ޚަބަރު

ކިހާދޫ ފަޅުން ފުންކުރުމަށް ނަގާ ވެލިތައް ގިރައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން


ބ.އަތޮޅު ކިހާދޫ ފަޅުހެދުމުގެ މަސައްކަތުގެ ދަށުން ފަޅު ފުންކުރުމަށް ނަގާ ވެލި ގިރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އެރަށު ފަޅުން ނަގާ ވެލި ޖަމާކޮށްފައި ހުރީ އެރަށު އިރު ދެކުނު ފަރާތަށެވެ. 600 މީޓަރު ދިގުކޮށް 10 މީޓަރު ފުޅާކޮށް އަޅާފައިވާ މިވެލި ފުނިތަކުގެ އުސްމިނުގައި ގާތްގަނޑަކަށް 20 ފޫޓު ހުންނާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާފިއު ވިދާޅުވީ މިވެލިތައް އެއްވެސް ބޭނުމެއް ނުކުރެވޭގޮތަށް ގިރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ރަށުގެ ފަރަށް މިކަމުގެ ގެއްލުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ލިޔެކިޔުން ހުށައަޅާފައިވާކަމަށާއި، އަދި މިހާތަނަށް މިކަމަށް ހައްލެއް ނުލިބޭކަމަށްވެސް ޝާފިއު ވިދާޅުވިއެވެ. ކިހާދޫ އަކީ ލޯކަލް ޓުއަރިޒަމް ހިންގަމުން އަންނަ ރަށަކަށްވެފައި ރަށުގެ ވަށައިގެންވާ ފަރު ކިލަނބުވުމަކީ ސްނޯކްލިން ކުރާ ފަރާތްތަކުން ކުރާ ޝަކުވާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކިހާދޫގެ އިރުމަތީ ފަރާތުގައި އޮންނަ ތިލަޔަކީ ޑައިވިން ކުރަން ބޭނުން ކުރާ ތަނަކަށްވެފައި އެތަން ބޭނުން ކުރާ ފަރާތްތަކަށް މިކަމުގެ އަސަރު ކުރާކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

ކިހާދޫ ބަނދަރު ހެދުމަށް ގާތްގަނޑަކަށް 30،000 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް އެޅޭވަރަށް ވެލި ވަނީ ނަގާފައެވެ. މީގެ ތެރެއިން ބޮޑުބައެއް މިހާރުވަނީ ގިރައިގެން ގޮސްފައެވެ. މިކަމާ ގުޅޭގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ އިން ބުނީ ރަށު ކައުންސިލުން އެގޮތަށް ކަންކުރަމުންދާކަން ކައުންސިލަށް ފާހަގަވެއްޖެނަމަ އެކަން ހުއްޓުވައި ރަށު ތެރެއިން ސަރަހައްދެއްގައި އެވެލިތައް ޖަމާކުރުމަށް އެންގުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭ ކަމަށެވެ. ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ތިމާވެއްޓަށް އަސަރު ކުރާފަދަކަމެއް އެރަށެއްގައި ހިނގާނަމަ އެކަމެއް ހުއްޓުވުމަކީ އެކައުންސިލުން ކުރަންޖެހޭކަމެކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވިއެވެ.

ކިހާދޫ ކައުންސިލުން ބޭނުންވަނީ ވެލި އަޅާފައި އޮތް ސަރަހައްދު ރިވެޓްމަންޓް ޖަހައިގެން ހައްލު ކުރުމަށެވެ. އެހެން ނަމަވެސް އެކަން ބަޖެޓްކޮށްފައި ނެތުމުން އެކަން ވާންނެތް ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށް ކިހާދޫ ކައުންސިލުން މައުލޫމާތުދެއެވެ.