ޚަބަރު

ފަހު ކުއާޓަރުގައި މާސްޓަރ ކާޑުގެ ފައިދާ 27 އިންސައްތަ މައްޗަށް


މާސްޓަރ ކާޑުގެ ފައިދާ އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވެފައިވާކަމަށް ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

މާސްޓަރ ކާޑް ކުންފުނީގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން ކުންފުނީގެ ސީ.އީ.އޯ މައިކަލް މީބާ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބޯޑަރު ހުރަސްކޮށް ފައިސާގެ މުޢާމަލާތް ކޮށްފައިވާ މިންވަރު، ޕެންޑެމިކްގެ ކުރިއަށްވުރެވެސް އިތުރުވެފައިވާކަމަށެވެ. އަދި އޮމިކްރޯނުގެ ސަބަބުން ކޮންމެވެސްވަރަކަށް އަސަރުކުރަމުންދާ ނަމަވެސް ކާޑް މެދުވެރިކޮށް މުޢާމަލާތްކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާސްޓަރ ކާޑްގެ މުޢާމަލާތްތަކަށް ބަލާއިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޖުމްލަ 2.1 ޓްރިލިއަން ޑޮލަރު ޕްރޮސެސްކޮށްފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 23 އިންސައްތަ އިތުރު ޢަދަދެކެވެ. ކާޑް ދޫކޮށްފައިވާ ޤައުމު ނޫން އެހެން ޤައުމުތަކުގައި ފައިސާގެ މުޢާމަލާތްކުރާ މިންވަރު ދެނެގަތުމުގައި ބަލާ މުހިއްމު މިންގަނޑެއްކަމަށްވާ 'ކްރޮސް ބޯރޑަރ ވޮލިއުމް'ވެސް ވަނީ 53 އިންސައްތަ މައްޗައްޖެހިފައެވެ. މިއާއެކު ފަހު ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ 27 އިންސައްތަ މައްޗަށްޖެހި، 5.2 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

މުޅި އަހަރަށް ބަލާއިރުވެސް މާސްޓަރ ކާރޑުގެ އާމްދަނީ ހުރީ 23 އިންސައްތައަށްވުރެ މަތީގައެވެ. އެގޮތުން 18.9ބިލިއަން ޑޮލަރު އެކުންފުންޏަށް ލިބިފައިވެއެވެ. ކުންފުނީގެ ފައިދާ އިތުރުވުމާއި ގުޅިގެން ފަހު ކުއާޓަރުގައި ކުންފުނީގެ ޙިއްސާއެއްގެ އަގު ވަނީ 1.78 ޑޮލަރުން، 2.41 ޑޮލަރަށް އުފުލިފައެވެ.

މާސްޓަރ ކާޑްގެ ފައިދާ އިތުރުވި ނަމަވެސް ކުންފުނީގެ ހިންގުމުގެ ޚަރަދު 16 އިންސައްތަ މައްޗަށް ޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ވާދަވެރި ކުންފުނިތަކަށް ބަލާއިރު އެމެރިކަން އެކްސްޕްރެސް އިންވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އަންދާޒާކުރި ވަރަަށްވުރެ އިތުރު އާމްދަނީއެއް ހޯދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މާސްޓަރ ކާޑުން ބުނާގޮތުން އެނަލިސްޓުންގެ ލަފާކުރުމަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ކޯވިޑް-19ގެ ވެކްސިން ޖަހާ މިންވަރު އިތުރުވެ، ބައިނަލްްއަޤްވާމީ ދަތުރުތައް ބާރު ދުވެލީގައި ފުޅާވަމުން އަންނާތީއެވެ. އަދި ޕެންޑެމިކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބެމުންދާ މިންވަރަކުން ފައިދާ އިތުރުވާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.