 ބިލިއަން ޑެއިލީ އެކްޓިވް ޔޫސާރސްގެ ތެރެއިން 1 މިލިއަން ޔޫސާސް މަދުވެފައިވެއެވެ.

މެޓަ ކުންފުނީގެ އާމްދަނީގެ ބޮޑުބައެއް ހޯދަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ޖަހާ އިޝްތިހާރުތަކުންނެވެ. ނަމަވެސް އެޕަލް ކުންފުނީގެ އޮޕްރޭޓިންގ ސިސްޓަމުގައި ޕްރައިވެސީއަށް ގެނައި ބަދަލުތަކާއި ގުޅިގެން އެކި ބަރޭންޑްތަކުން ފޭސްބުކްގައި ޖަހާ އިޝްތިހާރުތަކަށް އޮންނަ ތާޢިދު ދެނެގަތުމަށް، އެ ކުންފުނިތަކަށް ހުރަސްއެޅިފައިވާކަމަށް މެޓައިން ހާމަކުރެއެވެ.

އެނަލިސްޓުންނަށް މަޢުލޫމާތުދެއްވަމުން މެޓަ ކުންފުނީގެ ޗީފް ފައިނެންޝަލް އޮފިސަރ ޑޭވް ވެނަރ ވިދާޅުވީ، އެޕަލް ކުންފުނީގެ މި ބަދަލާއި ގުޅިގެން 2022 ވަނަ އަހަރު 10 ބިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް ބެލެވޭކަމަށެވެ.

އާމްދަނީއަށް އަސަރުކޮށްފައިވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި ޑިޖިޓަލް މާކެޓުގައި ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވުން ހިމެނޭކަމަށް މެޓައިން ފާހަގަކުރެެވެ. އަދި އެ ކުންފުނި ރީބްރޭންޑް ކުރުމާއި، ވިޔަފާރި ފުޅާކުރުމާއި ގުޅިގެން ކުންފުންޏަށް ފައިދާ ވާން ފަށަން އަހަރުތަކެއް ނަގާނެކަމަށް އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް، މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މެޓަ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވެފައިވާ މިންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 5 ބިލިއަން ޑޮލަަށްވުރެ އިތުރުވެފައިވެއެވެ. މިއީ އެނަލިސްޓުން ލަފާކޮށްފައިވާ ޢަދަދަށްވުރެ ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން މިދިޔަ އަހަރު ލިބުނު އާމްދަނީއާމެދު ހިންހަމަޖެހޭ ކަމަށާއި، މިއަހަރުވެސް، ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިންވެސްޓުކުރަމުން ގެންދާނެކަމަށް ސީއީއޯ ވިދާޅެވެއެވެ.