ރިޕޯޓް

ދިއްދޫ ބަނދަރު ބޮޑުކުރުން، އެތައް ބަޔަކަށް ލުއިފަސޭހަކަން ލިބޭނެ މަޝްރޫޢެއް!


ހއ.އަތޮޅުގެ ވެރިކަން ކުރާރަށް ދިއްދުއަކީ ކޮންމެ ދުވަހަކުވެސް އަތޮޅުގެ އެތައްބަޔަކު އެކި ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ރަށެކެވެ. 5000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މިރަށަށް ރަށުން ބޭރުން އަންނަ ގިނަ މީހުންނަކީ ޚާއްސަކޮށް ސިއްޙީ ޚިދުމަތް ހޯދަން އަންނަ މީހުންނެވެ.

ހއ.އަތޮޅުގެ ރައްޔިތުންގެ އިތުރުން ހދ.އަތޮޅާއި ށ.އަތޮޅުގެ ރައްޔިތުންވެސް އެކި ބޭނުންތަކުގައި ވަރަށް ގިނައިން ދިއްދޫއަށް ދަތުރުކުރެއެވެ.

ލަފާފުރުމަށް ދިއްދޫގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ބޮޑުބަނދަރެއް ނަމަވެސް، ދިއްދުއަކީ ހއ.އަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށަކީވެސް ދިއްދުއަށް ވުމުން ބަނދަރުގެ ޖާގާގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މިމަޝްރޫޢާއެކު ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގާގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

"ދިއްދޫގައި މިހާރު ހަދަމުންދާ ބަނދަރަކީ ރާއްޖޭގައި ހަދާ ބަނދަރުތަކުގެތެރެއިން އެންމެފުރިހަމަ އެއް ބަނދަރަށް ވެގެންދާނެ ސަބަބަކީ ބޭރު ތޮށިވެސް ބޭނުން ކުރެވޭ، އަދި އޭގެ އިތުރަށް ޓީޖެޓީގެ ގޮތުގައި މިއޮތް ސަރަޙައްދަކީ ބޮޑު ސަރަހައްދެއް. އަލަށް މިހެދޭ ބަނދަރުގަ މުދާ އުފުލޭގޮތަށާއި ބޮޑެތި އުޅަނދުފަހަރަށްވެސް ބޭނުން ކުރެވޭގޮތަށް ބަނދަރު ހެދިގެން ދާނެ." ރަޝީދު ވިދާޅުވިއެވެ.

ދިއްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީއާ ޙަވާލުކޮށްގެން ފަށާފައިވަނީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސިސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ސަރުކާރުން ދިއްދޫގައި މިހާރު ތަރަށްގީކުރާ ބަނދަރަކީ ރާއްޖޭގައި ހަދާ އެންމެބޮޑެތި ބަނދަރުގެ ތެރެއިން ބަނދަރެއް ކަަމަށެވެ. މިމަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި މިއީ އަލަށް ބަނދަރެއް ހެދުން ކަހަލަ ބޮޑުމަސައްކަތެއްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މިހާރު ދިއްދޫގައި ބޭނުން ކުރާ ބަނދަރަކީ ފުޅާމިނުގައި 250 ފޫޓުގެ ބަނދަރެކެވެ. ބަނދަރު ބޮޑުކޮށް ނިމޭއިރު ފުޅާމިނުގައި 350 ފޫޓު ހުންނާނެއެވެ. އަދި ދިގުމިން 600 ފޫޓަށް އިތުރު ވެގެން ދާނެއެވެ.

މި މަޝްރޫޢުގެ ދަށުން 78،000 އަކަމީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 69.87 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.