ރިޕޯޓް

މާޅެންދޫ ރައްޔިތުން ތިބީ ފެނާ ނަރުދަމާގެ މަޝްރޫއު ނިމޭނެ ދުވަހެއްގެ އިންތިޒާރުގަ


ނ.މާޅެންދޫގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަސައްކަތަކީ އެރަށުގެ ރައްޔިތުންގެ ޒަމާނެއްވީ ހުވަފެނެކެވެ. މި މަޝްރުޢު ވެގެން ގޮސްފައިވަނީ އެރަށުގެ ރައްޔިތުންގެ މޫނުމަށްޗަށް ހިނިތުންވުން ގެނުވައިދިން މަޝްރޫއަކަށެވެ. އަދި މިއީ ރަށުގެ ތަރަށްގީއަށް އިތުރު ވެގެންދާ މުހިންމު ބޮޅެއް ކަމުގައި ރައްޔިތުން ދެކެއެވެ.

އަތޮޅުތަކުގެ ތަރައްޤީގެ މަޝްރޫއުތަކަށް ބަލާއިރު އާސާސީ ޚިދުމަތްތަކާ ގުޅުންހުރި އެތައް މަޝްރޫޢެެއް އެކި އަތޮޅުތަކުގައި ކުރިއށްދާ މަންޒަރު ދަނީ ފެންނަމުންނެވެ. މިއީ މިއަދުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުވެސްމެއެވެ.

އާބާދީގެ ކުޑަބޮޑު މިނެއް ބެލުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުމަކީ ސަރުކާރުގެ ސިޔާސަތެވެ. ސަރުކާރުގެ އެއްމެ ބޮޑު އަމާޒަމީ މި ފަސްއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަސާސީ މުހިންމު ޚިދުމަތްތައް ފުރިހަމަކުރެއްވުމެވެ. ޚާއްސަކޮށް ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދެއްވުމެވެ.

ނ.މާޅެންދުއަކީ މިދެންނެވިފަދަ މަސައްކަތްތައް ކުރިއަށްދާ އެއްރަށެވެ. މާޅެންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙަސަން ވިދާޅުވީ މާޅެންދޫގައި މިހާތަނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައި ވާކަމަަށެވެ.

އެރަށަކީ ފެން ތިލަރަށަކަށްވެފައި ބައެއް ހިސާބުތަކުގެ ގޭގޭގެ ފެން ބޭނުން ނުކުރެވޭވަރަށް ވަނީ ތަޣައްޔަރުވެފައެވެ. އަދި ރަނގަޅު ނަރުދަމާ ނިޒާމެއް ނެތުމުން ގެގޭގައި ހުންނަ ފާޚާނާތަކުގެ ޖަންގްޝަންތައް ފުރި ރަށުތެރޭގައި ނުބައި ވަސްހިފާފައި ހުންނަ މައްސަލައަކީވެސް ކުރިމަތިވެފައި މައްސަލައެކެވެ. ބައެއް ގޭގޭގައި މަހަކު ދެފަހަރު ކަހަލަ ގޮތަކަށް ޖަންގްޝަންތައް ފުރި ގޯތިރެތެއަށް ނަޖިސް ލީކުވެއެވެ.

ނަމަވެސް މިއަދު މިވަނީ މާޅެންދޫ ރައްޔިތުން އުފުލަން ޖެހިފައި އޮތް މި އުނދަގޫ ނިމުމަކާ ގާތްވެފައެވެ. ފެނާއި ނަރުދަމާގެ ނިޒާމެއްނެތި އުފުލި ތަކްލީފު ނިމުމުގެ މަސައްކަތް ފަށާފައެވެ.

ސަރުކާރުން އެމްޑަބްލިއުއެސްސީއާ ޙަވާލުކުރައްވައިގެން މާޅެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ %86 މަސައްކަތް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ މިމަޝްރޫޢުގެދަށުން ކުރިއަށްދާ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 72.8 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކެއްގެ ހޮޅި ވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ އާރު.އޯ ދެ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެވެސް ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމާއި, ސީ އައުޓްފޯލް ޤާއިމްކުރުމާއި، ޕަންޕިންގ ލައިން އެޅުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ޕަންޕިންގ ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއްވެސް މިހާރު ނިމިފައިވާ އިރު، ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް އެކުންފުނިން މައުލޫމާތުދެއްވައެވެ.

މާޅެންދޫގައި ކުރިޔަށް ދާ ފެނާއި ނަރުދަމާގެ މަޝްރޫއަކީ 42.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.