ޚަބަރު

ޑައިވްކުރާ މީހުންނަށް މިޔަރު ފެނުމުން އުފާލިބޭއިރު، މަސްވެރިންނަށް ބޮޑު ތަކުލީފެއް!


ރާއްޖޭގެ ކަނޑުތަކުން މިޔަރު މަދުވެ، ފަތުރުވެރިންނަށް މިޔަރު ފެނުން މަދުވުމާއި ގުޅިގެން މިޔަރު ރާއްޖޭގެ ކަނޑުތަކުން ނެތި ދިއުމުގެ ބިރު ހީވާން ފެށުމުން މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު މިޔަރު ހިފުން ވަނީ މަނާކޮށްފައެވެ. އެހާހިސާބަށް ރާއްޖޭގައި މިޔަރުގެ ވިޔަފާރިއަކީ ފުޅާކޮށް ކުރި ވިޔަފާރިއެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި 31 ބާވަތެއްގެ މިޔަރު އުޅޭކަމަށް ފިޝަރީސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ރާއްޖެއިން ވަރަށް މަދުން ފެންނަކަމަށް ލަފާކުރާ މިޔަރުތައްވެސް ހިމެނެއެވެ.

މިޔަރަކީ ތިމާވެށީގެ ގޮތުންނާ އިޤްތިސާދީ ގޮތުން ވަރަށް މުހިންމު ދިރުމެކެވެ. ރާއްޖެ އަންނަ ގިނަ ފަތުވެރިންނަކީ ސްނޯކަލްކޮށް، ފީނައި ކަނޑުއަޑީގެ މުއްސަނދިކަން ބަލާލުމަށް އަންނަ ފަރާތްތަކެއްކަމުން މިޔަރުފަދަ މުހިއްމު ކަނޑުގެ ދިރުމެއް ހިމާޔަތްކުރުމުން ލޯކަލް ޓުއަރިޒަމަށް އިތުރަށް ފައިދާ ކުރާނެކަމެކެވެ.

މިޔަރުގެ ވިޔަފާރި ހުއްޓުމަކަށް ގެނެސް މިޔަރު ހިމާޔަތްކުރީ މިޔަރުގެ ދިރުން ރާއްޖޭގެ ކަނޑުތަކުން މަދުވެ، ރާއްޖޭގެ އިޤްތިސާދު ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމަށް އެކަމުގެ ސަބަބުން އަސަރުކޮށްފާނެތީއެވެ.

ކަނޑުގައި އުޅޭ އެއްވެސް ބާވަތެއްގެ މަހަކީ އިންސާނުންނަށް ހަމަލާދޭ އެއްޗެއްކަމަކަށް ނުބެލެވެއެވެ. އެއީ އެއަށްވުރެ މާ ރަޙްމަތްތެރި އެއްޗެއްކަމަށް ޑައިވިން ކުރާ މީހުން ބުނެއެވެ. ނަމަވެސް މިޔަރަށް ގޯނާއެއްކޮށްފިނަމަ ހަމަލާދީފާނެއެވެ.

"މިޔަރު ސީދާ ގަސްތުގައި އައިސް ހަމަލާދީފާނެކަމަށް ނުބެލެވޭކަމަށް ޑައިވް ކުރުމުގައި އުޅޭ މީހުން ބުނޭ. މިޔަރު އަބަދުވެސް ދުވާނީ ބަލި މަހެއްގެ ފަހަތުން. ދުވާ މަހެއް ކާލުމަކީ އެސޮރަށްވެސް އެހާ ފަސޭހަކަމެއް ނޫން" ބ.އަތޮޅުގައި ޑައިވް ކުރާ މީހަކު ބުންޏެވެ.

މަސްވެރިންނަށްވެސް ކުރިމަތިވަނީ މިކަހަލަ ގޮތްތަކެކެވެ. އަޑިން ގަންނަ މަސް ބަލިވެގެން އަރާއިރު މިޔަރަކަށް ފެނިއްޖެނަމަ ހިފާނެއެވެ. އެއީ ޝައްކެވެސް އޮތްކަމެއް ނޫނެނެވެ. މި ކަމަކީ މީގެ ކުރިން މަދުންނަމަވެސް ދިމާވާކަކެވެ.

އެކަމަކު މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މިޔަރު ގިނަވެ މަސްވެރިކަން ކުރުމަށް އުނދަގޫވާކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ. އެންމެ ބޮޑަށް މިވާހަކަ ދައްކަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައެވެ.

ފަތުރުވެރިކަމަށް އަސަރުކޮށްފާނެތީ ހިމާޔަތް ކުރި މިޔަރުން އެކަމަށް ނޭދެވޭ އަސަރެއްކޮށްފާނެބާއޭ؟ މީވެސް މިހާރު އުފެދޭ ސުވާލެކެވެ.

