ފީފާ ވިންޑޯއަށް ލީގު މެދުކަނޑާލުމަށްފަހު ދިވެހި ލީގުގެ ކުޅުން އަންނަ ހުކުރު ދުވަހު ފަށާނެއެވެ.
ދެ ހަފްތާއަށްވުރެ ދިގު މުއްދަތަކަށް ލީގު މެދުކަނޑާލާފައި އޮތުމަށްފަހު ދިވެހި ލީގުގެ ކުޅުން ހުކުރު ދުވަހު ފަށާއިރު، ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ބިސްބުރު ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ. މި ދެޓީމުގެ ކުރިމަތިލުން ފެނިގެންދާ މެޗު ފަށާނީ ހުކުރު ދުވަހުގެ ހަވީރު، ގަލޮޅު ދަނޑުގައި 04:30 ގައެވެ.
އެއަށްފަހު ހުކުރު ދުވަހުގެރޭ 21:00 ގައި ކުޅޭ މެޗުގައި ފެނިގެންދާނީ އޮޑި ސްޕޯޓްސް ކުލަބާއި، ގައްދޫ ރެކްރިއޭޝަން ކުލަބު ބައްދަލުކުރާ މެޗެވެ.
ހޯމް އެންޑް އަވޭ އުސޫލުން މިފަހަރުގެ ލީގުގެ ކުޅުން ކުރިއަށްދާއިރު މިއީ ދިވެހި ލީގުގައި ގައްދޫއިން، މާލޭގައި ކުޅޭ ފުރަތަމަ މެޗެވެ. ލީގުގައި މިހާތަނަށް ގައްދޫއިން ތިން މެޗު ކުޅެފައިވާއިރު މި ތިން މެޗުވެސް ކުޅެފައި ވަނީ އަމިއްލަ ފަސްގަނޑުގައި، ގައްދޫގައެވެ. މި ތިން މެޗުގައި ވެސް ގައްދޫއަށް ކުރިމަތިވީ ނާކާމިޔާބީއާ އެވެ.
މި ހަފްތާގައި ދެން ކުޅޭނެ މެޗުތަކަށް ބަލާލާއިރު، ހޮނިހިރު ދުވަހުގެ ހަވީރު ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން 16:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ހަމަ އެގަޑީ، ދިއްދޫގައި، ދިއްދޫ އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުރިމަތިލުން ފެނިގެންދާނެއެވެ. މިއީ އަވޭގައި ނިއުރޭޑިއަންޓުން ކުޅޭނެ ދެވަނަ މެޗެވެ. އަދި މިއީ ދިއްދޫއިން ހޯމްގައި ކުޅޭ ފުރަތަމަ މެޗެވެ.
ލީގުގައި އާދިއްތަ ދުވަހުގެރޭ ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްްއާއި ޓީސީ ސްޕޯޓްސް ކުލަބެވެ.
ބައިނަލްއަގްވާމީ ބްރޭކަށް ލީގުގެ ކުޅުން މެދުކަނޑާލިއިރު ލީގު ތާވަލުގައި ޓީމުތައް ތަރުތީބުވެފައިވާ ގޮތަށް ބަލާލާއިރު، ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓްރީ، ދެވަނައިގައި އޮތް އީގަލްސް އަދި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް ވެސް ދެ މެޗުން، ހަ ޕޮއިންޓު ވަނީ ލިބިފައެވެ.
ތާވަލުގެ ހަތަރުވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބު، ފަސްވަނައިގައި އޮތް މާޒިޔާ، ހަވަނައިގައި އޮތް ދިއްދޫ އަދި ހަތްވަނައިގައި އޮތް ބިސްބުރާއި އަށްވަނައިގައި އޮތް ޓީސީއަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. ޕޮއިންޓެއް ނުލިބި ވަނީ ނުވަވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބާއި ފުލުގައި އޮތް ގައްދޫއަށެވެ.
ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ޓީމުތައް ދަރަޖަކުރެވިފައިވަނީ ގޯލުގެ ތަފާތަށް ބަލައިގެންނެވެ.