މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފިއެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް އެމްޕަވަރމަންޓުން ކުރިއަށްގެންދާ މިމަހާސިންތާއަކީ އެމިނިސްޓްރީން ކުރިއަށްގެންދާ މިފަދަ ތިންވަނަ މަހާސިންތާއެވެ.
މުޖުތަމަޢުގައި ޙަރަކާތްތެރިވާ މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުގެ ގުޅުން ހަރުދަނާކޮށް ނެޓްވޯކިން ވަރުގަދަކުރުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް އެމްޕަވަރމަންޓުން ކުރިއަށްގެންދާ މަދަނީ ޖަމިއްޔާތަކުގެ 3 ވަނަ މަހާސިންތާ ކުރިއަށް ގެންދަނީ ފުވައްމުލަކުގައެވެ. 20 ބައިވެރިންނާއެކު ކުރިއަށްގެންދާ މިމަހާސިންތާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ދުވަހުގެ މުއްދަތަކަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަޙްމަދު އިރާޝް ވިދާޅުވީ މިފަހަރުގެ މަހާސިންތާގައި ގއ. އަތޮޅާއި ގދ.އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ޖަމިއްޔާތަކުން ބައިވެރިވާކަމަށެވެ. އިރާޝް ވިދާޅުވީ ކޯވިޑްގެ ސަބަބުން މިފަހަރުގެ މަހާސިންތާގެ ބައިވެރިން މަދު ނަމަވެސް އުއްމީދަކީ މި މަހާސިންތާއިންވެސް މިއަތޮޅުތަކުގެ ޖަމިއްޔާތަކުގެ ގުޅުން ބަދަހިވެ ރަށުގެ ކުރިއެރުމަށް އެކި އަތޮޅުތަކުގެ ޖަމިއްޔާތައް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުވެގެން ދިޔުންކަމަށެވެ.
"އެހެން ފަހަރުތަކެކޭވެސް އެއްފަދައިން އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް މަޢުލޫމާތު ބަދަލުކުރުން ކުރިއަށް މިދަނީ. ސަބަބަކީ މަދަނީ ޖަމިއްޔާތަކަކީ މުޖުތަމަޢުގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރާ ބައެއް. އެހެންކަމުން މަދަނީ ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް." އިރާޝް ވިދާޅުވިއެވެ.
މިމަހާސިންތާގެ ތެރެއިން މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށް ޔޫތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ހުރި ފުރުސަތުތަކާ ގުޅޭ މަޢުލޫމާތުތައް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ޔޫއެންޑީޕީއާއި އިސްލާމިކް ޔުނިވަރސީޓީއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ މިމަހާސިންތާގައި މަޢުލޫމާތު ދިނުމަށްވަނީ ޙަރަކާތްތެރިވެފައެވެ.
މަދަނީ ޖަމިއްޔާތަކުގެ 3 ވަނަ މަހާސިންތާ މިފަހަރު ދެކުނުގައި ކުރިއަށްދާއިރު ކުރިއަށް އޮތް 4 ވަނަ މަހާސިންތާ މެދު ރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކުރުމަށް ޔޫތު މިނިސްޓްރީންވަނީ ނިންމާފައެވެ. އެގޮތުން މިމަހާސިންތާ އަންނަ ފެބްރުއަރީ މަހު އއ.އުކުޅަހުގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.