2010 ވަނަ އަހަރު މިޔަރު ހިމާޔަތްކޮށް ހަމަ އެއަހަރު ރާއްޖެއަށް ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާކުރިއެވެ. ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިއާއެކު ސްޕޯޓްސް ފިޝިންގ ނުވަތަ ޒަމާނީ ރީލު ދޮށީގެ މަސްވެރިކަންވެސް ފުޅާވެގެން ދިޔައެވެ. އަދި މި މަސްވެރިކަން ކުރުމަށް އަންނަ ފަތުރުވެރިންވެސް މިހާރު މަދެކޭ ނުދެންނެވޭނެއެވެ. ފިޝިންގ ޗާޓަރތައް ހިންގާ މީހުންގެ އަދަދު އިތުރުވުމަކީ މިކަމުގެ އެއްހެކެވެ.

ސްޕޯޓްސް ފިޝިންގ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވެ، ބާނާ މަސް މިޔަރު ކާލުމާއި، އަގުބޮޑު ސްޕޯޓްސް ފިޝިންގެ ވަދުތައް މިޔަރު ކަނޑާލުމުގެ ވާހަކައެވެ. އަދި ފަތުރުވެރިން ކުރަން އަންނަ މަސްވެރިކަން ނުކުރެވި މިޔަރުގެ އުނދަގުލާ ހެދި އަގުބޮޑު މަސްދަތުރު ނިންމާލުމެވެ. ފޮޓޯއެއް ނަގާލުމަށް މަހަށްދާ ފަތުރުވެރިޔާއަށް ލިބެނީ ގިނަފަހަރު މަހުގެ ދެބައިކޮށްފައި އެއްބައެވެ. މިކަން މިގޮތުގައި ދާނަމަ މި ވިޔަފާރިއަށާއި ފަތުރުވެރިކަމަށް އަސަރެއްކޮށްފާނެކަމަށް ސްޕޯޓްސް ފިޝިންގ އިންޑަސްޓްރީގައި އުޅޭ ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

މަސްވެރިން މިހެން ބުނާއިރު، މިނިސްޓްރީން ވިދާޅުވީ މިޔަރުގެ އާބާދީ އިތުރު ނުވާކަމަށެވެ. ކޮންމެވެސް ވަރަކަށް މިޔަރު ގަންނަ ކަމަށް މަޢުލޫމާތު ލިބޭކަމަށާ، ނަމަވެސް މިއީ އާދަޔާ ޚިލާފަށް މިޔަރު އިތުރުވުމުގެ ސަބަބުން ދިމާވާކަމެއްކަމަށް ސީދާ ބުނަން ދަތިކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ.

މިޔަރަކީ އެއްކަނޑުން އަނެއްކަނޑަށް ހިޖުރަކުރާ ދިރުމެކެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި މިޔަރު ހިމާޔަތްކޮށްފައި ނެތުމުން މިޔަރަށް އެންމެ ފުރިހަމަ ހިމާޔަތެއް ލިބޭ އެއް ކަނޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެވެ. އަދި ރާއްޖޭގެ ކަނޑަުމަސްވެރިކަން ކުރާ ފަރާތްތަކަށް މިކަމުގެ އުނދަގޫ އޮތްކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

އެންދަމަން މޫދަަށްބާލާ ދަލަށް އަރާ އެންކޮޅު ކާލާ ދާ ހަލާކުކޮށްލުން ފަދަ ކަންކަން އެމީހުންނަށް ކުރިމަތިވެފައި އެބަހުއްޓެވެ. އަދި މަސްބާނަން އައިނަށް އަރާއިރު މަސްއައިނު ތެރޭގައި ހުންނަ މިޔަރު އައިނާ ހެދި މަސް ނުބޭނޭ ހިސާބަށް ދާކަމަށް ބައެއް މަސްވެރިން ބުނާއިރު ކަނޑުމިޔަރުގެ ބާވަތްތަކަކީ، ޚާއްސަކޮށް އައިންމަތީ މިޔަރަކީ ކަނޑުމަސް އައިނު ތިލަ ކުރުމަށާއި އަދި މަސްއައިނު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބާވަތެކެވެ.

އައިނުގައި އުޅޭ މިޔަރު ނެގުމުން، މަސްވެރިކަން ދަށްވާކަމުގެ ޝަކުވާ މަސްވެރިންގެ ކުރިން ލިބިފައިވާކަމަށާ މާކަނޑުގައި މިޔަރު މަސްވެރިކަން ކުރުން ފުޅާވެގެން އައި ދުވަސްވަރު، މިޔަރަށް ލޭނުއެޅުމުން ކަނޑުމަސްވެރިކަން ދަށްވަމުންދާކަމުގެ ޝަކުވާ މަސްވެރިގެ ފަރާތުން ގިނަ އަދަދަކަށް ލިބިފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެންދަމައިގެން ފަރުމަސް ބާނާ މީހުންނަށްވެސް މިޔަރުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވާކަމަށް އެމީހުން ބުނެއެވެ. އަދި ކީއްތޯއޭ ރަށު ފަޅު ތެރެއިން ގަންނަ ލައްޓީގައިވެސް މިޔަރު ހިފަނީއެވެ.

ފިޝަރީސް މިނިސްޓްރީން ވިދާޅުވީ މިޔަރުގެ އާބާދީ ބެލުމަށް ހެދި ދިރާސާތަކުން މިޔަރު އިތުރުވިކަން އަދި އެނގެން ނެތްކަމަށެވެ. މިޔަރުގެ އާބާދީ އިތުރުވުމަށް ސާވޭ ކުރި މެރިން ރިސާޗްއިން ބުނީ 2020 ވަނަ އަހަރާ 2021 ވަނަ އަހަރު މިޔަރުގެ އާބާދީ އިތުރުވަމުން އަންނަ މިންވަރު ދެނެގަތުމަށް ހެދި ސާވޭއިން އެކަން ފާހަގަވެފައި ނުވާކަމަށެވެ. އެހެންކަމުން މިޔަރުގެ މަސްވެރިކަން ހުޅުވާލެވޭނީ އާބާދީ އެވަރަށް އިތުރުވެއްޖެކަން ޔަޤީންކަމާއިއެކު އެނގިގެންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

2010ވަނަ އަހަރު މިޔަރު މަސްވެރިކަން އެއްކޮށް މަނާކުރީ މިޔަރު މަސްވެރިކަން ހީނަރުވުމުގެ އިތުރުން، މިޔަރު މަސްވެރިކަން ދެމިއޮވެއްޖެނަމަ ދިވެހިރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ދެ ސިނާއަތްކަމުގައިވާ ފަތުރުވެރިކަމާއި ކަނޑުމަސްވެރިކަމުގެ ސިނާއަތަށް ނޭދޭވޭ އަސަރު ކުރާތީއެވެ. ރާއްޖެއަކީ ދުނިޔޭގައި ހީނަރުވަމުންދާ މިޔަރުގެ އާބާދީތައް ދިރިދެމެހެއްޓުމަށްޓަކައި ގޮވާލާ އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުން އަންނަ ޤައުމެއްކަމުން ރާއްޖެ 'ޝާރކް ސެންޗުއަރީ" އެއްގެ ގޮތުގައި ކަނޑައަޅާފައި އޮތްއޮތުން އުވާލައިފިނަމަ، ބައިނަލްއަޤްވާމީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިވެ، ރާއްޖޭގެ ރީތިނަމަށް ކިލަނބުކަން އައުން އެކަށީގެންވެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ގެންގުޅޭ "ތިމާވެއްޓާ ރައްޓެހި މަސްވެރިކަން" މި ޝިއާރަށްވެސް ކިލަނބުކަން އަތުވެދާނެ ކަމެއްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

އަޅުގަނޑަކީވެސް އެންދަމައިގެން ކުރާ ކަނޑުމަހުގެ މަސްވެރިކަން ފިޔަވައި ކަނޑުގެ އެހެން ހުރިހާ މަސްވެރިކަމެއްކުރާ މީހެކެވެ. އެނގޭކަމަކީ މީގެ 4 އަހަރެއްހާ ދުވަސް ކުރިން މިޔަރު ގިނަ ނުވާވަރަށް މިޔަރު ފެންނަން ފަށައިފިކަމެވެ. ވަކިން ހާއްސަކޮށް މާކަނޑު އޮންނަ ސަރަަހައްދުތައް ފާހަގަވެއެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތެއް ފަށާނީ ކޮންދުހަކުން ބާއޭ މީ އަޅުގަނޑެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ މަސްވެރިންވެސް ބުނާ ވާހަކައެވެ.

އެކަމަކު މިކަން ކުރުމަށް މިހާރު ގޮންޖެހުންތަކެއް ހުރިކަން މިނިސްޓްރީން ވިދާޅުވެއެވެ. އެއީ މިޔަރު ފަދަ މުހިއްމު ބާވަތެއް ނެގުމަށް ހުއްދަ ދީ އާބާދީއަށް ހީނަރުކަމެއް އަތުވެއްޖެނަމަ، މިޔަރު ބެލުމަށް ފީ ނަގާ ސައިޓްތަކުން މިޔަރު ނުފެނުމާއި ދިވެހިން ޒަމާނުންސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަން އަދި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރު ބޮޑުވާނެކަމަށް ފާހަގަކުރެވޭތީކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.